ޚަބަރު

އިންޑިއާ އައުޓް ހިނގާލުމުގެ ތެރެއިން 7 މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދު އިދިކޮޅުން ކުރިޔަށް ގެންދިޔަ "އިންޑިއާ އައުޓް" ކެންޕެއިންގެ ތެރެއިން

އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިންގެ މިއަދު އޮތް ހިނގާލުމުގެ ތެރެއިން ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by STELCO

މިއަދު ހަވީރު އިދިކޮޅުން ބޭއްވި ހިނގާލުމަށް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ހަތް މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި، މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ ކައުންސިލަރު އައިފާން ހިމެނެއެވެ.

"އިންޑިއާ އައުޓް" ހިނގާލުން ހުުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި މިއަދު ހަރަކާތްތެރިވެފައި ވެއެވެ. އަދި މަގުތަކަށް މީހުން ދިޔަ ނުދީ ހިފަހައްޓާފައިވާ އިރު، މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދެއެވެ.

އިއްޔެ ކުރިޔަށް ދިޔަ ހިނގާލުމުގެ ތެރެއިން ވެސް، ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމަށް ބުނެ 11 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ 11 މީހުން ރޭ ދަންވަރު ވަނީ ދޫކޮށްލައިފައެވެ.

އިދިކޮޅު ލީޑަރު، ރައީސް އަބްދުުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުން މިނިވަންވުމާ އެކު "އިންޑިއާ އައުޓް" ކެންޕެއިން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މިގޮތުން ރައީސް ޔާމީން ގެންދަވަނީ މި ހަރަކާތްތަކަށް އަތޮޅުތަކަށް ވެސް ވަޑައިގަންނަވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!