ރިޕޯޓް

އުމުރުން އެންމެ ތިން އަހަރުގެ ޒިވިއަން ކަނޑުގައި ފަތަނީ!

  • ކަނޑަށް ވެސް ވަރަށް ފަރިތަ
  • ޒިވިއަންގެ ކޯޗުންނަކީ މަންމައާއި ބައްޕަ
ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޒިވިއަން އޭނާގެ ބައްޕައާއެކު

މީސްމީޑިއާގެ އެކި މަންސަތަކުން ބޭރު ގައުމުތަކުގެ ކުދިން ކަނޑުގައި ފީނައި އުޅޭ މަންޒަރު ކިތަންމެ ގިނައިން ފެނުނަކަސް ވަށައިގެން ކަނޑުއޮތް މި ދިވެހިރާއްޖޭގައި ތުއްތު ކުދީން އެފަދައިން ހަރަކާތްތެރިވާ މަންޒަރު ފެންނަލެއް ގިނައެއް ނޫނެވެ. ނަމަވެސް މަތީގައި އެވާ ފޮޓޯއާއި ސުރުހީ އެ އިޝާރާތް ކުރަނީ ރާއްޖެއިން ބޭރުގެ ކުއްޖަކަށް ނޫނެވެ. އެއީ ދިވެހި މަންމައަކާއި ބައްޕައެއްގެ އުމުރުން ތިން އަހަރުގެ ޒިވިއަންއެވެ.

އާނއެކެވެ. އެއްގަމުގައި ވެސް ހަލަނިކޮށް މަޖާކޮށް އުޅޭ ތިން އަހަރުގެ ޒިވިއަން މޫދުގައި ވެސް އެކަން ދައްކަނީއެވެ. މޫދާއި ކަނޑުގައި ވެސް އޭނާ ފަތަނީއެވެ. ރާޅުތަކާ އެކު ޒިވިއަން ހޭދަކޮށްލާ އުފާވެރި މަޖާ ވަގުތުތަކުގެ ވާހަކަ ހިއްސާކޮށްދިނީ އެ ވަގުތުތައް ވެސް ޒިވިއަންއާ އެކު ހިއްސާކުރާ އޭނާގެ ބައްޕަ ޙުސައިން ޢާޞިފެވެ.

މިކަން ފެށުނު ގޮތް

ޒިވިއަންގެ ބައްޕަ ކިޔައިދިން ގޮތުގައި ޒިވިއަންގެ އުމުރުން އެންމެ ދެ މަހުގައި ފުރަތަމަ ފަހަރަށް ޒިވިއަން މޫދަށްލިއެވެ. ކަނޑުގެ ރާޅުތަކާއި އޮއިވަރަށް ޒިވިއަން ޝައުޤުވެރިކަން ވަރަށް ކުޑައިރުއްސުރެ ހުންނަ ކަމަށް އާސިފް ކިޔައިދިނެވެ.

"ދަރިފުޅަށް ދެ މަސް ފުރުނު ދުވަހު މޫދަށް އިންޓްރޮޑިއުސް ކޮށްދިނިން. ޝައުޤުވެރިކަން އުފެދުނު ޓައިމެއް އެހެން ބުނާކަން ނަމަވެސް. ނަމަވެސް އެއް އަހަރުން ފެށިގެން މޫދު ކައިރިއަށް ދިއުމުން ހުންނަނީ ވަރަށް އުފަލުން" އާސިފް ކިޔައިދިނެވެ.

