ސުނާމީއަށް 17އަހަރު: ރާޅުތެރޭގައި ބައްޕަ ހޭދަކުރި ހިތްދަތިކަން ، ލަވަޔަކުން ކިޔައިދިނީ ކޮޅުނބުން ސުނާމީއާ ބައްދަލުކުރި ދަރިފުޅު!
ތަނަކީ އަވައްޓެރި ސިރީލަންކާގެ ކޮޅުނބެވެ. އެ ރަށުގެ ހިތް ފަސޭހަ މާހައުލުގައި ދުވަސްތައް ގުނަމުން ދިޔަ އެކަކީ އުމުރުން 30 އަހަރުގެ އަޒްރަފް ފާރޫޤް (އަޒުބެ)އެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުގެ އިރު ވެސް ފެން މައްޗަށް އަރައިގެން އައީ ކޮޅުނބަށް ހިމޭންކަން ފަތުރަމުންނެވެ. މި ގައުމާ އެންމެ ގާތުގައި އޮތް ދިވެހިރާއްޖޭގެ އޭނާގެ އުފަން ވަޒަނާއި އެ ވަޒަނުގައި ތިބި މައިންބަފައިންނާއި އެކުވެރީންގެ ހަނދާންތަކާ އެކު ހިތަށް ތަސައްލީ ދެމުންނެވެ.
އެހެން ނަމަވެސް އެ ދުވަހުގެ ނަލަކަން ދެމި އޮތީ މަދު ގަޑިއިރަކަށެވެ. ކޮޅުނބުގެ ގަޑިން 9:15ހައިއިރު މާސިންގާ ރާޅެއް އަރައި އެ ރަށުގެ އައްސޭރިފަށް އެކީއެކަށް ދޮވެލައިފިއެވެ. ޖިފުޓިތަކުގައި ދިރިއުޅުނު އެތައް ސަތޭކަ ބަޔަކު އެ ރާޅުގެ ދަށުލައި ދުނިޔެ ދޫކޮށްފިއެވެ. 1700އެއްހައި ފަސިންޖަރުން ގޮވައިގެން ކޮޅުނބުން ގޯލަށް ދަތުރުކުރި ބަހެއް ރާޅުގެ ދަށުވެ އޭގެ ތެރެއިން މަދު މީހަކު ނޫނީ އެންމެން ރާޅުގެ ތެރޭގައި ޣަރަޤުވެ ނެތި ހިނގައްޖެއެވެ.
އޭގެ 15 މިނެޓް ފަހެވެ. ކޮޅުނބާ 611 މޭލު ގާތުގައި އޮތް އަޒުބެގެ ވަޒަން ، ތ.ވިލުފުއްޓަށް އެ ރާޅު ފޯރައިފިއެވެ. އެ ރަށް ވެސް ރާޅުގެ އަޑިއަށް ލައި ޚިޔާލަށް ވެސް ނާންނަހައި އެތައް ގިނަގުނަ ކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެތައް ބަޔަކު މަރުވެ ހުރިހައި ގެތަކެއް ބިމާ ހަމަވެއްޖެއެވެ. ލޮނުގަނޑުގެ ތެރޭގައި ތިބި އެންމެން އެމީހަކު އަތު ޖެހުނު އެއްޗެއް ހިފައިގެން ސަލާމަތް ވާން މަސައްކަތް ކުރަނީއެވެ. ބައްޕައިންނާއި މަންމައިންގެ ކޮނޑުގައި އެލިގެން ތިބި އެތައް ކުއްޖަކު ހިމާޔަތުން ވީއްލި ދޫވެއްޖެއެވެ. ބިރުވެރި އެ ނާމާން މާހައުލު ވަށައިލީ ސަލާމަތަށް އެދި ރޯއަޑާއި އެހީއަކަށް އެދި އާދޭސް ކުރާ އަޑުތަކުންނެވެ.
މި ހިތްދަތި ވަގުތުތަކުގެ އެއްވެސް އިހްސާސެއް އަޒުބެގެ ނެތެވެ. ނަމަވެސް މަދު ގަޑިއިރެއް ފަހުން އޭނާއަށް މިހައިތަނަށް ލިބުނު އެންމެ ސިހުން ބޮޑު ޚަބަރާ އެކު އަތްފައި ފިނިވެގެން ދިޔައެވެ. ކަންބޮޑުވެ ހާސްވެއްޖެއެވެ. ލޯބިވާ މައިންބަފައިން ކޮބައިބާވައެވެ. ރާޅުގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށް ދިޔައީ ބާވައެވެ. އެ މީހުން ތިބީ ކޮން ހާލެއްގައި ބާވައެވެ. މިފަދަ އެތައް ވިސްނުމަކުން އޭނާގެ ސިކުނޑި އިތުރަށް ހާސްކުރުވައެވެ.
