ވޯޓު ދޭންވީ ކޮން ބަޣާވާތަކާ ދެކޮޅަށް ހެއްޔެވެ؟
- ބަޣާވާތާއި ދެކޮޅަށް ވޯޓު ދެއްވުމަށް ރައީސް ޞާލިހު އެދިވަޑައިގެންނެވި
- އެމްއެންޕީން ބުނަނީ ބަޣާވާތުގެ ބައިވެރިން ތިބީ އެމްޑީޕީއާއެކު ކަމަށް
- 2015 ވަނަ އަހަރު މޭޑޭގައި ރައީސް ޞާލިހު ނިކުންނެވީ ބަޣާވާތް ކުރަންކަމަށް އެމްއެންޕީން ތުހުމަތުކުރޭ
ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް ސިޔާސީ މީހުން ޖަގަޑާ ހަދައެވެ. އެކަކު އަނެކަކަށް އެއްލާ ބަހުގެ ހަމަލާތަކުގައި ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ހާލަތަށް ވެސް ކަންކަން ދެއެވެ. އިންތިހާބުގެ ފޯރި އެންމެ ގަދަވާ ހިނދު އެއްކޮޅާއި އިދިކޮޅު ވެސް ވަކިކުރަން ބައެއް ފަހަރު ނޭނގެއެވެ. މިދުވަސްވަރަކީ މިފަދަ ދުވަސްވަރެކެވެ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވުމާ އެކު އެދާއިރާގެ ބައި އިލެކްޝަނަކަށް މިދަނީ ތައްޔާރުވަމުންނެވެ. ތިން ކެނޑިޑޭޓަކު އެދާއިރާއަށް ކުރިމަތިލާފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީން ކެނޑިޑޭޓަކާއި އިދިކޮޅު ކޯލިޝަނުން ކެނޑިޑޭޓެއްގެ އިތުރުން ގިނަ ކަންކަމުގައި ސަރުކާރާ އެއްކޮޅު އެމްއެންޕީން ވެސް ކެނޑިޑޭޓެއް ނިކުމެއެވެ.
ދާދި މިދާކަށް ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ކޮމަންޑޫއަށް ވަޑައިގެން އެމްޑީޕީން އެދާއިރާއަށް ނިކުންނަވާ ކެނޑިޑޭޓުގެ ކެމްޕެއިން ފައްޓަވައިދެއްވައިފައެވެ. އެކަމަށް ޓަކައި ބޮޑު ޖަލްސާއެއް ބާއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހުގެ ފަރާތްޕުޅުން ވަރަށް ނުފެންނަ މަންޒަރެއް ފެނިގެންދިޔައެވެ. ރައީސް ޞާލިހަކީ ބަސް މަދުކަމަށް މަޝްހޫރު ރައީސެކެވެ. ވާދަވެރިންނަށް ހަރުކަށި ބަސްތަކުން އެމަނިކުފާނު ރައްދު ދެއްވާ އަޑެއް މަދުން ނޫނީ ނީވެއެވެ. އެހެން ނަމަވެސް އެރޭ މައްޗާއި ތިރިން އަދި އަރިއަރިމަތިން ވެސް އަނެއް ދެ ކެނޑިޑޭޓުންނަށް ހަރުކަށި ބަސްތައް ރައީސް ރައްދުކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކީކޭ؟
އެމްޑީޕީން އަބަދުވެސް ގަބޫލުކުރަމުން އައިސްފައި ވަނީ 2012ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށެވެ. އަދި އެކަމުގައި އިސްކޮށް އުޅުއްވިކަމަށް ތުހުމަތުކުރާ ގިނަ ފަރާތްތަކަށް އަބަދުވެސް އެމްޑީޕީން އިނގިލި ދިއްކުރެއެވެ. އޭގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ އިސް ސަފުގައި މިހާރު އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހިމެނިވަޑައިގަންނަވައެވެ. ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ދޭންވީ ބަޣާވާތާ ދެކޮޅަށް ކަމަށެވެ. ބަހުގެ ހަމަލާތައް ރައީސް ރައްދު ކުރެއްވީ އެމްއެންޕީގެ ކެނޑިޑޭޓަށެވެ.
