ރިޕޯޓް

ހާމިދުގެ ވަކިވުން: ގެއްލިގެން ދިޔައީ ހެޔޮ ހިތެއްގެ ވެރިއެއް، އަގުހުރި ހިދުމަތްތެރިއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އުމްރާގެ އަޅުކަން އަދާކުރަނިކޮށް ނިޔާވި ނ. ހޮޅުދޫ/ ސާދާގޭ ހާމިދު މުޙައްމަދު

މުޅި ރާއްޖެއަށް މިއަދު ސިހުން ލިބުނު އެއް ހަބަރަކީ، އުމްރާގެ މަތިވެރި އަޅުކަމުގައި ހުއްޓައި ދިވެއްސަކު ނިޔާވި ހަބަރެވެ.

Ads by MWSC

ނ. ހޮޅުދޫ، ސާދާގެ ހާމިދު މުޙައްމަދު އުމްރާގެ އަަޅުކަން އަދާ ކުރުމަށް މައްކާއަށް ފުރީ މިމަހުގެ 22ވަނަ ދުވަހުގައެވެ. އޭނާ ނިޔާވީ ރޭ ދަންވަރު 2:15 ގައެވެ.

"ދެން"އަށް މައުލޫމާތު ދެމުން ހާމިދުގެ އާއިލާއިން ބުނީ، ހާމިދުއަކީ ކުރިން ވެސް އުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނާ އެކު ޖަމާއަތުގައި އެހީތެރިއެއްގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އޭނާ މިފަހަރު ވެސް މައްކާއަށް ވަޑައިގެންނެވީ އެފަދައިން ކަމަށާއި އެހީތެރިއެއްގެ ގޮތުގައި ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް، އެނބުރި ރާއްޖެ ވަޑައިގަންނަވަނީ އުމްރާގެ މަތުވެރި އަޅުކަން ވެސް ކުރައްވައިފައި ކަމަށް އާއިލާއިން ބުންޏެވެ.

އުމްރާގެ ޖަމާއަތްތަކުގައި އެހީތެރިއެއްގެ ގޮތުގައި ހިދުމަތް ކުރެއްވުމުގެ ކުރިން، ހާމިދުއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި 20 އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

"ބީއެމްއެލްގެ ދޯންޏެއް އެއިރު ދާނީ ނ. ރ. ބ. ޅ. އަތޮޅުގެ ރަށްރަށަށް ހިދުމަތް ފޯރުކޮށްދޭން ކޮންމެ މަހަކު ވެސް. އެގޮތުން މި ސަރަހައްދުގެ ރައްޔިތުންނަށް ބީއެމްއެލްގެ އެ ހިދުމަތުގެ ތެރެއިން ވަރަށް ބޮޑު އެހީތެރިކަމެއް ހާމިދު ފޯރުކޮށްދެއްވި" އާއިލާގެ ފަރާތުން ބުންޏެވެ.

ބީއެމްއެލްގެ މޮބައިލް ބޭންކިންގ ފެށުނީއްސުރެ ހާމިދު ވަނީ އެ ބޭންކާ އެކު މަސައްކަތް ކުރައްވައިފައި ކަމަށް ވެސް އާއިލާގެ ފަރާތުން ބުންޏެވެ.

"އޭގެ ކުރިން އޮޑިދޯނި ފަހަރު ގެންގުޅުމާ، ފަޅު ރަށްތައް ގެންގުޅުމުގެ މަސައްކަތްތަކުގައި ހާމިދުއަކީ ވިޔަފާރި ކުރެއްވި ބޭފުޅެއް. އެގޮތުން ދަރިން އެންމެ ކުޑަ އިރުން ފެށިގެން ވެސް ހާމިދު އުޅުއްވީ މަސައްކަތުގައި. ދަރިން ކުޑައިރު އެ ކުދިންނަށް ވެސް ހާމިދު ދަސްކޮށްދެއްވި މަސައްކަތުގައި އުޅެން، މުރާލިވާން" އާއިލާގެ ފަރާތުން ބުންޏެވެ.

ހާމިދު ވަނީ މީގެ ކުރިން ވެސް ހޮޅުދޫގެ އިޖުތިމާއީ ތަރައްޤީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. އެގޮތުން ބީއެމްއެލް އިން ރިޓަޔަރ ކުރެއްވުމަށް ފަހު "ހައިރާތު" ޕްރޮގްރާމުތަކެއް ވެސް ހާމިދު ވަނީ ހިންގަވައިފައެވެ. އެގޮތުން ކުރެއްވި އެއް މަސައްކަތެއްގެ ގޮތުގައި، ނ. އަތޮޅުގެ ރަށެއްގައި ހުއްޓިފައި އޮތް މިސްކިތް ޕްރޮޖެކްޓް ފާހަގަކުރެވެއެވެ.

