ޓްރެފިކް ގަވާއިދާ ޚިލާފުވެ ވިކީ ކައުޝަލްއާ ދެކޮޅަށް މައްސަލައެއް

ސާރާ އަލީ ޚާންއާ އެކު ފިލްމު ޝޫޓިންގެ ތެރޭގައި ސައިކަލު ނަމްބަރު ޕްލޭޓް ގަވާއިދާ ހިލާފަށް ބޭނުން ކުރި ކަމަށް ބުނެ ވިކީ ކައުޝަލްއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މަދްޔަ ޕްރަދޭޝްގެ އިންޑޯރްގައި ދިރިއުޅޭ މީހަކު ވިކީ ކައުޝަލްއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ފިލްމެއްގައި އޭނާގެ ނަމްބަރު ޕްލޭޓް ގަވާއިދާ ހިލާފަށް ބޭނުން ކުރި ކަމަށް ބުނެއެވެ.
މި ފިލްމުގައި ވިކީއާ އެކު ސާރާ އަލީ ޚާން ވެސް ފެނިގެންދެއެވެ. މި ޝަކުވާ ހުށަހެޅީ ސާރާއާ އެކު ޝޫޓިންގެ ތެރޭގައި އެކްޓަރު ސައިކަލު ގައި ދުއްވައިފައި ދިޔަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމާ ގުޅިގެންނެވެ.
މައްސަލަ ހުށަހެޅި ޖައި ސިންގް ޔާދަވް ބުނީ ވެހިކަލްގައި ބޭނުންކުރި ނަމްބަރު ޕްލޭޓަކީ އޭނާގެ ނަމްބަރު ޕްލޭޓް ކަމަށެވެ.
"ފިލްމީ ޔުނިޓަށް އެނގިފައި ނެތް ނަމަވެސް މިއީ ގާނޫނާ ހިލާފު ކަމެއް. ހުއްދަ ނެތި އަހަރެންގެ ނަމްބަރު ޕްލޭޓް ބޭނުން ނުކުރެވޭނެ. އަޅުގަނޑު ސްޓޭޝަންގައި މެމޮރެންޑަމްއެއް ދީފިން. އެ މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ،" އޭނާ ބުންޏެވެ.
އެ ޝަކުވާއަށް ޖަވާބު ދެމުން އިންޑޯރްގެ ބަންގަންގާ ސަރަހައްދުގެ ސަބް އިންސްޕެކްޓަރު ރަޖެންދްރަ ސޮނީ ބުނީ ނަމްބަރު ޕްލޭޓް ބޭނުންކޮށްފައި ވަނީ ގަވާއިދާ ހިލާފަށްތޯ ބަލާނެ ކަމަށާއި އިންޖީނުލީ އެއްގަމު އުޅަނދުތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.