ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންތަކާ ގުޅިގެން އައިޖީއެމްއެޗުން ފިޔަވަޅު އަޅަނީ
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ ގްރޭސް މަރައިލާން އެހީތެރިވިކަމުގެ ތުހުމަތު އުފުލިފައިވާ ޅ. ހިންނަވަރު ހަލީމަތު ލަމްހާ ދިރިއުޅޭ ކޮޓަރިން، އެ ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ބޭނުން ކުރެވޭ އިންޖެކްޝަންތަކާއި ބޭސްތަކެއް ފެނުނު މައްސަލައިގައި އައިޖީއެމްއެޗުގެ ޕްރޮޓޮކޯލް ހަރުދަނާކޮށް އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ލަމްހާއަކީ އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތް ކުރާ ނަރުހެކެވެ. މޭރީ މަރައިލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންއާއި، ލަމްހާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ.
މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ލަމްހާގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ތިން ދައުވާއެކެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ތިން ދައުވާ ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕީޖީ އޮފީހުން ބުނީ ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލައިފައި ވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީ ކަމަށެވެ.
މީގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލައިފައި ވަނީ އޭނާ ދިރިއުޅެމުން އަންނަ ކޮޓަރި ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން އޭނާ ނަގައިފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.
މިކަންކަމާ ގުޅޭގޮތުން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ ލަމްހާގެ ގެއިން ފެނުނު އިންޗެކްޝަންތަކާއި ބޭސްތަކުގެ މައްސަލަ އެ ހޮސްޕިޓަލުން ތަހުގީގުކޮށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.