ޚަބަރު

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖުމްހޫރީ މައިދާނުން ފެންނަ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހި، އެ ކޮތަރުތައް ވަރުދެރަވާން ފަށައިފައިވާކަން ފާހަގަވެއްޖެއެވެ.

Ads by Sosun Fihaara

އެތައް އަހަރެއް ވަންދެން ގިނަ އަދަދެެއްގެ ކޮތަރުތައް ކާން އެއްވާ ޖުމްހޫރީ މައިދާނުގައި މިހާރު އުޅޭ ވަރަށް ގިނަ ކޮތަރުތަކަށް މި ބަލި ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެ ބަލީގެ ސަބަބުން ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި ވަރަށް ގިނަ އުން ނަގައިފައި ހުރިތަން ފެނެއެވެ.

މިއީ ސީދާ ކޮން ބައްޔެއްކަން އަދި އެނގިފައި ނުވި ނަމަވެސް، މި ބަލި ވައްތަރީ "ޕިޖަން ޕޮކްސް" ނަމަކަށް ކިޔައި ބައްޔަކާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ބައެއް ކޮތަރުތަކުގެ ދެ ލޯ ކައިރީގައި ވަރަށް ބައިވަރު އުން ނަގައިފައި ހުރުމުން، އެ އެއްޗެހީގެ ލޯ ވެސް ނުފެނެއެވެ. ބަލި ވެފައި ތިބުމުގެ ސަބަބުން ކުރިން ކައި އުޅުނުހައި ފަރިތަކޮށް އެ ކޮތަރުތަކަށް ނުކެވޭ ކަމަށާއި ކޮތަރުތައް ފެންނަނީ ވެސް ވަރަށް ވަރުބަލިކޮށްކަން އެނގިފައިވެއެވެ.

ދޫނިތަކަށް ޖެހެމުންދާ ބަލިތަކާ ގުޅޭ ކަންކަން އާންމު ގޮތެއްގައި ބަލަހައްޓަނީ ފިޝަރީޒް މިނިސްޓްރީންނެވެ. ނަމަވެސް ކޮތަރުތަކަށް ޖެހެމުން މިދާ ބައްޔާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކޮތަރަކީ ހިމާޔަތް ކުރެވިފައިވާ ދޫންޏަކަށް ވާތީ އެފަދަ ދޫނިތަކުގެ ކަންކަން ބަލަހައްޓަނީ އެންވަޔަރަމަންޓް މިނިސްޓްރީން ކަމަށެވެ. އަދި ޖުމްހޫރީ މައިދާނުގައި ހުރި ދޫނިތަކަށް ޖެހެމުން މިދާ ބައްޔާ ގުޅިގެން ރަސްމީކޮށް އެއްވެސް ފަރާތަކުން އެ މިނިސްޓްރީއަށް ކަންބޮޑުވުމެއް ހިއްސާ ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ދެން"އިން ސުވާލު ކުރުމުން އެންވަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް ވިދާޅުވީ "ކޮމަން ޕިޖަން"އަކީ ހިމާޔަތް ކުރެވިފައިވާ އެއްޗެއް ނޫން ކަމަށާއި ދޫނިތަކުގައި ރޯގާއެއް ފެތުރޭ ރޯގާއެއް އުޅޭކަން އަދި އެ މިނިސްޓްރީއަށް އެނގިފައިނުވާ ކަމަށެވެ.

"ދޫނިތަކުގައި ރޯގާއެއް ފެތުރެމުންދާ ކަމަށް ވަންޏާ ނުވަތަ އެއާ ގުޅުން ހުރިކަމެއް އުޅޭކަމަށް ވަންޏާ އެކަމަށް އެލާޓް ވާނެ. އާންމުގޮތެއްގައި ކޮތަރުތަކަށް ކަމެއްވެފައިވާކަމަށް ވަންޏާ ފިޝަރީޒް މިނިސްޓްރީގައި ހުންނަ ވެޓެރިނެރީ ކްލިނިކުން ބަލާނެ" އަލީ ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ޞާލިޙް ވިދާޅުވީ މިފަދަ ބައްޔެއް އުޅޭ ކަމަށް އެލާޓްވެފައި އަދި ނުވާ ކަމަށެވެ. ކޮތަރުތަކުގައި ވެސް އެކި ވައްތަރު އުޅޭކަމަށާއި ހިމާޔަތް ކޮށްފައި ވަނީ "ކޮމަން" ނޫން ކޮތަރުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނަށް އެއްވާ ކޮތަރުތަކަށް އާންމު ގޮތެއްގައި ކާންދެނީ އާންމުންނެވެ. އެގޮތުން އެކި އުމުރު ފުރައިގެ މީހުން އެކި ވަގުތުތަކުގައި ހަނޑުލާއި މުގު އަދި ކުދިބަތް ފަދަ ތަކެތި ކޮތަޅަށް އަޅައިގެން ގެންގޮސް، ކޮތަރުތަކަށް ކާންދޭ މަންޒަރު ފެންނަމުންދެއެވެ.

Ads by Ooredoo
  1. ނާޝިދު.

    ވިނަ ހައްދަން އަޅާފައި ހުރި ފަރޓީލައިޒަރސް ކެވެނީ ކަމަށް ވެދާނެ.

  2. ރާނބާ

    ތިޔައް ކިޔަނީ ޕިޖަން ޕޮކްސް، ފާނަބަސަންދު ގޮތައް ހަމައެކަނި ކޮތަރަށް ޖެހޭ ބަތްޔެއް.

  3. ކިނބޫ

    ފިޝަރީޒް މިނިސްޓްރީގައި ވެޓެރިނެރީ ކްލިނިކެއް މިހާރު ހުރޭތޯއާއި އެތަން ހުންނަނީ ބިމު އަޑީގަތޯ އަހާބަލަ ނިކަން. ކީއްވެފަ ތިބި ބައެއްތަ މި ސަރުކާރުގަ މިތިބެނީ!