ދުނިޔެ

އިނގިރޭސިވިލާތުގެ ހޮސްޕިޓަލުތައް ފުރި ބާރުވެ، ސިފައިން ނިކުމެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ ވޭދަނަތައް ރެކޯޑް އަދަދަކަށް އިތުރުވުމުގެ ސަބަބުން މުވައްޒަފުންގެ ދަތިކަމާ ކުރިމަތިލާން ޖެހޭ ހޮސްޕިޓަލްތަކަށް އެހީތެރިވުމުގެ ގޮތުން އަސްކަރިއްޔާ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by WAMCO

ސަރުކާރުން ބުނީ ކުރިއަށް އޮތް ތިން ހަފްތާއަށް ލަންޑަންގައި ހުންނަ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)އަށް އެހީތެރިވުމުގެ ގޮތުން 200 ސިފައިންގެ ފައުޖެއް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގައި އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ އިރު، މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް 150،000އަށް ވުރެ ގިނަ މީހުން އަލަށް ވަނީ ރިޕޯޓުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، ވެކްސިން ދިނުމުގެ ސަބަބުން ވޭރިއަންޓްގެ ނުރައްކާތެރިކަން ކުޑަ ކަމަށާއި، އިތުރު ހަރުކަށި ފިޔަވަޅުތައް ނާޅާ މިކަމުން އަރައިގަނެވޭނެ ކަމަށެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވަޒީފާ އަދާ ކުރާ މީހުން ކަމަށްވާތީ، އެ މީހުން އެކަހެރިވުމުން، މީހުންގެ ދަތިކަމަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ދެ އަހަރު ކުރިން ކޮވިޑް-19 ފެތުރެން ފެށިއިރުއްސުރެ މިހައިތަނަށް އިނގިރޭސިވިލާތުން ދެ ލައްކައާ ގާތް ކުރާ އަދަދަށް މީހުން ވަނީ މި ބަލީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!