ޚަބަރު

ރައްޔިތުން ބޭނުންވާ ކަންކަން ހޯދަން ވަކާލާތުކުރާނަން: ފަތުހީ

ރައުފާ ރަޝީދު ، ދެން އޮންލައިން
އަލްއުސްތާޛު މޫސާ ފަތުހީ އާދަމް | ފޮޓޯ: ޕީއެސްއެމް ނިއުސް

ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަކާލާތުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފަތުހީ މިފަދައިން ވިދާޅުވީ ރޭ ޕީއެސްއެމުން ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ 3 ކެނޑިޑޭޓުންގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

ފަތުހީ ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ދައުލަތުން ސިޔާސަތުތައް އެކުލަވައިލާ ތަންފީޒުކުރާކަން ކަށަވަރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޤާނޫނީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާއަށް ހޮވިއްޖެ ނަމަ އެގޮތުގެ މަތީގައި ދެމިހުންނާނެ ކަމަށް ފަތުހީ ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުހީ ވިދާޅުވީ އޭނާއަކީ ދާއިރާގެ ރައްޔިތުންގެ ވަކީލެއް ކަމަށާއި ރައްޔިތުންގެ ހައްގުގައި މިހައިތަނަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަޑު އުފުލައިފައި ނުވާ ކަމަށް ދާއިރާގެ ރައްޔިތުން ބުނަމުންދާ ކަމަށެވެ. އޭނާ ނިކުމެ އެހުންނެވީ އެކަން ކޮށްދޭން ކަމަށް ފަތުހީ ވިދާޅުވިއެވެ.

”އަޅުގަނޑަކީ ދާއިރާގެ ރައްޔިތުންގެ ވަކީލެއް. އަޅުގަނޑު ނުވާނެ ސަރުކާރުގެ ވަކީލަކަށް. އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އެބަބުނޭ ދާއިރާގެ ރައްޔިތުންގެ ހައްގުގައި މިހައިތަނަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަޑު އުފުލައިފައެއް ނެތޭ. އެކަން ކޮށްދެއްޗޭ. އެކަން ކުރަން ނިކުމެ އަޅުގަނޑު މިހުރީ.  ރައްޔިތުން ބުނާ ގޮތަކަށް އަޅުގަނޑު ކަންތައްތައް ކޮށްދޭނަން” ފަތުހީ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލްހަންނާން އިދުރީހެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!