މީގެ އިތުރުން ރައީސް ޞާލިހުގެ ސަރުކާރުން ގިނަ ދައުވާތަކެއް މިހާރު އުފުއްލަވަމުން ގެންދަވާ އިދިކޮޅު ލީޑަރަށް ވެސް ރައީސްގެ ބަސްތަކެއް އަމާޒުވިއެވެ. އެގޮތުން ވިދާޅުވީ ވޯޓު ދެއްވަންވީ މަނީ ލޯންޑަރ ކުރުމާ ދެކޮޅަށް ކަމަށެވެ. ވަރަށް ސީދާކޮށް ރައީސް ވިދާޅުވީ އިދިކޮޅުގެ ކެނޑިޑޭޓަށް ވެސް ރައްޔިތުން ވޯޓު ނުދިނުމަށެވެ.
"ތިބޭފުޅުން ވޯޓު ދެއްވަން ވާނީ ޑްރަގް ވިޔަފާރިއާ ދެކޮޅަށް. އަދި ވަގު ވިޔަފާރިއާ ވެސް ދެކޮޅަށް. ދައުލަތުގެ ފައިސާއިން މަނީ ލޯންޑާ ކުރުމާ ދެކޮޅަށް އަދި ބަގާވާތާ ވެސް ދެކޮޅަށް،"
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
އެމްޑީއެންގެ ކެނޑިޑޭޓާއި ޕީޕީއެމްގެ ކެނޑިޑޭޓު "އިހަށް މަޑުކޮށްލައްވަން" ރައީސް އެދިވަޑައިގެންނެވިއެވެ. ވިދާޅުވީ ސަރުކާރުން ވީ ވައުދުތައް ފުއްދޭނީ އެމްޑީޕީގެ ކެނޑިޑޭޓަކު ދެން ވެސް މަޖިލީހަށް އިންތިހާބުވެގެން ކަމަށެވެ. މިހައިތަނަށް ވެސް "ބަރާބަރަށް" ވައުދުތައް ފުއްދަމުން ގެންދެވުނީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތުމުންކަމަށް ދޭހަވާ މޭރުމަކުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ.
އެމްއެންޕީ ރަތަށް
ރައީސް ޞާލިހުގެ ވާހަކަފުޅުގައި ގިނަ ވާހަކަތަކެއް ދެއްކެވި ނަމަވެސް އެމްއެންޕީގެ ކެނޑިޑޭޓަށް ބަޣާވާތުގެ ބައިވެރިއެއްކަމުގެ ތުހުމަތު އެޅުވުމުން އެކަން އެޕާޓީއަށް ކަމަކު ނުދިޔައެވެ. އެމްއެންޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އެމްޑީޕީން ބުނާ ބަޣާވާތުގެ ބައިވެރިންނާއި ވަގު ފައިސާ އެންމެ ގިނައިން ލިބުނު މީހުން ތިބީ އެމްޑީޕީގައި ކަމަށެވެ.
ރައީސްގެ ވާހަކަފުޅަށް މިސަރުކާރުގެ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވެސް ރައްދު ދެއްވިއެވެ. 2015ވަނަ އަހަރުގެ މޭޑޭ މުޒާހަރާއަށް ރައީސް ނިކުންނެވީ ދަމު ނަމާދު ކުރައްވަންތޯ ޝިދާތާ އެއްސެވިއެވެ. މިއީ އޭރު ސަރުކާރުގައި އޮތް ޕީޕީއެމްއިން އޭރުވެސް ކުރަމުންދިޔަ ތުހުމަތެކެވެ. މޭޑޭ މުޒާހަރާއަށް ބޮޑު ހަރަދު ކޮށްގެން އެތައް ބަޔަކު މާލެއަށް އެއްވީ ސަރުކާރާއި ދެކޮޅަށް ބަޣާވާތް ކުރަންކަމަށް ޕީޕީއެމްއިން އަބަދުވެސް ބުނެއެވެ. ޝިދާތާ މިވަނީ މިކަމަށް އިޝާރާތް ކުރައްވައިފައެވެ.
