ޚަބަރު ސިޔާސީ

ދެ މަގާމުގައި ނުހުންނެވޭނެކަމަށް ބުނެ ދައްކަނީ ދޯހަޅި ވާހަކަ: ޝާހިދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮތުން ނުހުންނެވޭނެކަމަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަކީ ދޯހަޅި ވާހަކަތަކެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި ބަސްތީގަތުމެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގައި ފަހުން ލިޔެވުނު ދެ ގާނޫނު އަސާސީ އެކުލަވައިލައި ތަންފީޒު ކުރިއިރު ވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކަމަށެވެ. އެހެންކަމުން މިމައްސަލައިގައި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް މުހިންމު ނޫން ކަމަށާއި މުހިންމީ ގާނޫނު އަސާސީގައި ލިޔެވިފައި އޮންނަ ގޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ސާފުކޮށް ބުނެފައި ވަނީ ދެ ވަޒީފާ އަދާ ނުކުރެވޭނެކަމަށް ނަމަވެސް އެމަނިކުފާނު ހުންނެވީ ދެ ވަޒީފާގައި ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ ހައިސިއްޔަތު ލިބިވަޑައިގެންނެވީ ރާއްޖޭގެ ހާރިޖީ ވަޒީރުކަމަށް ވާތީކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"ދެން އަޅުގަނޑަކީ އދ.އިން މުސާރައެއް ދީފައި ހުންނަ މީހެއް ނޫން. އަޅުގަނޑަކީ އދ.ގެ މުސާރަ ވެރިއެއް ނޫން. އަޅުގަނޑަށް ލިބޭ އާމްދަނީއެއް ލިބޭނީ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރުގެ ގޮތުން" ޝާހިދު ވިދާޅުވިއެވެ.

އިދިކޮޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކެއްގެ އޮއްޓަރެއް ނެތްކަން ފާހަގަކުރައްވައި ޝާހިދު ވަނީ މިސާލުތަކެއް ވެސް ނަންގަވައިފައެވެ. އެގޮތުން ގާނޫނު އަސާސީގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ވަޒީފާއެއް އަދާ ނުކުރެވޭނެކަމުގައި ކަމަށާއި އެހެން ނަމަވެސް ރާއްޖެއަކީ ސާކްގައި ހިމެނޭ ގައުމަކަށްވުމުން އެކި ފަހަރުމަތިން ރާއްޖޭގެ ރައީސަކީ ސާކްގެ އެންމެ މަތީ ވެރިޔާގެ މަގާމު ވެސް ފުރުއްވާ ބޭފުޅާއަށް ވެފައި އެބަ ހުންނެވިކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވަލްނަރަބިލިޓީ ފޯރަމްގެ އެމްބެސެޑަރު ކަމަށާއި ޖަސްޓިސް ސުޖޫންއަކީ ވެސް އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ޓޯޗާއާ ބެހޭ ކޮމިޓީގެ ޗެއާޕާސަން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

"އެހެންވީމަ ގާނޫނު އަސާސީގައި ބުނާ އެއްޗެއް ގާނޫނީ އިމުގެ ތެރޭގައި މާނަ ކުރަން ޖެހޭނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިސްޓަރަކަށް ހުރެގެން އދ. ގެ ރައީސްކަން ކުރުމަކީ އެއީ ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް ހުއްދަ ކަމައް. އަދި އދ.ގެ މަޖިލީހުގައި އާންމުކޮށް ހިނގާކަމެއް" ޝާހިދު ވިދާޅުވިއެވެ.

ދެ މަގާމު ފުރުއްވުމާ ގުޅޭގޮތުން ޝާހިދު ވާހަކަފުޅު ދެއްކެވިއިރު އިދިކޮޅުގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެގެން ދިޔައީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބު ކުރަން ކުރި ކެމްޕެއިނަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރުމުންނެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު މިހައި ދަށަށް ގޮސް، އާމްދަނީ ލިބުމުގައި ދަތިތަކެއް ހުރެމެ އެވަރުގެ ބޮޑު ހޭދައެއް ކުރެވުމުން އެކަމަށް އިދިކޮޅުން ކަންބޮޑުވުން ފާޅުކުރިއެވެ.

  1. ޖާނޭ

    މާކުންބޭ ބަނޑެއް ނުފުރޭނެ. ތިޔަގޮތަށް ކެނެޑާގެ،ބޮޑުވަޒީރު ރާއްޖޭގެ ޚާރިޖީ ވަޒީރު ކަންވެސް ކުރެވޭނެ.

  2. ތީނުންތޯ އެއްކަލަ ބޮޑު ހިބަރު ވަދު ގަޑަކީ، ހައްސި ބާނައިގެން އާދޭ !