ރަށަށް ގުޅައި ޚަބަރު ބެލުމަށް ކުރި ހުރިހައި މަސައްކަތެއް ވީ ބޭކާރެވެ. އެއްވެސް މީހަކާ ގުޅޭ ގޮތެއް ނުވެއެވެ. އޭގެ ފަހުން މާލޭގައި ހުރި ބޭބެއަށް ގުޅައި މައިންބަފައިންގެ ހާލު ބެލުމަށް ކުރި މަސައްކަތަށް ވެސް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ހިމޭންކަން ފަތުރަމުން ބައްދަލުކުރި ދުވަސް ނާމާންކަމަށް ބަދަލުވެ ދިޔައީއެވެ.
އަޒުބެއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެ ރެއެވެ. ވިލުފުށީގެ މާހައުލުން އުފާވެރިކަން ބީވެ ދިޔަ ނަމަވެސް މައިންބަފައިން ސަލާމަތުން ތިބިކަމުގެ ޚަބަރާ އެކު އޭނާގެ ހިތް ޝުކުރުން ފުރުނެވެ. ވަގުތުން ނިންމީ ވީހައި ވެސް އަވަހަކަށް ރާއްޖެ އަންނާށެވެ. ނިކަމެތި ޙާލަށް މައިންބަފައިންނާއި ގާތްތިމާގެ މީހުން ދޫކޮށް ނުލައި އެ މީހުންނަށް އެހީތެރިވެދޭށެވެ. މާލޭގައި ހުރި ބޭބެ މެދުވެރިކޮށް ރަށުގެ ޚަބަރުތައް ބަލަމުން ދިޔަ އަޒުބެއަށް މާލެއަށް އާދެވުނީ ހަފްތާއެއްހައި ދުވަސް ފަހުންނެވެ.
މާލެ އައިސް ، ވީ އެންމެ އަވަހަށް ބައްޕައަށް ގުޅިއެވެ. ކަންކަން ދިމާވި ގޮތް އޮޅުން ފިލުވިއެވެ. ހިމޭންކަން ފަތުރަމުން އައި ދުވަސް ބަނަވެގެން ދިޔަ ގޮތް ބައްޕަ ތަފްސީލްކޮށްދިނެވެ. ސަލާމަތްވުމަށް ޓަކައި ރާޅުގެ ތެރޭގައި ފަތައިފައި އުޅުނު ވަގުތުތައް އަޒުބެއަށް ސިފަކޮށްދިނެވެ. ނަމަވެސް އެ ހުރިހައި ޚަބަރެއް އަޒުބެއަށް އުނދަގޫ ކުރަމުން ގެންދިޔައެވެ. އެދުހުގެ ހުރިހައި ހިތްދަތިކަމެއް ފުރަތަމަ ފަހަރަށް އޭނާއަށް ކުލަވެގެން ދިޔުމުން މީހާ ހުއްޓުން އަރައި އެ ކެކުޅުމުގައި ތާށިވެއްޖެއެވެ. ތަސައްލީއެއް ލިބޭތޯއާއި އެ މަންޒަރު އެހެން ބަޔަކަށް ސިފަކޮށްދެވޭތޯ އަޒުބެ ނޯޓް ފޮތް ނެގިއެވެ.
ހިމޭންކަން ފަތުރަމުން ، އެދުހު އިރު ފާޅުވީ ، ހިމޭން ނަލަ ދުވަހެކޭ މަށާ ބައްދަލުކުރީ
ޚިޔާލަށް ނާންނަހާ ، އެތައް ގިނަގުނަ ކަމެއް ،މަށަށް ހަމަ އެދުހުގައި ވަށާ ކުރިމަތި މިވީ
މިއީ ރާއްޖޭގައި ސިޔާސީ ހަނގުރާމަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި 2004ގެ ޑިސެމްބަރުގައި ބިއްދައިލި ބޮޑު ރާޅު އެރި ވަގުތު ދިވެހީން ދެއްކި ނަމޫނާ އަޚުވަންތަކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ޖެހިގެން އައި އަހަރުން ފެށިގެން ފާހަގަ ކުރަމުންދާ އެއްބައިވަންތަކަމުގެ ދުވަހުގައި އާންމުކޮށް އިވޭ "ހިމޭންކަން ފަތުރަމުން"ލަވައިގެ ފެށުމެވެ.
