ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރަން "އޭސީޓީ ޓަވާ ސްޓިމިއުލޭޓާ" ހުޅުވައިފި

އެއާ ޓްރެފިކް ކޮންޓްރޯލަރުން ރާއްޖޭގައި ތަމްރީނު ކުރާނެ ޒަމާނީ ވަސީލަތްތައް ހިމެނޭ "އޭސީޓީ ޓަވާ ސްޓިމިއުލޭޓާ" ހުޅުވައިފިއެވެ.
އެކަމަށް ޓަކައި މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯހާ ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ދުނިޔޭގެ ފެންވަރުގެ ސްޓިމިއުލޭޓަރެއް ގާއިމު ކުރުމަކީ މުޅި އެއާޕޯޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އެއާ ޓްރެފިކް ކޮންޓްރޯލް ކުރަން މީގެ ކުރިން ވަރަށް ބޮޑު ގޮން ޖެހުމަކާ ކުރިމަތިވި. އެގޮތުން މި ދާއިރާއިން މީހުން ތަމްރީނު ކުރަން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ޖެހޭ. މި އިންވެސްޓްމެންޓާ އެކު ކުރިއަށް އޮތް ތަނުގައި ވަރަށް ކުޑަކުޑަ ފައިސާ ކޮޅަކުން ކޮންޓްރޯލަރުން ތަމްރީނު ކުރެވޭނެ،" ތޯހާ ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ބުނީ ކުރިމަގަށް އަމާޒުކޮށް، އާ އެއާޕޯޓުތައް ހުޅުވަމުންދާ ވަރަކަށް އެ ދާއިރާއިން އިތުރު މީހުން ބޭނުންވާނެ ކަމަށެވެ.