އެހައި ކުޑައިރު ޒިވިއަން މޫދަށް ޝައުޤުވެރި ކުރުވީ ކީއްވެތޯ ސުވާލު ކުރުމަށް އާސިފް ދިނީ ސާދާ ޖަވާބެކެވެ. އާސިފް ބުނީ އެއީ އަހަރެމެން ވަށައިގެން ކަނޑު އޮވެފައި، ކަނޑަށް ދިވެހިން ފަރިތަ ވާން ޖެހޭނެތީ ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް ދަރިޔަކު ލިބުމުން ފިކުރު ކުރެވެން ފެށީ ދަރިފުޅުގެ ސޭފްޓީއާ ދޭތެރޭ. ދިވެހި ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޤައުމަކަށް ވުމުން، ވިސްނުނީ އެންމެ ތުއްތު އިރުން ފެށިގެން މޫދަށް އަހުލުވެރި ކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް. ކަމެއް ދިމާވާނީ. ބުނަފައެއް ނޫން. ކޮންމެވެސް ވަރަކަށް ފަތަން ދަސްކޮށްފައި އޮތުމުން ސަވައިވް ވުމުގެ ފުރުސަތު ބޮޑު" އާސިފް ބުނީ، ރާއްޖޭގެ ކަނޑުތަކުގައި ހިތާމެރި ހާދިސާތައް ވަރަށް ގިނައިން ދިމާވާ ވާހަކަ އަޑު އިވޭ ކަމަށާއި ތުއްތުއިރު ފަތަން ދަސްކޮށްދެން ނިންމީ އެ ސަބަބާ ހުރެ ކަމަށެވެ.

ކަނޑަށް ވެސް ވަރަށް ފަރިތަ

ޒިވިއަން އޭނާގެ އަމިއްލަ އިންސްޓަގްރާމް ހޭންޑަލްގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އޭނާ ކަނޑަށް ވެސް ވަރަށް ފަރިތައެވެ. އިއްޔެ ތިން އަހަރު ފުރުނު ޒިވިއަންގެ އިންސްޓަގްރާމް ފޮލޯވަރުންގެ ގޮތުގައި މިހާރު ވެސް 200އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

އާސިފް ބުނީ ދަރިފުޅާ އެކު އަބަދުވެސް މޫދަށްދާ ކަމަށާއި ހަ މަހުގައި ކުއްޖާއާ އެކު ކަނޑަށް ފީނަން ދިޔަ ކަމަށެވެ. އާސިފް ބުނީ މޫދުގެ މަސްތައް ބަލަން ޒިވިއަން އަބަދުވެސް ފޯރި ހުންނަ ކަމަށެވެ. އަދި މަސްތައް ބަލަން ދާ ހިތްވާކަން އެނގުމުން ފީނަން ދަސްކޮށްދިން ނިންމި ކަމަށް އާސިފް ބުންޏެވެ.

"ހުރިހާ ކުދިންނަކީ ވެސް ތަފާތު ކުދިން. އެކި ކުދިންނަށް ފަސޭހައިން ދަސްވާނީ އެކިކަންކަން ކޮށްގެން. ޒިވިއަން އެންމެ ގަޔާވަނީ މޫދުގައި އުޅޭ މަސްތައް ބަލަން ދެން މަސްތައް ބަލަމުން މަސްތައް ޗޭސް ކުރުމުގެ ތެރޭގައި ފެންމަތީގައި އޮތުމާއި ނޭވާ ލުމަށާއި އަދި ޓާންތައް ދަސްކުރަން ފެށި. ސްނޯކްލިން ދަސްކޮށްދޭން ނިންމީ އެ ހިސާބުން" އާސިފް ބުންޏެވެ.

ޒިވިއަންގެ ކޯޗުންނަކީ މަންމައާއި ބައްޕަ

ކަނޑުގައި ޒިވިއަން ފީނާތާ މިހާރު ދޮޅު އަހަރުވަނީއެވެ. ޒިވިއަންގެ ބައްޕަ ބުނީ ޒިވިއަންއަށް ފީނަން ދަސްކޮށްދިނީ އޭނާއާއި ޒިވިއަންގެ މަންމަ ކަމަށެވެ.

"އަންހެނުންނާ އަހަރެން ދަނީ އާއްމުކޮށް ޒިވިއަން ގޮވައިގެން" އާސިފް ބުންޏެވެ.

