ޚަބަރު ސިޔާސީ

ދީނީ ކަންކަމުގައި އެއްބާރުލުން ދިނުމަށް މާލޭ މޭޔަރު ސަރުކާރަށް ގޮވައިލައްވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލޭ ސިޓީގެ ތަރައްގީއަށް ކުރާ އެހެން މަސައްކަތްތަކުގައި އެއްބާރުލުން ނުދިން ނަމަވެސް، ދީނީ ކަންކަމުގައި އެއްބާރުލުން ދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވައިލައްވައިފިއެވެ.

Ads by STELCO

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ ސިޓީ ކައުންސިލުން ކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ހުރި މިސްކިތްތައް ވަރަށް ބޮޑަށް ހަލާކުވެގެން ގޮސް އާބާތުރަ ފިލުވުމުގެ މަސައްކަތަށް ސިޓީ ކައުންސިލުން ފައިސާ ހޯދަން އެދުމުން އެކަން ސަރުކާރުން ފަހިކޮށްދީފައި ނުވާ މައްސަލައިގައި އެކައުންސިލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަންނަ ރަމަޟާން މަހުގެ ކުރިން މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަން ބޭނުންވި ނަމަވެސް ސަރުކާރުން އަދިވެސް އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުން ފައިސާ ހަމަޖައްސައިނުދިން ނަމަވެސް ވީވަރަކުން އެފައިސާ ކައުންސިލުން ހަމަޖައްސައި މިސްކިތްތަކުގެ އާބާތުރަ ފިލުވާނެ ކަމަށެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވަން ބޭނުން ނުވަންޏާ ވެސް ހުންނަންވާނެ ކަންނޭނގެ ލިމިޓެއް. އިސްލާމީ ކަންކަން، ދީނީ ކަންކަމުގައި ޖެހޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އެހެންކަމެއްގައި އަދި އެއްބާރުލުން ނުދެއްވިޔަސް، ދެއްވަން" މުއިއްޒު ވިދާޅުވިއެވެ.

ވަގުފް ފަންޑުން ސިޓީ ކައުންސިލަށް ފައިސާ ނުދީ އިސްލާމިކް މިނިސްޓްރީން އެފަންޑަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފައި ވަނީ ސިޓީ ކައުންސިލަށް ސަރުކާރުން އިތުބާރު ނުކުރާތީތޯ ސުވާލު ދެންނެވުމުން މުއިއްޒު ވިދާޅުވީ ރައްޔިތުން އިތުބާރު ކުރައްވަނީ ކޮން ބަޔަކަށްކަން ކައުންސިލް އިންތިހާބުގައި ސާފުކޮށްދީފައިވާ ކަމަށެވެ. އަދި މިސްކިތްތަކުގެ އާބާތުރަ ފިލުވަން ދޭ ފައިސާ ނަހަމަގޮތުގައި ސިޓީ ކައުންސިލުން ބޭނުން ކޮށްފާނެކަމަށް ސަރުކާރަށް ދެންނެވުމުގެ އެއްވެސް ޖާގައެއް ނޯންނާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ވަގުފް ފަންޑުން މާލޭގެ މިސްކިތްތައް މަރާމާތުކުރަން ހޭދަކުރެވެން ނެތީ އެފަންޑުގައި ފައިސާ ނެތުމުންކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވިދާޅުވިކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓްރީން ވަގުފް ފަންޑަށް ފައިސާ ހޯދަން ހުޅުވައިލުމުން ގިނަ ފައިސާ ލިބިއްޖެ ނަމަ އަނެއްކާ ވެސް މިނިސްޓްރީއަށް ވަޑައިގަންނަވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ސައުދީ ރަސްގެފާނު ދިވެހިންނަށް ޓަކައި ބިނާކޮށްދެއްވި ކިންގް ސަލްމާން މިސްކިތް ނުހުޅުވި ލަސްވާތީ އެކަމާ ގުޅޭގޮތުން ވެސް މުއިއްޒު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމިސްކިތުގެ މަސައްކަތްތައް ކުރިއަށް ގެންދެވީ މުއިއްޒު ހުންނެވި މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި އޭރު މަސައްކަތްތައް ކުރިއަށް ދިޔަ ސްޕީޑަށް ބަލާ ނަމަ 2019ވަނަ އަހަރު އެ މިސްކިތް ހުޅުވެން ޖެހޭނެ ކަމަށެވެ.

"ތިން އަހަރު ދުވަސް މިދިޔައީ ސަލްމާން މިސްކިތް ނުހުޅުވި. އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން ސިޓީ ކައުންސިލާ ހަވާލުވެ އިސްކަން ދިނީ ސަރުކާރުގައި ދެންނެވުން ކިންގް ސަލްމާން މިސްކިތް އަވަހަށް ހުޅުވައިދެއްވާށޭ. އެއީ މަދުވެގެން 10 ވަރަކަށް ހާސް ރައްޔިތުންނަށް އެއްފަހަރާ، ކޯޓްޔާޑާ އެއްކޮށް އެއްފަހަރާ ނަމާދު ކުރެވޭނެ މިސްކިތެއް" ސަލްމާން މިސްކިތާ ގުޅޭގޮތުން މުއިއްޒު ވިދާޅުވިއެވެ.

ސަލްމާން މިސްކިތުގައި ގާއިމްކުރާ ގުރުއާނާ ބެހޭ މަރުކަޒު އުނިކޮށް އެތަނުގައި ކައުންޓަރ ޓެރަރިޒަމާ ބެހޭ މަރުކަޒެއް ގާއިމްކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ މައްސަލައިގައި ވެސް މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެކަން އެގޮތަށް ނުކުރެއްވުމަށް ވެސް މުއިއްޒު ސަރުކާރަށް ގޮވައިލެއްވިއެވެ.

މާލޭ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯއްދެވުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މާލޭ ސިޓީގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރަށް ތާވަލުކޮށް އެކަން ވެސް ފައްޓާފައިވާކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ގަސް އިންދުމުގެ މަޝްރޫއެއް ފަށައިފައެވެ. މީގެ އިތުރުން ބައެއް މަގުތަކުގައި ތާރު އަޅައި، ގާޖެހުމުގެ މަސައްކަތް ވެސް މިއަހަރު ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by HDC
  1. ބަޗީ

    ރައްޔިތުން ބޭނުންވާ ކަންކަން ކޮށްނުދެވެންޏާ ރައްޔިތުންނަށް މޭޔަރެއް، މެމްބަރެއް ސަރުކާރެއް އޮތުމުގެބޭނުމެއް އޮންނާނެބާ؟؟