ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ވ. އާރަށުގެ މައްސަލައާ ގުޅިގެން ދައުވާކޮށް، މިއަދު އަޑުއެހުމެއް ބާއްވައިފައި ވަނީ، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ މިއަދު ބައްދަލު ކުރަައްވައި، ޕީޕީއެމްއިން ވަނީ އެ އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާ ކުރައްވައިފައެވެ.
އެ ބައްދަލު ކުރެއްވުމަށް ފަހު ޕީޕީއެމްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނަށް ރައީސް ޔާމީން މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް، މީގެ ދެ ދުވަސް ކުރިން ވިދާޅުވެފައިވާ ކަަމަށެވެ.
ނަމަވެސް އެކަން އެހެން އޮއްވައި، ކުއްލިއަކަށް ފުލުފުލުން ރޭގެ ވަގުތެއްގައި ކޯޓުން ޗިޓު ފޮނުވައިފައިވާ ކަމަށާއި މިއަދު ހެނދުނުން ފެށިގެން އެ މަނިކުފާނު އެ އުޅުއްވަނީ ކޯޓުގައި ކަމަށެވެ. އެހެންކަމުން އެކަން އީސީގެ މެމްބަރުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިސްވެ ހުންނަވައިގެން ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާދަމްއަށް އެންޓި ކެމްޕޭން ކުރައްވަމުން ގެންދަވާ މައްސަލަ ވެސް އީސީއަށް ހުށަހެޅުއްވި ކަމަށެވެ. އަދި އެންޓި ކެމްޕޭން ކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ވެސް ރައީސް ޞާލިޙް ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.
"މަސްތުވާތަކެއްޗާ ވައްކަމާ ދެކޮޅަށް ވޯޓުދީގެން ނުވާނެ ކަމަށް ވިދާޅުވެ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެންޓި ކެމްޕޭނުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،" ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ޖެހޭއިރު އެ ތަނުގައި މެމްބަރުން ނެތުމުން އެ ޝަކުވާ ވެސް ދަންނަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.