ރިޕޯޓް

ތަފާތެއް ނެތެވެ. އިންތިޚާބަށް ކަޑަ ޖަހަނީއެވެ.

  • އިންތިޚާބާ ދިމާކޮށް ވައުދުވުމަކީ ރާއްޖޭގައި އަށަގެންފައި އޮތް ސަގާފަތެއް
  • އިންތިޚާބަށް ކަޑަޖެހުމާ ދެކޮޅަށް ވާހަކަދެއްކި އެމްޑީޕީން ވެސް މިއަދު ފެންނަނީ މިސިފަ
  • ކޮމަންޑޫ ބައިއިލެކްޝަނާ ދިމާކޮށް އެދާއިރާއަށް ގިނަ ކަންކަން އަންނަނީ ކޮށްދެމުން
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް މަލްޓި ޕާޓީ ސިސްޓަމެއްގެ ދަށުން އިންތިހާބެއް ބޭއްވުނީ 2008ވަނަ އަހަރުއެވެ. އޭރު ލައްކަ ގިނަ އައު ކަންކަން ތަޖުރިބާކުރަން ދިވެހިންނަށް ފުރުސަތު ލިބުނެވެ. 30 އަހަރުވީ ދިގު ވެރިކަމާ ގުޅުވައި އައު ވާހަކަތަކެއް ދެކެވުނެވެ. އެކަންކަން ގަބޫލުކުރަން ދިވެހިންނަށް ފަސޭހަ ވެސް ވިއެވެ. އޭރު އެންމެ ބާރަށް ދެކެވުނު އެއް ވާހަކައަކީ އިންތިހާބުތަކާ ދިމާކޮށް ކަންކަން ކޮށްދެއްވާނެކަމަށް ވައުދުވާކަމުގެ ވާހަކައެވެ. ނުވަތަ އިންތިހާބަށް ކަޑަޖަހާ ވާހަކައެވެ.

Ads by MWSC

ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައީ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ނުހަނު ބުރަ މަސައްކަތުންނެވެ. ރައްޔިތުންގެ ތާއީދު ހޯދުމަށް އޭރު ކުރަން ޖެހިފައި އޮތް މަސައްކަތަކީ ހަގީގަތުގައި ވެސް ރާއްޖޭގައި ސިޔާސީ ގޮތުން ކުރެވުނު އެންމެ ބުރަ ބޮޑު މަސައްކަތޭ ދެންނެވިދާނެއެވެ. އޭރު އެމްޑީޕީން ދެއްކި ގިނަ ވާހަކަތަކަކީ ހެޔޮ ވާހަކަތަކެކެވެ. ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުމުގެ މުހިންމުކަމާއި ރައްޔިތުންގެ ބާރުވެރިކަން ނެގެހެއްޓުމުގެ މުހިންމު ވާހަކައެވެ. ރައީސް މުހައްމަދު ނަޝީދު ގެންދެވީ އެހީތެރިކަމަށް އެދި ދިއްކޮށްލި ކޮންމެ އަތެއްގައި ހިއްޕަވައިފައެވެ. މާއްދީގޮތުންނެއް ނޫނެވެ. ފިކުރީ ގޮތުންނެވެ.

މިހައިތަނަށް އައިއިރު ރިޔާސީ ކޮންމެ އިންތިހާބަކާއި އެމްޑީޕީން ކުރިމަތިލީ އިދިކޮޅުގައި އޮވެއެވެ. ގިނަ މަޖިލިސް އިންތިހާބުތަކާއި ކައުންސިލް އިންތިހާބުތަކާ ވެސް އެ ޕާޓީން ކުރިމަތިލަނީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެއެވެ. އެހެންކަމުން ޕޯޑިއަމްތަކުގައި އެޕާޓީގެ މެމްބަރުން ދައްކަވާ ވާހަކަތަކަށް މާ ބޮޑެތި ބަދަލުތަކެއް ނާދެއެވެ. މަންޒަރު ބަދަލުވި އިރު އަނެއްކާ ވެސް މި ވަނީ އިންތިހާބަކާ ކުރިމަތިލާން ޖެހިފައެވެ. ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނެވެ. މިހާރު ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ މެމްބަރެކެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮތީ އެ ޕާޓީގައެވެ.

ކުރިން ވެސް ދެންނެވި ފަދައިން 2008ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013ވަނަ އަހަރުގެ އަދި 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީން އެންމެ އަޑު ހަރުކޮށް ދެއްކި އެއް ވާހަކައަކީ އިންތިހާބަށް ކަޑަ ޖަހާ ވާހަކައެވެ. ރައްޔިތުންގެ ވޯޓު ހޯދުމަށް ރަށްރަށަށް އެވެނިކަމެއް މިވެނިކަމެއް ކޮށްދެއްވާނަމޭ، އެވެނިތާކު އެއާޕޯޓެއް އަޅައި މިވެނިތާކުން ބިން ހިއްކާނަމޭ ބުނެ ރައީސް ވެވަޑައިގަންނަވާ ވައުދުތަކުގެ ވާހަކައެވެ. އިންތިހާބުތަކުގައި މިގޮތަށް ވާ ވައުދުތަކަކީ ގިނަ ފަހަރު ހަގީގަތަކަށް ނުވާ ހުސް ވައުދުތަކެވެ. އެވައުދުތައް ވަނީ ޖަޒުބާތުގައި ޖެހިގެންނެވެ. ތާއީދު ބޭނުންވާލެއް ބޮޑުކަމުންނެވެ.

