ޚަބަރު

ނަރުހުގެ މަރު: މާވިންއާއި ލަމްހާގެ ޝަރީއަތް މާދަމާ ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލިފައިވާ އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާގަސްއާއި، މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާގެ ޝަރީއަތް މާދަމާ ފަށަން ތާވަލު ކޮށްފިއެވެ.

Ads by MWSC

އެގޮތުން މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 ގައެވެ.

މޭރީ މަރުވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުގައެވެ. އޭނާގެ މަރުގެ މައްސަލައިގައި މާވިން ހައްޔަރު ކުރީ އެ މަހުގެ 27ވަނަ ދުވަހުގައެވެ.

މި މައްސަލައިގައި މާވިންގެ މައްޗަށް އުފުލައިފައި ވަނީ އެއް ދައުވާއެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާ އުފުލައިފައިވާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނީ، މާވިން، އޮކްޓޫބަރު 19ވަނަ ދުވަހުގެ 12:00އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، އޭނަ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރައިލައިފައިވާތީ ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މާވިންއަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް އުފުލައިފައި ވަނީ ތިން ދައުވާއެކެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!