ޝިދާތާ ވިދާޅުވީ އެހެން ބަޔަކު ކުރީމައި އެއީ ބަޣާވާތަކަށް ވެފައި އެމްޑީޕީން ކުރީމައި އެއީ އިހުތިޖާޖަކަށް ވާ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ.
ރައީސް ވިދާޅުވި ބަޣާވާތުގެ ބައިވެރިން ކޮބާ؟
ރައީސް ވިދާޅުވީ ބަޣާވާތާ ދެކޮޅަށް ވޯޓު ދެއްވުމަށެވެ. އެއީ 2012ވަނަ އަހަރުގެ ފެބުރުއަރީ މަހު ވެރިކަން ވެއްޓުނުއިރު ކުރި މުޒާހަރާއެވެ. އެ ވިދާޅުވާ ބަޣާވާތުގެ ވެރިން މިހާރު ކޮބައިހެއްޔެވެ؟ އެމްޑީޕީން ބަޣާވާތުގެ ތުހުމަތު އަޅުވާ ފަރާތްތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެމްޑީޕީގެ ކަޅު ފޮތުގައި ތިބި ގިނަ މީހުން ތިބީ އެ ޕާޓީއާ ކޮނޑާއިކޮނޑު ޖައްސައިގެންނެވެ.
ޝެއިހް އިމްރާނާއި ރައީސް މައުމޫނުގެ އިތުރުން ގާސިމް އިބްރާހީމަށް އެމްޑީޕީން އަބަދުވެސް ނަފުރަތު ކުރެއެވެ. އެމްޑީޕީން ބުނާ ބަޣާވާތަކީ އޭގެ އެއް ސަބަބެވެ. މިތިން ބޭފުޅުންގެ ޕާޓީން ކޮމަންޑޫ ދާއިރާއަށް ކެނޑިޑޭޓަކު ނުނެރެއެވެ. އެހެންކަމުން އެބޭފުޅުން ތާއީދު ކުރައްވަނީ ކޮން ކެނޑިޑޭޓަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ. އެހެން ނަމަވެސް މިތިން ބޭފުޅުންނާއި އެބޭފުޅުންގެ ޕާޓީތައް އޮތީ ސަރުކާރު ކޯލިޝަންގައިކަމުން ތާއީދު އޮންނާނެކަމަށް ބެލެވެނީ އެމްޑީޕީ ކެނޑިޑޭޓަށެވެ. ވީއިރު ބަޣާވާތާ ދެކޮޅަށް ވޯޓު ދޭނަމަ އެމްޑީޕީ ކެނޑިޑޭޓަށް ވެސް ވޯޓު ދޭން އެބަ އުނދަގޫވެއެވެ.
ވަގު ފައިސާ ލިބުނު މީހުން
ރައީސް ޞާލިހުގެ ނަޒަރުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަނީ ލޯންޑަރ ކުރުމާ އެއްކޮޅަށް ވޯޓު ދީގެން ނުވާނެއެވެ. އިޝާރާތް މިކުރެއްވީ ރައީސް ޔާމީނަށެވެ. އެހެންނަމަވެސް މަނީ ލޯންޑާ ކޮށް ވަގު ފައިސާ ބެހިކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބަށެވެ. އަދީބުގެ ހެކި ބަހާއި ލިބުނު އެހެނިހެން ވެސް ހެކިތަކުގެ އަލީގައި ވަގު ފައިސާ ލިބުނު މީހުންގެ ލިސްޓެއް ވަނީ ދާދި ފަހުން އާންމުވެފައެވެ.