ކޮމަންޑޫ ބައި އިލެކްޝަނާ ދިމާކޮށް ފެންނަނީ މީގެ ކުރިން ވެސް ފެނުނު ފަދަ ދާދި އެއްގޮތް މަންޒަރެކެވެ. ކުއްލިއަކަށް އެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށާއި ސަރުކާރަށް އަޑުއިވިއްޖެއެވެ. އެދާއިރާގެ ތިން ރަށުގައިވެސް ނުވެ އޮތް ހުރިހާކަމެއް ހައްލުވާން ފަށައިފިއެވެ. މީގެ މަސްތަކެއް ކުރިން އެކުލަވައިލި ބަޖެޓުގައި ވެސް ނުހިމެނުނު އެތައް ކަމަކަށް ފައިސާ ވެސް ހޯދައިފިއެވެ. އެ ކަންކަމުގައި އަމަލީ ސިފަ ވެސް ޖެހެން ފަށައިފިއެވެ. ހުސްވެފައި އޮތް ދައުލަތުގެ ބައިތުލްމާލުން ފައިސާ ވެސް ފެނިއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަންނަވަން ގިނަ ވައުދުތަކެއް ވެލެއްވިއެވެ. އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގެ އިތުރުން އިޖުތިމާއީ ތަރައްގީގެ ވައުދުތައް ވެސް މެއެވެ. ދައުރުގެ ބާކީ ދެއަހަރު އޮތްއިރު، އޭގެ ތެރެއިން ގިނަ ކަންކަން ކޮށްދެވިފައެއް ނުވެއެވެ. ތިލަމާލެ ބްރިޖުގެ ވައުދެވެ. ނައިފަރާއި ހިންނަވަރު ގުޅައިލުމަށް އަޅާ ބްރިޖުގެ ވައުދެވެ. ގެއްލިފައިވާ މީހުންނާއި މަރައިލައިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ވައުދެވެ. ޖުޑިޝަރީ އިސްލާހުކުރުމުގެ ވައުދެވެ. ޓާޝަރީ ހޮސްޕިޓަލްތައް އެޅުމުގެ ވައުދެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ނުފުއްދޭ ވައުދުތައް ކިތަންމެހައި ވެސް ގިނައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާ އެކު ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅައިލުމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ މަތިން ކުއްލިއަކަށް ހަނދާން ވެއްޖެއެވެ. 2022ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނަން ހަނދުމަފުޅު ނެތް ނަމަވެސް އެކަން ކޮންމެހެން ކޮށްދޭން ޖެހިއްޖެއެވެ. ވިދާޅުވީ އެވައުދު ފުއްދަވަން ލަސް ވެސް ވެއްޖެކަމަށެވެ. މަރޮށިގެ ބަނދަރު ބޮޑުކުރަން ފަށައިފިއެވެ. ބަޖެޓުގައި ނެތަސް އެކަމަށް ވެސް 42 މިލިއަނެއްހައި ރުފިޔާ ހަރަދުކުރަން ނިންމައިފިއެވެ. ރައީސް އަނެއްކާ ވެސް ވިދާޅުވަނީ އެ ކަންކަން ކުރައްވަނީ އިންތިހާބަށް ވޯޓު ހޯއްދެވުމަށް ނޫން ކަމަށެވެ.

"ބުނެފާނެ މިއީ ކެމްޕޭން ގުޅުވައިގެން ފަށާ ކަމެކޭ. އެހެން ވިދާޅުވިޔަސް ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާ މަންޒަރު ފެނިގެންދާނެ. ކެމްޕޭނާ މިކަމަކާ ގުޅުމެއް ނެތް" ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު އިއުލާން ކުރައްވަމުން ރައީސް ޞާލިހު ވިދާޅުވިއެވެ.

މި ވާހަކަ ހައެއްކަ ފަހަރު ރައީސް ތަކުރާރު ކުރެއްވިއެވެ. ރައްޔިތުންނަށް އެގޮތަށް ވިސްނައިދޭން ރައީސް ކިތަންމެހައި ވެސް މަސައްކަތެއް ކުރިއެވެ. އެކަމަކު މަންޒަރު ވަރަށް ސާފެވެ. ހަމަ އިންތިހާބަށް ކަޑަ ޖަހަނީއެވެ. ވޯޓު ބޭނުންވުމުން މިލިއަނުން ހަރަދު ކުރަނީއެވެ. ނުފެށި ހުރި މަޝްރޫއުތައް ފުލުފުލުގައި ފަށަނީއެވެ. ބަޖެޓުގައި ނެތަސް ފައިސާ ހޯދުނު ގޮތަކުން ހޯދަނީއެވެ.

