ގދ.އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ދެރަ، އަތޮޅު ކައުންސިލްގެ ރައީސްގެ ކަންބޮޑުވުން
- ސަރުކާރުން ގދ.އަތޮޅުގެ ސަރަހައްދީ ހޮސްޕިޓަލާމެދު އަޅާލާނީ ހާލަތު ކިހާ ގޯސް ވުމުންތޯ، އެ އަތޮޅު ކައުންސިލުގެ ރައީސް ސުވާލު އުފެއްދެވި.
ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމު ކުރެވިފައި ނެތްކަން ފާހަގަކުރައްވައި، ގދ.އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތާ މެދުގައި އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެގޮތުން އެ ތަނުގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ.އަހްމަދު އާޒިމް ވިދާޅުވީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރުންނާއި ފިޒީޝަނުން ވެސް ނެތް ކަމަށެވެ. އަދި ޑޮކްޓަރުން ވެސް މަދުކަން ފާހަގަކުރައްވައި، މިހާލަތުގައި ކޮވިޑްގެ ހަތަރުވަނަ ރާޅެއް "މެނޭޖު" ކުރާނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.
ކޮވިޑްގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު، ދަސްވިކަމެއް ނެތް ކަމަށް ވެސް ސޯޝަލް މީޑިއާގައި ޑޮކްޓަރު އަހުމަދު ކުރެއްވި ޕޯސްޓުގައި ވެއެވެ.
މިކަމާ ގުޅިގެން ފައިހަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ދަރުމަވަންތަ ހޮސްޕިޓަލުން އެންމެ މަތީ ފެންވަރުގައި ފަރުވާ ދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ހުވަދު އަތޮޅު ރައްޔިތުން ހިދުމަތް ލިބިގަންނަން ހުރި ރީޖަނަލް ހޮސްޕިޓަލުން ކޮވިޑްގެ މި ހަތަރުވަނަ ރާޅުގައި ރައްޔިތުންނަށް ހިދުމަތް ދެވޭނެ ކެޕޭސިޓީއެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވަމުންދާއިރު، ސަރުކާރުން ރައްޔިތުންނާ މެދު ފަރުވާ ކުޑަ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންކަމެއް، ކިހާ ގޯސް ވަންދެންތޯ ތިޔަ މަޑު ކުރައްވަނީ؟" އޭނާ ސުވާލު އުފެއްދެވިއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު، އިތުރު ފިޔަވަޅުތައް އަޅައި، ބަލި ކޮންޓްރޯލް ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ނުކުރާ ކަމަށް ބުނެ އާންމު ގިނަ ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެެވެ.
“ބަލިވުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން މުހިންމު”…………ޙަދީޘް ފުޅު ތަކުގެ އަލީގައި.
އިމާރާތެއް އިތުރުވެ ޖާގަބޮޑު ކުރެވުނަސްމާލެއިންލިބެންހުރިފަރުވާގެޚިދުމަތްތައްނުދެވޭެނަެކަމަށްވާނަމައެކަމާއަހަރެމެންވަރަށްކަންބޮޑުވާނެ.އެޚިދުމަތްތައް ލިބެން ނެތުމަކީ ތަރައްގީއެއްނޫން.