މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީ މާދަމާ ހުޅުވަނީ

އައްޑޫ ސިޓީ ގަމުގައި ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ މާދަމާ ރަސްމީކޮށް ހުޅުވުމަށް ނިންމައިފިއެވެ.
އޭވިއޭޝަން އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9:30ގައި ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސަރުކާރުގެ އޭވިއޭޝަން އެކަޑަމީ ހިންގާނީ އެމްއެންޔޫއާއި އައިލެންޑް އޭވިއޭޝަނުން ހަދައިފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. އެ ތަން މެނޭޖުކުރަން ނިންމައިފައި ވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.
އައްޑޫގައި މީީގެކުރިން ފްލައިން ސްކޫލް ހިންގަމުން އައިސްފައި ވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އެވެ. އެ ކުންފުންޏާ އެކު އޭއައިއޭއިން ހަދައިފައިވާ އެއްބަސްވުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އެއްބަސްވުން އައުނުކުރަން އޭއައިއޭއިން ވަނީ ނިންމައިފައެވެ.
އެއްބަސްވުން އައުނުކުރަން ނިންމިއިރު އެ ސްކޫލްގައި ކިޔަވަމުން ދިޔަ ގިނަ އަދަދެއްގެ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވާތާ ގިނަ މަސްތަކެއް ވަނީ ވެގެން ގޮސްފައެވެ.
އައިލެންޑް އޭވިއަޝަނުން ކުރިން ބުނި ގޮތުގައި ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭނެއެވެ. އަދި އޭއޭއޭއިން ހިންގި ފްލައި ސްކޫލަށް ފައިސާ ދައްކައި ކިޔެވުން ކުރިއަށް ނުގެންދެވި ތިބި ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.