ފަސްޖެހުމެއް ނެތި ތެދު ބުނި ކުއްޖެއްގެ ސަބަބުން ވަގެއް އިޞްލާޙްވީ ގޮތުގެ ވާހަކަ
ޕާރޝިއާއަށް އުފަން އަބްދުލް ގާދިރު ޖިލާނީއަކީ ދީނީ ޢިލްމުވެރިއެކެވެ.
އަބްދުލް ޤާދިރްގެ ކުޑައިރުގެ ވާހަކަތަކަށް ބަލާއިރު، އޭނާ އަބަދުވެސް ފާހަގަ ވެފައިވަނީ ޢިލްމު އުނގެނުމަށް ޚާއްސަ ޝައުގުވެރިކަމެއް ބެހެއްޓި ކުއްޖެއްގެ ގޮތުގައެވެ. އެކަމުގައި އަބްދުލް ޤާދިރުގެ މަންމަގެ ފުރިހަމަ އެއްބާރުލުމާއި ހިތްވަރު އޭނާއަށް ލިބުނެވެ.
އުމުރުން 18 އަހަރުގައި އަބުދުލް ޤާދިރު އޭނާގެ މަންމަ ގާތު ބަޣްދާދަށް ދިޔުމުގެ ހުއްދައަށް އެދުނެވެ. ބަޣްދާދަކީ އެއިރު ސިޔާސީ އަދި އިޖްތިމާއީ މަސްރަޙު ހަރުދަނާ އެއް ޤައުމެވެ. އެހެންކަމުން އޭނާ ބޭނުންވީ އެތަނަށް ކިޔަވަން ދާށެވެ.
އަބްދުލްޤާދިރުގެ މަންމަ އުފަލާއެކު އެކަމަށް އެއްބަސްވެ ހުއްދަ ދިނެވެ. އަދި އޭނާގެ ދަތުރު ތައްޔާރުކޮށް ދިނުމަށް ފަހު އަބްދުލްޤާދިރުގެ ކޯޓަށް 40 ރަން ފޮތިލިއެވެ. އެ ރަން ފޮތިތައް އެހެން މީހުންނަށް ނުފެންނާނެ ފަދައިން އަބްދުލްޤާދިރުގެ މަންމަ ވަނީ އޭނާގެ ކޯޓުގެ އެތެރެއަށްލައި ފޮރުވައިފައެވެ.
ފުރުމުގެ ކުރިން އަބްދުލްޤާދިރަށް އޭނާގެ މަންމަ ނަސޭޙަތެއް ދިނެވެ. ދުވަހަކު ވެސް ދޮގު ނުހެދުމަށެވެ. "ވާހަކަ ދައްކާއިރު އަބަދުވެސް ތެދު ބުނުމަށް އާދަ ކުރަން ވާނެއެވެ. އަހަރެމެންގެ ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރައްވައިފައި ވަނީ ތެދުވެރިންނަކީ ތަޤުވާވެރިންނެވެ. ތަޤްވާވެރިންނަކީ ސުވަރުގެވަންތަ ވެރީންނެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 'އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި ތިޔަބައިމީހުންވާށެވެ! "(9:119)'
ބަޣްދާދަށް ދިޔުމަށް އަބްދުލްޤާދިރު ދަތުރު ފެށިއެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާ ވަގުންތަކެއް އެމީހުންނަށް ހަމަލާދިނެވެ. އެތަނުން އެކަކު އަބްދުލްޤާދިރުގެ މުދާތައް ޗެކްކޮށްފައި އެއްވެސް އަގު ބޮޑު މުދަލެއް ހުރިތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އޭނާ އާނއެކޭ ބުންޏެވެ.
ވަގު ކަލޭގެ އަބްދުލްޤާދިރު ގޮވައިގެން އެމީހުންގެ ލީޑަރު ގާތަށް ދިޔައެވެ. މުދާ ހުރި ކަމަށް ބުނާ ކަމަށާއި ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނު ކަމަށް ވަގުމީހާ ބުންޏެވެ. އަބްދުލްޤާދިރު އެއްވެސް އެއްޗެއް ފޮރުވަނީތޯ ލީޑަރު އެހުމުން އެއްވެސް ފަސް ޖެހުމެއް ނެތި އޭނާ އާނއެކޭ ބުންޏެވެ. އެއީ ކޯއްޗެއްތޯއާއި އެތަކެތި ކޮބައިތޯ އެހުމުން އެއީ 40 ރަންފޮތި ކަމަށާއި ކޯޓުގައި ފޮރުވައިފައިވާނެ ކަމަށް ވެސް ބުންޏެވެ.
ލީޑަރު ހައިރާންވިއެވެ. އަދި އޭނާއާ ބެހޭގޮތުން އިތުރަށް ސުވާލު ކުރިއެވެ.
ހުރިހާ ސުވާލަކަށް ވެސް ތެދަށް ޖަވާބު ދިނެވެ. އެމީހުންގެ ދެކެ އެެއްވެސް ބިރެއް ނެތި އެހައި ތެދު ތެދަށް ޖަވާބު ދިނީ ކީއްވެތޯ ސުވާލު ކުރުމުން އަބްދުލްޤާދިރުގެ މަންމަ އޭނާއަށް ދިން ނަސޭޙަތް އޭނާ ކިޔައިދިނެވެ.
ލީޑަރު އޭނަގެ ވަގުންގެ މީހުން ގާތު ބުންޏެވެ. 'މިކުއްޖާ އަހަރެންގެ ލޯ ހުޅުވައިލަދީފިއެވެ' އަބްދުލް ޤާދިރު އަރިހު މާފަށް އެދުމުން އޭނާ ބުނީ މާތް ﷲއަށް ކުއްތަންވެ، ނަމާދުކޮށް ޠައުބާވުމަށެވެ. އެކަލާނގެ އިރާދަފުޅާ އެކު އެމީހުންނަށް ތެދުމަގު ލިބޭނެ ކަމަށެވެ.
ލީޑަރު އަމުރު ކުރީ ވަގަށް ނެގި އެންމެންގެ އެއްޗެހިތައް އަނބުރާ ރައްދު ކުރުމަށެވެ. މީހުން އަތުން މުދާ ފޭރުމާއި އެ ނޫން ވެސް ނުރަނގަޅު ހުރިހާ އާދައެއް ކުރުން ދެން ހުއްޓައިލާނެކަމުގެ ޔަގީންކަން ލީޑަރު ދިނެވެ.
އަބްދުލްޤާދިރު ބަޣްދާދަށް ގޮސް ތައުލީމް ހާސިލުކޮށް ފަހުން ، އޭނާ ވެގެން ދިޔައީ ވަރުގަދަ ނަން މަޝްހޫރު ޢިލްމުވެރިއަކަށެވެ.
މިއީ އަހަރެމެން މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައި އިޢްދާދީ މަރުޙަލާގައި ކިޔެވިއިރު މުޠާލަޢާ ޥައްނުޞޫޞް ފޮތްތަކުގައި ހުންނަ ޢިބްރަތްތެރި ވާހަކަ ތަކުގެ ތެރެއިން ވާހަކައެއް. މިކަހަލަ ވާހަކަ ތަކެއް އިންގްލިޝް މީޑިއަމްގައި ކިޔަވައިދޭ ސްކޫލްތަކުގެ ފޮތްތަކުގައި ލިޔެފައެއް ނުހުރޭ. ހިތާމަހުރި ކަމެއް.