ޚަބަރު

ނަރުހުގެ މަރު: ލަމްހާގެ ބަންދަށް ތިންވަނަ ފަހަރަށް މުއްދަތު ޖަހައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އުފުލިފައިވާ ހަލީމަތު ލަމްހާގެ ބަންދަށް އަނެއްކާ ވެސް މުއްދަތު ޖަހައިފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ލަމްހާއާއި މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާގަސް އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. މޭރީ މަރައިލި ކަމުގެ ތުހުމަތުގައި މާވިން ވެސް ވަނީ ހައްޔަރުކޮށް، ދައުވާ އުފުލައިފައެވެ.

މިއީ މި މައްސަލައާ ގުޅިގެން ލަމްހާގެ މައްޗަށް ބަންދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ. މި މަހުގެ ދެވަނަ ދުވަހު ލަމްހާގެ ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން މި ފަހަރު ޖެހީ 10 ދުވަހުގެ މުއްދަތެވެ.

މޭރީ މަރުވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުގައެވެ. އޭނާގެ މަރުގެ މައްސަލައިގައި މާވިން ހައްޔަރު ކުރީ އެ މަހުގެ 27ވަނަ ދުވަހުގައެވެ.

މި މައްސަލައިގައި މާވިންގެ މައްޗަށް އުފުލައިފައި ވަނީ އެއް ދައުވާއެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލައިފައިވާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނީ، މާވިން، އޮކްޓޫބަރު 19ވަނަ ދުވަހުގެ 12:00އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، އޭނަ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރައިލައިފައިވާތީ ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މާވިންއަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް އުފުލައިފައި ވަނީ ތިން ދައުވާއެކެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!