ޒިވިއަންގެ މަންމައާއި ބައްޕަ

އާސިފް ބުނީ ދަރިފުޅު ސްނޯކްލިން ކުރާއިރު ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލާ ކަމަށާއި، އޮއިވަރު ހުންނަ ގޮތާއި މި ނޫންކަންތައް ވެސް ބަލާ ކަމަށެވެ. އަދި ކުއްޖާ އެކަނި ދޫކޮށް ނުލާ ކަމަށާއި އަބަދުވެސް އިތުރު ފަރާތެއް ވެސް ކައިރީގައި ބަހައްޓާ ކަަމަށް އާސިފް ބުންޏެވެ.

"ވަރަށް ރިސާޗް ކުރުމަށް ފަހު ސޭފްޓީއާ އެއްގޮތަށް އެކަންކަން ކުރިޔަށް ގެންދަނީ. މޫދުގެ އޮއިވަރާއި ރާޅަށް ބަލައިފައި ކަނޑަށް ގެންދާ ދުވަސްތަކުގައި ލައިފް ޖެކެޓް ވެސް އަޅުވަން. އަދި އަޅުގަނޑު އިސްކޮޅު ނުޖެހޭ ހިސާބުގައި ވިޔަސް، ހިއްކުގައި ވިޔަސް އިތުރު މީހެއް ނެތި އެއްކޮށް ދޫކޮށް ނުލަން. އަދި ކަނޑުގެ ތެރޭގައި ފްލޯޓްވާން ދޫކޮށްލާ ނަމަ އިތުރު ދެ މީހުން ތިބެގެން ނޫނީ ދޫކޮށްނުލަން." އާސިފް ބުންޏެވެ.

އާސިފް ބުނީ މޫދަށް ދަރިފުޅު ފަރިތަ ކުރަން ބޭނުން ނަމަ، ސާމަލުކަން ދޭން ޖެހޭ ކަންތައްތައް ވަރަށް ބައިވަރު ކަމަށާއި، ކުއްޖާއާ އެކު ހުރިހާ ވަގުތަކު ވެސް ހުރުން ވަރަށް މުހިންމު ކަމަށެވެ.

މި ވަގުތު ފީނުމުގައި ޒިވިއަން ހަރަކާތްތެރި ވިޔަސް، އާސިފް ހުރީ ޒިވިއަން ޑައިވަރަކަށް ހަދާ ގޮތަކަށް ނޫނެވެ. އާސިފް ބުނީ އެއީ ޒިވިއަންގެ ޗޮއިސެއް ކަމަށާއި ބޮޑުވެގެން ކުރަން ބޭނުންވާ ކަމެއް އެނގޭނީ ޒިވިއަންއަށް ކަމަށެވެ.

"ދަރިފުޅު ބޮޑުވުމަށް ފަހު ދަރިފުޅު ވާން ބޭނުންވާ މީހަކަށް ހަމަވާންވީ. ހުރިހާ ކަމެއްގައި ވެސް ފުލް ސަޕޯޓް ލިބޭނެ. ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ދަރިފުޅު ބެސްޓް އެކަމުގައި ދީފިއްޔާ ނިމުނީ. ކަންކަމުގައި ފެއިލްވެސް ވާނެ އެކަމަކު ބެސްޓް ދިނުމަށްފަހު ފެއިލްވުމަ ށްފަހު އެއީ މައްސަލައެއް ނޫން. ޒިވިއަންއަށް މިހާރު ތިން އަހަރު ވަނީ، މި ދުވަސްކޮޅު ހުރިހާ ހުނަރެއް ވެސް އެކްސްޕްލޯ ކުރަމުން މިދަނީ. އެއްވެސް ކަމަކަށް ފޯސް ނުކޮށް ގައިޑެންސް ދީގެން އެކްސްޕްލޯ ކޮށްލާ" އާސިފް ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!