ކެޓްރީނާއާއި ވިކީ ދިރިއުޅޭ ގެ ދައްކައިލައިފި

ކެޓްރީނާ ކައިފްއާއި ވިކީ ކައުޝާލް މިހާރު ދިރިއުޅޭ ގެ ދައްކައިލައިފިއެވެ.
އަންގާރަ ދުވަހުގެ ހެނދުނު ކެޓްރީނާ ވަނީ އޭނާގެ ސޯޝަލް މީޑިއާ ހޭންޑްލްގައި އޭނާގެ މިހާރު ދިރިއުޅޭ ގޭގެ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ.
ކެޓްރީނާ ވަނީ އެ ގޭގައި ހުންނަ އިރު ފެންނަ ސީ ވިއު ދައްކައިލައިފައެވެ. މީގެ އިތުރުން ގޭގެ އެކި ތަންތަނާއި އޭނާގެ މަންމަ ސުޒާން ތުރްކޯޓޭއާ އެކު ނަގައިފައިވާ ފޮޓޯއެއް ވެސް ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯގައި ކެޓްރީނާ ފެނިގެން ދަނީ ބެލްކަނީގައި އޭނާގެ މަންމައާ އެކު ހުއްޓިލައިގެން ހުރިތަނެވެ.

ކެޓްރީނާއާއި ވިކީ ކައިވެނިކުރީ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރާޖަސްތާނުގެ ފޯޓް ބަރްވަރާގައެވެ. ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ދެމަފިރިން ލިމިޓެޑް ގެސްޓް ލިސްޓެއް އިހްތިޔާރުކޮށް ކައިވެނިކުރީ އާއިލާއާއި ގާތް ރަހުމަތްތެރިންގެ ހާޒިރުގައެވެ.
ކައިވެންޏަށް ފަހު ދެމަފިރިން ބަދަލުވީ ޖުހޫގައި ހުންނަ ސީ-ފޭސިންގ އެޕާޓްމަންޓަކަށް ކަމަށް ވެއެވެ. އެކްޓަރު އަނުޝްކާ ޝަރްމާއާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ވެސް އެ އިމާރާތުގައި ދެ ފަންގިފިލާގައި ދިރިއުޅެއެވެ.