ރިޕޯޓް

މެޑިކަލް މާފިޔާއާ އެކު ކޮންޓްރޯލް ނުވި ޕީސީއާރު ޓެސްޓްގެ އަގުތައް!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

މާލޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމުގެ ސަބަބުން، މާލެއިން ދަތުރު ކުރާ ފަރާތްތައް ކޮވިޑް-19 ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރު ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިއާ އެކު ސްކޫލު ޗުއްޓީއާ ދިމާކޮށް ބޭސްފަރުވާއަށް އައިސް އެނބުރި ރަށަށް ދާން ތައްޔާރުވެފައި ތިބި މީހުންނާއި މި ފަދަ އެތައް ބަޔަކު ޝަކުވާތައް އޮއްސައިލިއެވެ.

Ads by STELCO

ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، އެޗްޕީއޭއިން އިތުރު ފިޔަވަޅުތައް ނޭޅުމެވެ. ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ޓްރަންޑް އެޗްޕީއޭގެ ފަރާތްތަކަށް އެނގި ތިބެމެ، ރާޅުގެ ބާނި ދަށް ކުރަން ފިޔަވަޅު ނޭޅުމެވެ. ކުއްލިއަކަށް އެޗްޕީއޭއިން ޖެއްސީ 'ބަލާ'އެއް ކަމަށް ގިނަ ދިވެހިން ދެކެއެވެ.

އަތޮޅުތަކުން ސްކޫލު ބަންދުގައި މާލެ އައިސް ތިބި އެތައް ހާސް ރައްޔިތުންނަކަށް އެޗްޕީއޭއިން ޖެއްސީ ބޮޑު ބުރައެކެވެ. މުޅި އަހަރު ދުވަހު ރައްކާކުރި ފައިސާކޮޅު ހޭދަކޮށްފައި، އެންމެ ފަހުގެ ތައްޔާރީތައް ވެގެން ރަށަށް ދާން ޓިކެޓް ނަގައިފައި އޮއްވާ އެޗްޕީއޭއިން ޖެއްސީ ބޮޑު ބުރައަކާއެވެ.

ބުރައެއް ހަވާލު ކުރުމަށް ފަހު ސަރުކާރުން ވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މަސައްކަތްކޮށްފައެވެ. ޕީސީއާރު މަޖުބޫރުވުމާ ގުޅިގެން މާލޭ ސަރަހައްދުގައި ހިލޭ ޕީސީއާރު ޓެސްޓް ހަދައިދޭ ސެންޓަރުތަކުގައ ދިގު ކިއޫއެއް ދަމައިލިއެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ގޮތަށެވެ. އެރޭ އަނެއްކާ ވެސް އެޗްޕީއޭއިން ކުއްލި ނިންމުމެއް ނިންމިއެވެ.

ޕީސީއާރު ޓެސްޓް ހަދަން ކިއު ހަދައިގެން.. ފޮޓޯ/ސަން

އެއީ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު ފުރާ މީހުން ރަށަށް ގޮސް ޕީސީއާރު ޓެސްޓް ހެދުމަށް ދިން "ލުއި" އެވެ. ސުންކު ނަގައިފައި ކަރަންޓީންވާން ރަށަށް ދެވިދާނެއެވެ. ނަމަވެސް ސުންކު ހިލޭ ނަގާ ތަންތަން އޮތީ ފުރިފައެވެ. މަދު ރަށެއްގައި ފިޔަވައި ކޮވިޑް-19 ޓެސްޓް ހެދޭނެ ސެންޓަރެއް ނެތެވެ. ރަށަށް ގޮސް ޓެސްޓް ހަދާ ނަމަ ލައްވާނީ ބޮޑު ކަރަންޓީނަކާއެވެ. ސިއްހީ މަރުކަޒުތަކުން ޓެސްޓް ސުންކު ނަގައިގެން ނަތީޖާ ލިބެން ހަފްތާއެއް ވެސް ބައެއް ފަހަރު ނަގައެވެ.

