ރެމޯ ޑިސޫޒާގެ ޅިޔަނު މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރަފަރ ރެމޯ ޑިސޫޒާގެ ޅިޔަނު ޖޭސަން ވަޓްކިންސް އިއްޔެ މަރުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ޖޭސަން މަރުވެފައި އޮއްވާ ފެނުނީ މިއްލަތުނަގަރްގައި ހުރި، އޭނާ ދިރިއުޅުނު އެޕާޓްމަންޓް ތެރެއިންނެވެ.
ޖޭސަން ވަނީ ރެމޯ އުފެއްދި ވަރަށް ގިނަ ފިލްމުތަކުގައި އެސިސްޓަންޓް ޑިރެކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރި ވެފައެވެ.
މެޑިކަލް އޮފިސަރަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ޖޭސަންގެ ހަށިގަނޑު ކޫޕަރ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، މުމްބާއީ ފުލުހުން ވެސް އެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ޖޭސަން މަރުވި އިރު ލިޒެލްއާއި ރެމޯ ތިބީ ގޯއާގައި، އެމީހުންގެ ރައްޓެއްސެއްގެ ކައިވެންޏަކަށް ގޮހެވެ. އެމީހުން އެނބުރި މުމްބާއީއަށް ދިޔުމުން، އެ ދެމީހުންގެ ބަޔާން ވެސް ނަގާނެ ކަމަށް ބުނެފައިވެއެވެ.