ލަވަ ވުޖޫދުވުން
ކޮންމެ އަހަރެއްގެ ޑިސެންބަރމަހުގެ 26ވަނަ ދުވަހަކީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާން ސަރުކާރުން ނިންމެވުމާ ގުޅިގެން އެ ދުވަސް ފާހަގަކުރާ އަލަތު އަހަރަށް ލަވައެއް ހައްދަވަން އޭރުގެ އިންފޮމޭޝަން މިނިސްޓަރ މުޙައްމަދު ނަޝީދު ބޭނުންފުޅުވެވަޑައިގަތެވެ. އޭރު އެކަމަށް މަސައްކަތް ކުރަން އޮތީ ހަފްތާއެކެވެ. ލަވަ ހެދުމަށް މިނިސްޓަރު ވާހަކަފުޅު ދެއްކެވި މުޙައްމަދު މުންތަސިރު (މުންކޮ)އަކީ އަޒުބެގެ ގާތް ރައްޓެއްސެކެވެ.
މަސައްކަތަށް އާނ ބަސް ބުނެ މުންކޮ އަޒުބެއާ ވާހަކަ ދެއްކިއެވެ. އޭރު އަޒުބެ މި ލަވަ ލިޔެފައި އޮތްކަން މުންކޮއަށް އެނގެއެވެ. އެހެންކަމުން އަޒުބެ ތައްޔާރުކޮށްފައި އޮތް ލަވަޔާއި މެލޮޑީއަށް ކޮންމެވެސް ވަރެއްގެ ރެކޯޑިންއެއް ހަދައިގެން މުންކޮ މިނިސްޓަރާ ބައްދަލު ކުރުމުން އެ ލަވަޔާ މެދު ހިތްހަމަ ޖެހިވަޑައިގެން މަސައްކަތް ނިންމުމަށް އެދިވަޑައިގަތެވެ. އަދި މިޔުޒިކް ހެދުމާއި ރެކޯޑިންއަށް ދިވެހިރާއްޖޭގެ އަޑުގެ ބޭންޑްގެ ވަސީލަތްތައް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވިއެވެ.
އެ ހިސާބުން ލަވަ ފާސްކުރުމާއި ވީޑިއޯ ހެދުމުގެ މަސައްކަތުގައި ދިމާވި އެތައް ގޮންޖެހުންތަކަކާ އެކީ ވެސް ، އަޒުބެގެ އަޑުން ލަވަ ކިޔައި ބާޗީގެ މިޔުޒިކާ އެކު ވަގުތަށް ނިންމައި ލަވަ ޙަވާލުކުރިއެވެ. މަސައްކަތް އެންމެން ބަލައިގަތެވެ.
ގިނަ މީހުންނާ ނޭނގޭ ، މަޝްހޫރު އަޒުބެ
"ހިމޭންކަން ފަތުރަމުން" ލަވައަކީ އެންމެންގެ ކަންފަތަށް ވެސް ފަރިތަ ލަވައެކެވެ. ކޮންމެ އަހަރެއްގެ އެއްބައިވަންތަކަމުގެ ދުވަހާއި ކާރިސާތަކުގެ ހާލަތުގައި އިވޭ ލަވައެކެވެ. މަޝްހޫރު ލަވައެކެވެ. ނަމަވެސް އަޒުބެއަކީ ގާތްތިމާގެ މީހުންގެ އިތުރުން ރައްޓެހީންނާއި ރަށުގެ މީހުންނަށް އެކަނި އެނގޭ ނަމެކެވެ. މިޔުޒިކީ ދާއިރާގައި މުންކޮއާ އެކު މަސައްކަތްތަކެއް ކޮށްފައި ވީނަމަވެސް އާންމުންނަކަށް އޭނާއެއް ނޭނގެއެވެ.
"މީހުން ބުނޭ އަސްލު ކީއްވެހޭ ނަމާ އެއްޗެހި ނުޖެހީ، މުޅީން އެހެން މީހަކަށް ނޫންހޭ ކްރެޑިޓް ލިބެނީ ، އަހަރެން ބުނަން އޯކޭއެއް ނޫންހޭ ، ކޮބައިހޭ މައްސަލަޔަކީ ، އެހެން ބުނާއިރަށް މީހަކު ބުނަނީ ކްރީމް މުޙައްމަދޭ (މެޒޯ މޯޑްގެ ލަވައެކޭ)، އަހަރެން ބުނީން އޭނައަކީ އޮރިޖިނަލް އާޓިސްޓެއް ނޫންހޭ ، މަށަކީ އޭނާގެ ވަރަށް ބޮޑު ފޭނެކޭ ، މަށަށް ވަރަށް ކަމުދޭ އޭނާ ކޮޕީ މިޔުޒިކް ނުކިޔާތީ، އެހެންވީމަ ތި ގޮތް ވެސް މަށަށް އޯކޭއޭ" އަޒުބެ ކިޔައިދިނެވެ.
އަޒުބެ ބުނީ ލަވައިގެ ކްރެޑިޓް ނުލިބުނަސް އެ ލަވަ މީހުންނަށް ކަމުދާތީ ވަރަށް އުފާވާ ކަމަށެވެ. އަދި މިހާރު އެ ލަވައިގެ ކަވަރތައް ވެސް އިވޭ ކަމަށާއި އެއީ ވެސް އުފާވާ ކަމެއް ކަމަށް އަޒުބެ ފާހަގަ ކުރިއެވެ.