އެހެންކަމުން ރައްޔިތުންނަށް އޮތީ ނޯ ޗޮއިސްއެކެވެ. ކްލިނިކްތަކަށް ބޮޑު އަގުދީފައި ކޮވިޑް-19 ޓެސްޓް ހެދުމެވެ. ކޮވިޑް-19 ވިޔަފާރީގެ ޝިކާރައަކަށްވެވުމެވެ. އެހެންޏާ އަމިއްލައަށް ވެގަތުމެވެ.

500 ރުފިޔާއާއި 700 ރުފިޔާއާ ދެމެދުގެ އަގަކަށް ޕީސީއާރު ޓެސްޓްތައް މާލޭގައި ހަދަމުން އަންނައިރު، ސަރުކާރުން ޓެސްޓްގެ އަގު ކޮންޓްރޯލް ކުރުމަކީ ވިސްނައިފައި އޮތް ކަމެއް ނޫނެވެ.

ޕީސީއާރުގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރުން ނުވިސްނާ!

ކޮވިޑް-19 އާ އެކު ދުނިޔޭގެ ބާޒާރަށް އައި ބަދަލުގެ ތެރެއިން އަސާސީ ބައެއް ތަކެތީގެ އަގު ވިޔަފާރިތަކުން ބޮޑު ކުރިއެވެ. ބިހާއި އަލުއްވާއި ފިޔާގެ އަގެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ މި ތަކެތީގެ އަގު ކޮންޓްރޯލްކޮށް، ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައިފައެވެ.

ޕީސީއާރު ޓެސްޓްގެ އަގު އިންތިހާއަށް މަތިއިރު، މީގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ބަޔަކު ޤަބޫލު ކުރިއެވެ. ނަމަވެސް އެފަދަ ކަމެއް ކުރަން ނުވިސްނާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީސީއާރު ޓެސްޓްގެ އަގުތައް ކޮންޓްރޯލް ކުރަން ސަރުކާރުން މަސައްކަތް ކުރޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާޙް މާހިރު ވިދާޅުވީ އެފަދަ މަޝްވަރާއެއް ނުގެންދާ ކަމަށެވެ.

މިނިސްޓްރީން ތަފާތު އެކި ގޮތްގޮތަށް ޓެސްޓުތައް އިންޓްރޮޑިއުސްކުރުމާއި އެންޓިޖެން ޓެސްޓުތައް އެ ކަހަލަ މަސައްކަތްތަކެއް މިހާރު ކުރެވެގެން ދޭ

ޑރ. ޝާހް އިތުރަށް ވިދާޅުވީ، ރާއްޖެއާއި ބޭރު ޤައުމުތަކުގައި ހަދާ ޕީސީއާރު ޓެސްޓްތަކުގެ އަގު ތަފާތު ވަނީ، ލެބޯޓްރީގައި ބޭނުންކުރާ މެޝިންތަކަކީ އަގު ބޮޑު އެއްޗިއްސަށް ވުމުން ކަމަށެވެ. އަދި އިތުރު ލެބޯޓަރީތަކަށް ޓެސްޓް ކުރުމުގެ ހުއްދަ ދޭން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުން ހުރީ އަގު ކޮންޓްރޯލް ކުރާ ގޮތަކަށް ނޫނެވެ. ސަރުކާރުގެ ވިސްނުން ހުރީ، ޑިމާންޑަށް ވުރެ، ސަޕްލައި އިތުރުކޮށްގެން އަގު ތިރި ކުރާށެވެ.

އެހެން ނަމަވެސް ރައްޔިތުންނަށް މި ވާހަކަތައް ބަލައިގަންނަން ދައްޗެވެ. ސަބަބަކީ ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ކަމަށް ނިންމާ، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރުންގެ މަސްލަހަތު ހިމެނޭ ކްލިނިކްތަކާއި ލެބޯޓްރީތަކުން މި ޓެސްޓް ހަދައިދިނުމެވެ.

ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ އެއް ބޭފުޅަކީ ޓެގް ޓީމުގެ ލީޑަރު ޑރ. އަލީ ލަތީފެވެ. ސަބަބަކީ އޭނާގެ މަސްލަހަތު ކުރިން އޮންނަ ލެބޯޓަރީއަކީ ކޮވިޑް-19 ޓެސްޓްތައް އެންމެ ގިނަ މީހުން ހަދަމުން އަންނަ ޕްރައިވެޓް ކްލިނިކް ކަމުގައިވުމެވެ. އޭނާ ފަހުން ވަނީ އޭނާގެ ހިއްސާ ބަދަލުކޮށްފައެވެ. ނަމަވެސް އެ ތަން އުފެއްދުމުގެ އެއް ބާނީއަކީ ވެސް ޑރ. ލަތީފްކަން ފާހަގަކޮށްލެވެއެވެ.

މާލޭގެ މަގުތަކުގައި ކޮވިޑް-19 ޓެސްޓް ކުރުން ވެސް ވަނީ ހުއްޓައިލައިފައި.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޕީސީއާރު ޓެސްޓްގެ އަސްލު އަގަކީ ކޮބާ؟

ކޮވިޑް-19ގެ ރާޅު ރާއްޖެއަށް ބިންދައިލި ދުވަސްވަރު އާއްމުކޮށް ހުރިހާ ހޮސްޕިޓަލުތަކުންނާއި ކްލިނިކްތަކުން ކޮވިޑް-19 ޓެސްޓްތައް ހަދަމުން އައީ 1،700 ރުފިޔާއަށެެވެ. އޭގެ ފަހުން ކޮވިޑް-19 ޕީސީއާރު ޓެސްޓްގެ އަގު ވެއްޓި، މިހާރު އާއްމުކޮށް ޓެސްޓްކޮށްދެނީ 700 ރުފިޔާއަށެވެ. ބައެއް ކްލިނިކްތަކުން ގިނަ މީހުން ޓެސްޓް ކުރާ ނަމަ ޓެސްޓެއްގެ އަގު އުޅެނީ 450 ގައެވެ.

ނަމަވެސް އާއްމު ކުރާ ސުވާލެއް އޮވެއެވެ. ޕީސީއާރު ޓެސްޓްގެ އަގު ހަމަ އެހާ ބޮޑުވާނެ ހެއްޔެވެ.

"ދެން"އިން ޕީސީއާރު ޓެސްޓްގެ އަގުތަކާ ގުޅޭ ގޮތުން ދިރާސާއެއް ވަނީ ކޮށްފައެވެ. މިދިރާސާއިން ދައްކާ ގޮތުގައި ކޮވިޑް-19 ޕީސީއާރު ޓެސްޓް ކިޓެއްގެ އަގަކީ 85 ރުފިޔާއެވެ. ގިނަ ޓެސްޓް ކިޓްތައް އޯޑަރު ކުރާނަމަ އޭގެ އަގަކީ 41 ރުފިޔާއެވެ. އުފުލުމުގެ ޚަރަދާ އެކު ޓެސްޓް ކިޓަކަށް ޚަރަދުވާނެ ކަމަށް ބެލެވެނީ 100 ރުފިޔާއެވެ.

ޕީސީއާރު ޓެސްޓްތައް ހަދާ ލެބޯޓަރީތަކުން ބުނާ ގޮތުގައި ޕީސީއާރު ޓެސްޓް ކިޓްތަކުގެ އިތުރުން ޓެސްޓް ކުރުމުގައި އިތުރު ޚަރަދުތަކެއް ހިނގައެވެ. އޭގެ ތެރޭގައި ޓެސްޓް ނަގާއިރު، ސްޓާފުން ލައިގެން ތިބެން ޖެހޭ ޕްރޮޓެކްޓިވް ގިޔަރއާއި ސުންކު އިން ޕްރޮޓީން އެކްޓްރެކްޓް ކުރަން ދާ ވަގުތާއި ކޮންމެ ދުވަހަކު ލެބޯޓަރީ އެއްކޮށް ސެނެޓައިޒް ކުރަންދާ ޚަރަދު ހިމެނެއެވެ. އަދި ޓެސްޓް ކުރަން އިތުރު ސްޓާފުން ނެގުމާއި، އެމީހުންގެ ތަމްރީނަށް ވެސް އިތުރު ޚަރަދު ހިނގައެވެ.

