ދީން

މިއަދަކީ ހުކުރު ދުވަހެވެ. ދުވަހުގެ ދަރުމަ ފުރިހަމައަށް ލިބިގަންނާށެވެ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރި ކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by Sosun Fihaara

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ ހުކުރުގެ ދަރުމަ ފުރިހަމައަށް ލިބިގަތުމަށެވެ.

މިއަދަކީގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ ދުވަހެވެ. މިއަދަކީ ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެވެ. މިއަދަކީ އެތައް ގޮތަކުން މާތް ﷲ މަތިވެރި ކުރައްވައިފައިވާ ދުވަހެކެވެ. ހުކުރު ދުވަހަކީ އެ ދުވަހެއްގައި އިންސާނީ ނަސްލުގެ ފެށުން ކަމުގައިވާ އިންސާނިއްޔަތުގެ ބައްޕަ، އާދަމްގެފާނު އުފެއްދެވި ތާރީޚީ ދުވަހެވެ.

ރަސޫލާ (ޞޢވ) ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އެ ދުވަހަކަށް އިރު އެރި ދުވަސްތަކުގެ ތެރެއިން، އެންމެ ހެޔޮކަން ބޮޑު ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ހެއްދެވުނީ އެ ދުވަހުއެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީ އެ ދުވަހުއެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރުއްވެވުނީ ވެސް ހަމަ އެދުވަހުއެވެ. އަދި ހުކުރު ދުވަހެއްގައި ނޫނީ ޤިޔާމަތް ޤާއިމް ނުވާނެއެވެ.

ހުކުރު ދުވަހަކީ އެދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްސަ ވަގުތެއްވާ ދުވަހެކެވެ. އެ ވަގުތަކީ، ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށް ފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތު ކޮޅެއް ކަމުގައި އައިސްފައިވެއެވެ. ނުވަތަ އެއީ އިމާމާ މިންބަރުގައި އިށީނީއްސުރެ، ހުކުރު އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައި ވެސް ރިވާވެގެން ވެއެވެ. އެހެންކަމުން ހުކުރު ދުވަހު، މާތް ﷲ މިންވަރު ކުރައްވައިފައިވާ މި މަތިވެރި ވަގުތުތަކުގައި އެކިއެކި ބޭނުން ޖެހިފައިވާ ފަރާތްތަކުން، މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުޢާ ކުރުން އިތުރު ކުރުމަށް ނަސޭޙަތްތެރިވަމެވެ.

ރަސޫލާ (ޞޢވ) ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

މީސްތަކުން ހުކުރު ނަމާދު އަޅައިފުމުން ރައްކައުތެރިވާ ހުށިކަމެވެ. ނޫން ނަމަ، ﷲ ތަޢާލާ އެއުރެންގެ ހިތްތަކުގައި ސިއްކަ ޖައްސަވައިފާ ހުއްޓެވެ. ދެން، ހަމަކަށަވަރުން، އެއުރެންނީ ޣާފިލުންގެ ތެރެއިންވާ ބަޔަކު ކަމުގައިވެދާ ހުއްޓެވެ.

ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދަކީ، ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ.

ރަސޫލާ (ޞޢވ) ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ފަރުޟު ފަސް ނަމާދު، އެއް ނަމާދުން އަނެއް ނަމާދަށް، އަދި ހުކުރު (ނަމާދު) އެއް ހުކުރުން އަނެއް ހުކުރަށް، އަދި ރަމަޟާން މަހުގެ ރޯދަ އެއް އަހަރުން އަނެއް އަހަރަށް (އެއީ) އެ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަ ކަމުގައި ވާނަމައެވެ.

މާތް ﷲ މިފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑިނޭޅި ތަކުރާރުކޮށް ދެއްވަވަނީ، އެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޓަކައެވެ. އެކަމުގެ ސަބަބުން ފާފަތައް ފުހެވި، ތިމާގެ ހެޔޮ ޢަމަލުތަކުގެ ފަތް ބުރަވެ، ދެދުނިޔޭގެ ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށް ޓަކައެވެ. އެހެނީ، އިންސާނާއަކީ އަބަދާއި އަބަދު، ފާފައަށް ހުށަހެޅިފައިވާ މީހަކަށްވީ ހިނދު، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މިފަދަ ދީލަތި ފުރުސަތުތަކެއް ނުލިބޭ ނަމަ އިންސާނާ ވާނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރޭގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!