"އެ ޕްރޮޖެކްޓު ހުއްޓިފައި އޮތް ހިސާބުން، ދެން ކުރިއަށްގެންދަން ބޭނުންވާ އެއްޗެހި ހޯދައިދީގެން، އެ މިސްކިތުގެ މަސައްކަތް ނިންމި. މިހާރު އެ މިސްކިތް ހުޅުވައިގެން ބޭނުން ވެސް ކުރަމުން ދަނީ" ދެންއަށް މައުލޫމާތު ދެމުން އާއިލާއިން ބުންޏެވެ.

ނުހަނު ގިނަ ހިދުމަތްތަކެއް އާންމުންނަށް މިފަދައިން ކޮށްދެއްވި ހާމިދަކީ، ގިނަ މީހުން ފާހަގަ ކުރާ ގޮތުގައި ނުހަނު ހިތްތިރި، އަދި އެންމެންނާ ވެސް ގުޅޭ މިޒާޖެއްގެ މީހެކެވެ.

"ހާމިދުގެ ރައްޓެހިން ތިބެނީ ހަމައެކަނި ހޮޅުދޫގައެއް ނޫން. ރާއްޖޭގެ އެކި ކަންކޮޅުގައި ތިބޭ. އަބަދުވެސް މީހުންނަށް ގުޅައި، ހާލު އަހައި ހަދާނެ. އެހީތެރިކަމެއް ބޭނުންވެގެން އަންނަ ކޮންމެ މީހަކަށް ވީވަރަކުން އެހީތެރި ވެސް ވެދިން. މީހުންނަށް ރަނގަޅު މީހަކަށް ވުމުގެ ސަބަބުން، މިއަދު ހާމިދު ނިޔާވި ހަބަރު އިވުމުން އެތައް ބަޔަކު ވެސް ގުޅައިފި" އާއިލާއިން މައުލޫމާތު ދިން މީހާ ބުންޏެވެ.

ހާމިދު ނިޔާވީ އެއްވެސް ވަރަކަށް ބަލިވެ އުޅެފައި ނޫން ކަމަށާއި ހަމަ ކުއްލި މަރަކުން ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ދެން ފެންނަން ނުހުންނާނެތީ ދެރަވޭ. ނިޔާވީ ދުރުގައި ހުއްޓާ ކަމަށްވާތީ ވެސް ދެރަވޭ. އެކަމަކު ނިޔާވީ ރީތި މަރަކުން ކަމަށްވާތީ އެ ހިތްހަމަޖެހުން އެބައޮތް. ނިޔާވީ ހުކުރު ދުވަހެއްގައި، މި ދުނިޔޭގެ އެންމެ މާތް ބިމުގައި މަތިވެރި އަޅުކަމެއް އަދާކުރައްވަން ގޮސް ހުއްޓައި. ވަޅުލެވެނީ ވެސް މާތް ވަގުތަކު (ހުކުރު ދުވަހުގެ މަޤްރިބް ނަމާދު ވަގުތަށް ފަހު) އެ މާތް ބިމުގައި. އެހެންވެ الحمد لله އެކަމާ އުފާކުރަން." އާއިލާއިން ބުންޏެވެ.

ހާމިދާ އެކު އުމްރާއަށް މިފަހަރު އޭނާގެ އަނބިމީހާ ވެސް ދިޔައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އަނބިމީހާގެ ހާލު ރަނގަޅެވެ.

މާތް ﷲ ހާމިދުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo
  1. އާާމިނާބީ

    އާމީން

  2. އަޙްމަދު

    ހާމިދުބެ އަކީ ހެޔޮލަފާ ރަނގަޅު ޚުލްޤެއްގެ ވެރިޔެއް. ގެެއްލިގެން ދިޔައީ އެތަކެއްބަޔެއްގެ ލޯބި ލިބިގެންވާ އެކުވެރިޔެއް. މައްޔިތާއަށް ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.

  3. އަބުޅޯބޭންކު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

  4. ޢަލީ

    ޙާމިދަށް ހެޔޮ ރަޙުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކޮށް ދެއްވާށި.آمین

  5. َاِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