"ދެން"އިން ކުރި ދިރާސާއިން މި ހުރިހާ ޚަރަދެއް ލުމަށް ފަހުގައި ވެސް 200 ރުފިޔާއަށް ކޮވިޑް-19 ޓެސްޓެއް ކުރެވެން ވާނެއެވެ. ފައިދާއާ އެކު، 250 ރުފިޔާއަށް މި ޓެސްޓް ނުކުރެވެންވީ ސަބަބެއް ނެތެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ޕީސީއާރު ޓެސްޓްގެ އަގުތައް

ދިވެހިން ދަތުރު ކުރާ ޤައުމުތަކުގައި ކޮވިޑް-19 ޓެސްޓްކޮށްދޭ އަގުތަކަށް ވެސް ބަލައިލީމެވެ. މި ޤައުމުތަކުގެ އެކި ސްޓޭޓްތަކުގައި ޓެސްޓްކޮށްދެނީ އެކި އަގުތަކެވެ. ތިރީގައި ބަޔާންކޮށްފައިވާ އެ އަގުތަކުގެ އެވްރެޖް އަގުތަކެވެ. އަދި ޤައުމުން ބޭރުން މީހުންނަށް، އެއަރޕޯޓް އިން ހަދަން ޖެހޭ މަޖުބޫރު ޓެސްޓް ހަދައިދެނީ މިއަށްވުރެ ބޮޑު އަގަށްކަށެވެ. އަދި އަވަހަށް ނަތީޖާ ލިބޭ ޕީސީއާރު ޓެސްޓް ހަދައިދޭ އަގުވެސް ބޮޑެވެ.

ހަމައެކަނި އޮތީ ޕީސީއާރު ޓެސްޓްތަ؟

ބަލި ކޮންޓްރޯލް ކުރެވޭނީ ބަލި ދެނެވިގެންނެވެ. މިއީ އެއްވެސް މީހަކު ދެބަސްވާނެ ހަޤީޤަތެއް ނޫނެވެ. ނަމަވެސް މިކަން ކުރުމަށް އޮތް ހަމައެކަނި ހައްލަކީ ޕީސީއާރު ޓެސްޓް ހެއްޔެވެ؟

ކޮވިޑް-19 ބަލިމަޑުކަން ފެށުނު ހިސާބުން ވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެންޓިޖެން ރެޕިޑް ޓެސްޓް ކިޓްތައް ދިޔައީ ބޭނުން ކުރަމުންނެވެ. މިއީ ކޮވިޑް-19 ޖެހިފައި ހުރިތޯ ފަސޭހައިން ދެނެގަނެވޭނެ ގޮތެވެ. މި ޓެސްޓަކީ އަމިއްލައަށް ވެސް ހަދާލެވޭ ޓެކްޓެވެ. އެންޓިޖެން ރެޕިޑް ޓެސްޓް ބޭރުގެ ޤައުމުތަކުގައި އާއްމު ގޮތެއްގައި އުޅެނީ 75 ރުފިޔާއަށެވެ. ޓެސްޓް ކުރާތާ 15 މިނެޓާއި 30 މިނެޓްއާ ދޭތެރޭ މި ކިޓްތަކުން ނަތީޖާ ލިބެއެވެ.

އެންޓިޖެން ޓެސްޓް ކިޓް

ނަމަވެސް ޕީސީއާރު ޓެސްޓުތަކަށް ވުރެ އެންޓިޖެން ޓެސްޓްކިޓަކުން ބަލި ދެނެގަނެވޭވަރު ކުޑައެވެ. އެންޓިޖެން ޓެސްޓުގެ ނަތީޖާގެ ޔަގީންކަން އެންމެ ބޮޑުވާނީ ބަލީގެ ކުރީކޮޅު، ހަށިގަނޑުގައި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ހުންނައިރުއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރެޕިޑް ޓެސްޓް ކިޓްތައް ހިލޭ ބަހާނެ ކަމަށް އިއްޔެ ވިދާޅުވެފައެވެ. އަދި އެމެރިކާއަށް ދަތުރުކުރާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް އެންޓިޖެން ޓެސްޓް ކިޓްއިން ޓެސްޓް ކުރުމުން ފުދެއެވެ. ނަމަވެސް މި ޓެސްޓް ކުރަން ޖެހެނީ ކްލިނިކަކުން ނުވަތަ ހުއްދަ ދީފައިވާ ތަނަކުންނެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއި އެ ނޫން ވެސް ބޮޑެތި ޤައުމުތަކުގައި މި ކިޓް ދަނީ ބޭނުން ކުރަމުންނެވެ.

