ޚަބަރު

އިންތިޚާބާ ދިމާކޮށް ބަޣާވާތޭ ގޮވަނީ ރައްޔިތުން ގުނބޯ ހައްދަން: ޝިދާތާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން ކޮންމެ އިންތިޚާބަކާ ދިމާކޮށް ބަޣާވާތޭ ކިޔަނީ ރައްޔިތުން ގުނބޯ ހައްދަން ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް، މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝީދާތާ މި ފަހުން ގެންދަވަނީ އެމްޑީޕީއަށާއި ރައީސް ޞާލިޙަށް އަމާޒުކޮށް ފާޑު ވިދާޅުވެ ޓްވީޓްތައް ކުރައްވަމުންނެވެ. ޝިދާތާގެ ބަހުގެ ހަމަލާތައް އެމްޑީޕީއަށް އަމާޒުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ބަޣާވާތާ ދެކޮޅަށް ވޯޓް ދެއްވަން ޖެހޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމުންނެވެ.

އެމްޑީޕީގެ އިތުރުން، މި އިންތިޚާބުގައި ވާދަކުރަނީ އިދިކޮޅު ޕީޕީއެމްއާއި ޝިދާތާ ޝަރީފްގެ ޕާޓީ، އެމްއެންޕީ އިންނެވެ. 2012ވަަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓައިލީ ބަޣާވާތަކުން ކަމަށާއި އެކަމުގައި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްގެ ދައުރު ބޮޑުކަމަށް އެމްޑީޕީން އަބަދުވެސް ބުނެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝިދާތާ ވިދާޅުވީ، އެމްޑީޕީި ސަރުކާރާ ދެކޮޅަށް ބަޔަކު ނިކުމެއްޖެ ނަމަ އެކަން ބަޣާވާތަކަށްވާ ކަމަށާއި، އެމްޑީޕީން އެހެން ސަރުކާރަކާ ދެކޮޅަށް ނިކުތުމުން އެކަން ވަނީ އިޙްތިޖާޖަކަށް ކަމަށެވެ.

"އެމްޑީޕީ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖް ކުރީމަ އެ ވީ ބަޣާވާތަކަށް. ފަހުން އެއް ކަމެއް ކުރީ އެމްޑީޕީ މީހުން އިސްވެ، އެ ވީ އިޙްތިޖާޖަަކަށް. ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުން ގުނބޯ ހައްދަން ބަޣާވާތޭ ގޮވުން ހުއްޓަން ވެއްޖެ" ޝިދާތާ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޝިދާތާ އިޝާރާތް ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅުން 2018ވަނަ އަހަރު ފެބްރުއަރީ މަހު ނިކުތް ނިކުތުމަށެވެ.

މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ޝިދާތާ ވަނީ އެ ދުވަހު ރައީސް ޞާލިޙް ނިކުންނެވީ ދަމު ނަމާދު ކުރައްވަންތޯ ސުވާލު ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!