ޚަބަރު

މުޒާހަރާގެ ވަކިވަކި ބައިވެރިން ހައްޔަރު ކުރަން އަމުރު އައީ އިންޑިއާ ހައި ކޮމިޝަންގެ ތެރެއިން: ނަރީޝް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދު އިދިކޮޅުން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މިއަދު މީހުން ހައްޔަރުކޮށްފައި ވަނީ ސީދާ އިންޑިއަން ހައި ކޮމިޝަނުން އަންގައިގެން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު އިދިކޮޅުން ކުރިޔަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން 28 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ކުށްވެރިކޮށް ޕީޕީއެމްއިން މިއަދު ބަޔާނެއް ވެސް ނެރުނެވެ.

ނަރީޝް ވެސް ވަނީ އިއްޔެ ކުރި އިހްތިޖާޖުގެ ތެރެއިން ފުލުހުންގެ ހައްޔަރަށް ގޮސްފައެވެ. އޭނާ ދޫކޮށްލީ ރޭގެ ވަގުތެއްގައެވެ.

މި ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ، އިހްތިޖާޖްގެ ބައިވެރިން ހައްޔަރު ކުރުމުގައި ފުލުހުން ކަންކުރަމުން އަންނަނީ ވަރަށް ނާތަހުޒީބުކޮށް ކަމަށެވެ. އަދި ފުލުހުން މިއަދު އޯޑަރު ނަގަމުން ދިޔައީ އިންޑިއާގެ އެންބަސީން ކަމަށް ނަރީޝް ތުހުމަތު ކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ދިވެހި ފުލުހުންގެ މުއައްސަސާއަށް އިންޑިއާގެ ނުފޫޒު އޮތް މިންވަރު. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އިންޑިއާ އެންބަސީގެ ތެރޭގައި ކޮމާންޑް ސެންޓަރުތައް ހަދައިގެން ލައިވްކޮށް މި ހަރަކާތް ބަލަމުން، ވަކިވަކި މީހުން ހައްޔަރު ކުރުމަށް ޓަކައި އަމުރު އަންނަމުން ދިޔަ މަންޒަރު" ނަރީޝް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!