"ބޭބެ އުޅޭނީ އެމްއެންޑީއެފްގައި، ސެވަން އެއިޓް އިޔަރސް ކުރީގައޭ ހަނދާން ވަނީ ، އެއް ދުވަހަކު ބުނެފި އަޒުބެ ލަވައޭ އިންނަނީ މިހާރު އެމްއެންޑީއެފް ވޭކްއަޕް ކޯލަކަށް ވެސް ، ހެނދުނު 6 ޖަހާއިރު ، މަ ބުނެފިން އެހެން ހެއްޔޭ، ދެން ބުނެފި އާނއެކޭ ވަރަށް ގިނަ މީހުންނަށް ކަމުދާ ވާހަކަ ވެސް ދައްކައޭ ، ނުބުނަމޭ އެއީ ކޮއްކޮއެކޭ" ލަވައިގެ ކްރެޑިޓް ނުލިބުނު ނަމަވެސް އުފާވާ ބައެއް ކަންކަން އަޒުބެ ހިއްސާ ކުރިއެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ ތީމް ލަވަޔަކަށް ވެފައިވާ މި ލަވައިގެ ކްރެޑިޓް ނުލިބުނު ނަމަވެސް އަޒުބެ އެންމެ ހިތްހަމަ ޖެހޭ ކަމަކީ އެ ލަވައިން މީހުންނަށް ލިބޭ ހިތްވަރެވެ.
" މި ދުވަހަށް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް (ރަށަށް) ދެވޭ ، މިފަހަރު މޮނިޓަރިންގައި އޮތީމަ މި އިނީ ނުދެވިފައި ، ދެން ރަށުން ވަރަށް ގިނަ މީހުން ބުނޭ ވަރަށް ބޮޑު ހިތްވަރެއް ލިބެޔޭ މި ލަވައިން ، އެ ހިސާބަށް (އެ ހަނދާންތަކަށް) ގެންދެޔޭ (މި ލަވައިން)، ރޮވެޔޭ ހަމަ"
މި ހިތްހަމަ ޖެހުމާ އެކު ވެސް މި ލަވަޔާ ގުޅޭ ގޮތުން އަޒުބެ ފާހަގަ ކުރާ ނުތަނަވަސްކަމެއް އެބައޮތެވެ. އެއީ ލަވަޔަށް ގެންނަ ބަދަލުތަކެވެ.
"ބަސް ކިޔާ ގޮތަކަށް ނޫން ، އެކަމަކު ފާސްކޮށްފައި އޮތް ލަވައެއް ، ދެން 16 ، 17 އަހަރުފަހުން އެ ލަވައިގެ ބަސްތައް ބަދަލުކުރީމަ ކަމަކު ނުދޭ ދޯ، މިއީ އެ ހާދިސާއާ އަދި ފެމިލީއާ ވެސް ވަރަށް ބޮޑަށް ގުޅިފައި އޮތް އެއްޗެއް" ކައިރީގައި ހުރި ކޮފީތަށިން ފޮދުވަރެއް ދަމައިލަމުން އޭނާގެ ނުތަނަވަސްކަމަށް ލުޔެއް ހޯދޭތޯ ބެއްޔެވެ.
އަޒުބެ ސްނާމީގެ ރާޅުތައް ތަޖުރިބާ ނުކުރި ނަމަވެސް އެއީ އޭނާއަށް ވެސް ހިތްދަތި ހާދިސާއެކެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ އިތުރުން ރާއްޖޭގެ އަޚުންނާއި އުޚުތުން އެ ދުވަހު ތަހައްމަލުކުރި ކެކުޅުންތައް އޭނާ ވެސް ހިއްސާކުރެއެވެ. ސްނާމީއަށް ފަހު ގެތަކާއި އެހެން އިމާރާތްތައް އަޅައި މުޅީން އެހެން ރަށަކަށް ވެފައި އޮތް އޭނާގެ އުފަން ވިލުފުއްޓަށް އޭގެ ފަހުން ކިތަންމެ ފަހަރަކު ޒިޔާރަތް ކުރެވުނު ނަމަވެސް އޭނާގެ ޚިޔާލުގައި އަދިވެސް ކުރެހިފައި އޮތީ ޒުވާން ދުވަސްވަރުގެ ހަނދާންތައްވީ ވިލުފުއްޓެވެ. ހުވަފެނުން ވެސް އޭނާއަށް ދެވެނީ އެ ވިލުފުށީގައި ހޭދަކުރި އުފާވެރި ވަގުތުތަކަށެވެ.
ލަވަ ހިމަނައިލި ނަމަ ވަރަށް ފުރިހަމަ ވީސް