ޚަބަރު ސިޔާސީ

ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއަށް ސިޔާސީ ބޭނުމަކަށްޓަކައި ހުރަސް އަޅާ ބަޔަކު އެބަތިބި: ފައްޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ހުއްޓުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ކުރަމުން އަންނަ ކަމެއް ކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ދެކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ހުއްޓުވަން ބަޔަކު މަސައްކަތް ކުރަނީ ސަރުކާރުން ކަމެއް ނުވާ ކަމަށް ދެއްކުމަށް ކަމަށެެވެ. ނަމަވެސް ރައީސް ޞާލިޙް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުުދުތައް މި ދައުުރު ނިމުމުގެ ކުރިން ފުއްދަވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ސިޔާސީ ބޭނުމަކަށް ޓަަކައި މިއަދު ތި ބޭފުޅުންނަށް ލިބިގެންދާ ބޮޑު ހިތްހަމަ ޖެހުން ހުއްޓުވަން ބަޔަކު މަސައްކަތް ކުރާނެ. އޭސީސަށް މައްސަލަ ހުށަހަޅައިގެން، އަދިވެސް އެހެން ތަންތަނަށް މައްސަލަ ހުށަހަޅައިގެން. މަތިކޮމަންޑޫގެ މަޝްރޫއު ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރޭ. އެއީ ސަރުކާރުން ކަމެއް ނުވާކަން ދެއްކުމަށް ޓަކައި" ފައްޔާޒް ވިދާޅުވިއވެ.

ފައްޔާޒްގެ ވާހަކަފުޅުގައި ވިދާޅުވީ، ރައީސް ޞާލިޙް ކޮމަންޑޫ ދާއިރާއަށްވެ ވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމުގެ ޔަޤީކަން މިއަދު ލިބިގެންދާނެ ކަމަށެވެ. މިގޮތުން ހަފްތާއެއްގެ ތެރޭގައި ދެ ކޮމަންޑޫގެ މަޝްރޫއު ފަށާނެ ވާހަކަ ދެންނެވި ކަމަށާއި މާދަމާ އެމްޓީސީސީން ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއަދު އެކަމަށް ބަޑަހަ ޖަހައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމަންުއާއި އެ ރަށާ ގާތްގަނޑަކަށް 700 މީޓަރު ދުރުގައި އޮންނަ މަތިކޮމަންޑޫ ގުޅައިލުމުން އެރަށުގެ ބިން ދެގުނަވާނެއެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ މި މަޝްރޫއު، މިދިޔަ ބުދަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ.

ފައްޔާޒް ވިދާޅުވީ، މިއަދަކީ ކޮމަންޑޫގެ ރައްޔިތުންނަށް ބޮޑު ދުވަހެއް ކަމަށާއި އަދި ކޮމަންޑޫގެ މުސްތަޤްބަލު ބަދަލު ކޮށްލި ދުވަހެއް ކަމަށެެވެ. އަދި މިއަދުގެ ވާހަކަ އަންނަން އޮތް ޖީލުތަކުގެ ދަރިންނަށް ކިޔައިދޭނެ ކަމަށާއި މިއަދު ސަރުކާރުން ދެން އަންނަން އޮތް ޖީލަށް ދިން ޔަޤީން ކަމަކީ އަމިއްލަ ވަޒަނުގައި އުޅެވޭނެ ކަމުގެ ޔަޤީންކަން ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައިއިރު ދިވެހި ރާއްޖެ އޮތީ 19ވަނަ ޤަރުނުގައި ކަމަށާއި އެތައް ޒަމާނެއް ވަންދެން ދިވެހިން ބޭނުންވެފައި އޮތް ތަރައްޤީ އަންނަމުން މިދަނީ މި ސަރުކާރުގައި ކަމަށެވެ.

"އަޅުގަނޑުމެންނާ ހަވާވިއިރު، ދިވެހި ރާއްޖެ އޮތީ ނަވާރަވަނަ ޤަރުނުގެ ތެރޭގައި، އަޅުގަނޑުމެންނަށް މިވީ ތިން އަހަރު ދުވަހު، ކޮވިޑް-19ގެ ވަބާއާ އެކީ މި ޖެހުނީ ދިވެހި ރާއްޖެ 21 ވަނަ ޤަރުނަށް ގެންނަން." ފައްޔާޒް ވިދާޅުވިއެވެ.

އިންތިޚާބު ދުވަސްވަރާ ދިމާކޮށް ބަޖެޓްގައި ނެތް ކަންކަން ކޮމަންޑޫ ދާއިރާއަށް ކޮށްދޭތީ، އިދިކޮޅުން ވަނީ އިލެކްޝަން ކޮމިޝަނަށާއި އޭސީސީއަށް މައްސަލަ ހުށަހަޅައިފައެވެ.

މިކަމުގައި، ރައީސް ޞާލިޙް ވިދާޅުވީ، މިއީ އިންތިޚާބަށް ކޮށްދޭ ކަމެއް ނޫން ކަމަށާއި އަދި މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.

Ads by HDC
  1. ނާޅި

    އަޅެ ތިޔަ ކޮމަންޑޫ އެއްގައި ހަމަ ކުއްލިޔަކަށް ވަރަށް ބޮޑެތި މަޝްރޫޢު ތަކެއް ހިގަންފެށީ ހަމަ ކޮންމެސް ސިޔާސީ ބޭނުމަކު ނުންތޯ ، ނިޔާވި މެމްބަރު ހުއްޓާ ތިޔަ ހުރިހާ މަޝްރޫއެއް އަޅެ ނުފެށީ ކީއްވެތޯ ؟