ޚަބަރު

ފޯކައިދޫ ގިނަ އަދަދެއްގެ ޒުވާނުންތަކެއް ޕީޕީއެމްއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައި ވަނިކޮށް، އެ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫން ގިނަ އަދަދެއްގެ ޒުވާނުންތަކެއް އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ.

Ads by Sosun Fihaara

ކޮމަންޑު ދާއިރާއަށް ޕީޕީއެމް ނެރެފައިވާ ކެނޑިޑޭޓް މޫސާ ފަތުޙީއަށް ތާއީދު އިތުރު ކުރުމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި 30 ޒުވާނުން ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.

މި ފޯމްތަކާ ހަވާލުވެ ވަޑައިގަތީ، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނެވެ.

ފޯމްތަކާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަކީ ޤައުމަށް ބޭނުންތެރި ބައެއް ކަމަށާއި ޒުވާނުންގެ އަގު ފުރަތަމަ ވަޒަންކުރި ސަރުކާރަކީ އެމަނިކުފާނުގެ ސަރުކާރު ކަމަށެވެ. އަދި ޒުވާނުން މިއަދު ޕީޕީއެމްއާ ގުޅެމުންދާކަން ފާހަގަ ކުރައްވަމުން މިރޭ ރައީސް ޔާމީން ވަނީ ޒުވާނުންގެ ތަރައްޤީއަށް ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި މި ސަރުކާރުން، ސަރުކާރުގެ ކުންފުނިތައް ވިއްކުމަށް ނިންމަވައިފައި ވާތީ، އެއީ ޒުވާނުންގެ ކުރިމަގަށް އަޅާ ހުރަހެއް ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްއަކީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ފަހު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީގައި 35,350 މެންބަރުން ތިބި ކަމަށް އިލެކްޝަނުން ހާމަކުރެއެވެ. ޕީޕީއެމްގެ ދަފްތަރުގައި 60 ހާހަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެ ޕާޓީންވަނީ ބުނެފައެވެ. މިދިޔަ ޑިސެންބަރު މަހު ޕީޕީއެމްއިން ވަނީ އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް އަތޮޅު ތެރޭގައި ހަރަކާތްތަކެއް ހިންގައިފައެވެ. "މަވެސް ޕީޕީއެމް" ގެ ނަމުގައި ހިންގި މި ހަރާކާތުން ޕީޕީއެމްއާ ގިނަ ބަޔަކު ގުޅިފައިވާ ކަމަށް އެ ޕާޓީން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!