ބައެއް މީހުންގެ ނަޒަރުގައި ކޮވިޑްގެ ތަދުމަޑުކަމުން ދިވެހީން މި ވަނީ އަރައިގަނެވިފައެވެ. ޓޫރިސްޓް ރިސޯޓްތައް ފުރި ޑޮލަރު ތިޔާގިވެ ދިވެހީން މި ތިބީ ހަމަޖެހިލައިގެންނެވެ. ނަމަވެސް ހިތި ހަގީގަތަކީ އުފެދުމުން އަންނަ އައު ވޭރިއެންޓްތަކާ އަންނަ ކޮވިޑްގެ އެކި ރާޅުތަކުން މި ބައްޔަކީ އާދައިގެ ރޯގާއެއް ކަމަށް ދެކިގެން އަދި ތިބެވެން ނެތް ކަމެވެ. ބައްޔާ ގުޅިގެން އުފަންވި ވިޔަފާރިތަކުން ޖީބުތައް ހުސްކޮށް އާންމުންގެ ލޭ ދަމަމުންދާ އިރު މިކަމަށް ޙައްލެއް ބޭނުންވެއެވެ. ކޮންމެ ރާޅަކާ އެކު ކޮންމެހެން އަޅަން ޖެހޭ ހަމައެކަނި ފިޔަވަޅަކީ ޚަރަދުކުރަން ޖެހޭ ޕީސީއާރުކަމަށް ވެއްޖެއެވެ. ހައިރާންވާން ޖެހޭ ކަމަކީ އެ ނިންމުން ނިންމާ ބަޔަކީ އެ ނިންމުންތަކުގެ ސަބަބުން އެބައެއްގެ ޖީބުތައް ފުރޭ މީހުންނަށްވެ މިކަން ވެސް ނިއު ނޯމަލްގެ ތެރެއަށް ވަދެގެން ދިޔުމެވެ. މެޑިކަލް މާފިއާގެ އަތްދަށުގައި ނިކަމެތި އާންމުން ވާން މަޖުބޫރުވުމެވެ.

Ads by Allied Insurance
  1. ޢަޔާ

    ޙުސް ދުވިސްތައަށް ހަދާ އަގުތަށް ތަފާތު ނުކުރޭ

  2. ކޮވިޑައި އެއްބަޑު ޕީސީއާރް ޓެސްޓަކީ ހިއުމަން ޓުރެފިކް ކުރުމުގެ މުޅިން އާ ކޮންސެޕްޓެއް !

  3. އަލީ

    ކަލޯ ބުނަން އަޅުގަނޑު ތި ޓެސްޓް ހަދާފައިވާނެ 5 ފަހަރު އެންމެފަހުން މިމަހުގެ 10ގައި ހެދިޓެސްޓަށް 500 ނެގި ހުޅުމާލޭން 4 މީހުނަށް ޓެސްޓް ހަދަން އަގުހެޔޮ ކަމަށް ބުނުމުން މާލެއިން ހުޅުމާލެއަށް ޓެކުސީގަ 100 ރުރިޔާ ކޮޅަކަށްދީގެން 450+200 ހަރަދުކުރަންޖެހުނު މިމަހުގެ 12 ވީ ބުދަދުވަހު އަމިއްލަތަޖުރިބާ ހިއްސާކޮއްލީ ވަ ސަލާމް

  4. ބަރީއަނ

    ލަންކާގަ ހެދޭ އަގު ބަލާފަ ތިއޮތީ ކިހިނެއް. ލަންކާ ހޮސްޕިޓަލުން އިހަށްދުވަހު ތި ހެދުނީ 650 ރުފިޔާއަށް. ކޮންތާކު އޮތް ހިސާބެެއްތީ.