ކުޑަކުޑަ މިސާލެކެވެ. ރައީސް ޞާލިހު ވިދާޅުވީ ރައްޔިތުންނަށް ބޭނުން ޖެހިފައި ހުރި ކަންކަން އެމަނިކުފާނު ކޮށްދެއްވާނެ ކަމަށެވެ. އެހެންވެ ބަޖެޓުގައި ނެތަސް ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވައިލަނީ އެދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށެވެ. ސަރުކާރުން މިކަމަށް 249 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އެފައިސާ ހޯދާ ގޮތެއް ނޭނގެއެވެ. އެކަމަކު ރައްޔިތުންގެ ހައްގުގައި ކޮށްދޭ ކަމަކަށް ވާތީ ލަސްކުރުމެއް ނެތެވެ. މީގެ އަހަރެއްހައި ދުވަސް ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ މަޝްރޫއުގައި ހުރި 7000 އެއްހައި ފްލެޓުގެ އަގު ކަނޑައެޅިއެވެ. 8500 ރުފިޔާއެވެ. ސަރުކާރުން ބުނަނީ ކުރިން ކަނޑައެޅި އަގަށް އެ ފްލެޓުތައް ދެވެން ނެތް ކަމަށެވެ. އަދި އަގު ކުޑަކުރާ ނަމަ ދައުލަތުން 150 މިލިއަނެއްހައި ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށެވެ. މިއީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް ސަރުކާރުން ބުނެއެވެ. މިދައްކަނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ 35000 އެއްހައި ރައްޔިތުންގެ ވާހަކައެވެ. ފައިސާ ނެތްކަމަށް ބުނެ ސޯޝަލް ހައުސިންގައި ދިރިއުޅެން އެކަށީގެން ނުވާ އަގެއް ދައްކަން ސަރުކާރުން މަޖުބޫރު ކުރުވިއެވެ.

ކޮމަންޑޫ ދާއިރާއަށް 249 މިލިއަން ހަރަދު ކުރުމަކީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫނެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ސަރުކާރުން ބޭނުންވި ނަމަ ގެއްލުމުގައި ވެސް ހިޔާ ފްލެޓުތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކުރެވުނީސް ކަމަށެވެ. މައްސަލައަކީ އެ ރައްޔިތުންގެ ވޯޓު ބޭނުން ވާނެ އިންތިހާބެއް ނެތްކަމެވެ. އިންތިހާބެއް ކައިރިވުމުން ފަހަރުގައި މިކަން ވެސް ވެދާނެއެވެ. ރާއްޖެ ހަލުވި ދުވެލީގައި ތަރައްގީކުރަން ބޭނުން ނަމަ ކޮންމެ އަހަރަކު އިންތިހާބެއް ބާއްވަންވީއެވެ. ފަހަރަކު ދާއިރާއެއްގައެވެ. އޭރުން އިސާހިތަކު ބަޖެޓުގައި ނެތަސް ވައުދުވެ އެވައުދުތައް ފުއްދަފާނެއެވެ. ކޮންމެއަކަސް ކުރީގެ ރައީސުން ވެރިކަމުގައި ތިއްބެވައިގެން ކަން ކުރެއްވި ގޮތާއި ރައީސް ޞާލިހު އިންތިހާބުތަކާ ދިމާކޮށް ކަން ކުރައްވާ ގޮތާއި ތަފާތެއް ނެތްކަމަށް ދަންނަވަން މިހާރު ކެރިދާނެއެވެ.

Ads by Ooredoo
  1. ކަޑަ ޔާންޓޭ

    މިޖަހާކަޑަ ދައުރު ނިމުމުގެކުރިން ކުލަޖެހޭނެ.. 30 އަހަރުގެ ކަޑަތަކާ މި ކަޑަތަކާ އެއްގޮތްވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ.. އޭރު ޖަހަމުން އައި ކަޑަތައް ހުންނާނެ އަނެއް އިންތިހާބު އަންނަންދެއް.. އެހެންވެ އެއްގޮތް ނުވާނީ.. އެމް،ޑީ،ޕީ ފިޔަވާ އަދި ވެރިކަމެއް ނުކުރޭ ރާއްޖެތެރޭ ރައްޔިތުންނައް ލާބައާއިމަންފާކުރާ ޒާތުގެ.. ޔާމިނު އެހައް ދުވަހުވެސް އެބުނީ އޭނަ ހުވަފެނުގަ ވެރިކަމައް އަރައި ފީއްޔާ 2030 އަންނަން ވާއިރައް 18 އަހަރުންމަތީ އެންމެންނައް «މާލެ» ސަރަހައްދުން ބޯހިޔާވަހިކަން ހޯދަދޭނެވާހަކަ.. މާލޭ ރއްޔިތުން މިސަރުކާރައް ކައުންސިލް ގޮނޑިތައް ނުދިނީވެސް މިސަރުކާރުން ރާއްޖެތެރެއައް މާބޮޑައް ބަލާނެތީ… ވާނެ ކުރާނެ.. ތީހުސް ކަޑައެއް ނޫން….