މަނީ ލޯންޑާކޮށްގެން އޭގެ މަންފާ ލިބުނު މީހުންގެ ތެރޭގައި ރައީސް ޞާލިހު ވެސް ހިމެނިވަޑައިގަންނަވާކަމަށް އޮތީ ތުހުމަތު ކުރެވިފައެވެ. އެއީ މޭޑޭގެ މުޒާހަރާއަށެވެ. ސީދާ އަދީބުގެ އަތުން ރައީސް ފައިސާ ނެންގެވިކަމަށް ތުހުމަތު ކުރެވެއެވެ. މީގެ އިތުރުން މަޖިލިސް މެމްބަރު އީވާ އަބްދުﷲ އާއި އޭނާގެ ފިރިކަލުންގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ފަދަ ބޭބޭފުޅުން މިފައިސާ ނެންގެވިކަމަށް ތުހުމަތު ކުރެވެއެވެ. މަހުލޫފުގެ މައްސަލައިގައި މިހާރު ވަނީ ދައުވާ ވެސް އުފުލައިފައެވެ.
ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅަށް ފީނާލާއިރު މަނީ ލޯންޑާ ކުރުމާ ދެކޮޅަށް ވޯޓު ދޭނަމަ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދޭން އަނެއްކާ ވެސް އެބަ އުނދަގޫވެއެވެ. އެހެންކަމުން މިފަހަރު ރައީސް ދެއްކެވި ވާހަކަފުޅުގައި އަމާޒުކުރެއްވި ތީރު އަނބުރާ އައިސް މިޖެހުނީ އަމިއްލަ ގައިކޮޅުގައިކަމަށް ދެންނެވިދާނެއެވެ.
ހަގީގީ ބަގާވާތުގެ މީހުން ރިބީ ކެރަފާ އަދި ސިއްކަ އާއިލާގައި. 1988 ގައި އެތައް ދިވެހިންނެއް ޝަހީދުކުރީ އެދެއާއިލާގެ މީހުން.
ޙަގީގީ ބަޣާވަތް ކުރީ 2012 ގައި އެކަން އޮޅުވާލަން ކޮންމެ ވާހަކަ އެއް ދެއްކިޔަސް އެކަމެއް އޮޅުވައެއް ނުލެވޭނެ. މަނީ ލޯންޑްރީ ކުރީ ވަގު ޔާމީން އެކަމެއްވެސް އޮޅުވައެއް ނުލެވޭނެ….ސިދާތާ ކަލޭ ދުވަހަކުވެސް ދަމު ނަމާދު ކުރިންތަ؟؟ ދަމު ނަމާދު ކުރަނީ ދުވާލު ތަ؟؟؟
ޔާމީނު މަނީ ލޯންޑަރ ކުރި ކަން ސާބިތު ވުމުން އެކަން ޤަބޫލު ކުރެވޭނީ.ހިތު ހުރި ގޮތަކަށް ކަނަކަން ތަރުޖަމާއެް ނުކުރެވޭނެ. މަޖިލީހުގެ ރައީސް ރަަގޮނޑި ރާޖާ ނަޝީދު އަމިއްލައަށް އިސްތިއުފާ ދިނީ
ޥަގުންނާއި ބާޣީންނަށް ވޯޓު ދީގެން ނުވާނެތީ ވޯޓު ދޭންވި ޕީޕީއެމަށް. އިބޫގެ ކަޅުފޮށި؟ ބަދަލޭ ކިޔައިގެން ގާތް މިތުރުންނަށް ދައުލަތުގެ ބަޖެޓު ބަހާލީ. ފައިސާ ޗާޕުކޮށްގެން ދައުލަތް ދަވާލީ، ތިމާއަށް ބައިއެޅޭ ގޮތަށް ވެންޓިލޭޓރޭކިޔައިގެން އެތައް ބިލިޔަން ރުފިޔާކައްވާލީ. އެހެންވީމާ ވަގުންނާއި ބާޣީން ވަރަށް ސާފު.