ކޮވިޑް-19 ޓެސްޓްކިޓް ގަންނަންވީ "ލިބޭ"އިން

"ލިބޭ އޮންލައިން"އިން، ހަތް މިނެޓުން ނަތީޖާ ލިބޭ ކޮވިޑް-19 އެންޓިޖެން ޓެސްޓް ކިޓެއް ވިއްކަން ފަށައިފިއެވެ.
ލިބޭގެ އޮފިޝަލަކު ބުނީ، މި ކިޓު ވިއްކަން ފަށައިފައި ވަނީ، ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އިންސައްތަ ބޮޑުތަނުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ގިނަބަޔަކު ބައްޔަށް ޓެސްޓް ކުރުމަށް ކިއު ހަދައިފައި ވާތީ، މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކޮށް އެފަރާތްތަކަށް ފަސޭހައިން ގޭގައި ޓެސްޓް ކޮށްލެވޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ.

"މި ކިޓުގެ ސަބަބުން ގޭގައި ކޮވިޑަށް ފަސޭހައިން ޓެސްޓް ކޮށްލެވޭނެ. ހަތް މިނެޓާއި ފަނަރަ މިނެޓާ ދޭތެރޭގައި މި ކިޓުން ނަތީޖާ ފެނިގެންދާނެ،" އޮފިޝަލް ވިދާޅުވިއެވެ.
"ކޮވިސެލްފް" ކިޓު ބޭނުން ކުރަން ޖެހޭ ގޮތް:
އިންޑިއާގެ ކުރިއަރައިފައިވާ ބަޔޯޓެކްނޮލޮޖީ ކުންފުނި، "މައިލެބް ޑިސްކަވަރީ ސޮލިއުޝަންސް"އިން އުފައްދާފައިވާ "ކޮވިސެލްފް"ގެ ނަމުން ނަންދީފައިވާ މި ހޯމް ޓެސްޓް ކިޓަކީ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސާޗް (އައި.ސީ.އެމް.އާރު)އިން ހުއްދަދިން ފުރަތަމަ ޓެސްޓު ކިޓެވެ. އަދި މި ކިޓަކީ ކޮވިޑް-19ގެ ކުރީކޮޅު ބަލި ދެނެގަންނާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކިޓެކެވެ.
މި ކިޓާ އެކު މަޢުލޫމާތު ކާޑަކާއި، ޓެސްޓު ކުރުމަށް ބޭނުންވާ މާއްދާއެއް ހިމެނޭ ޓިއުބަކާއި، ނޭސަލް ސްވެބަކާއި އެއް ޓެސްޓް ކާޑު އޮންނާނެއެވެ. ޓެސްޓް ކުރަން ފެށުމުގެ ކުރިން ކިޓުގައި އޮންނަ މަޢުލޫމާތު ކާޑު ރަނގަޅަށް ކިޔައިލަން ވާނެއެވެ. އަދި ޓެސްޓް ކިޓް ބޭނުންކުރަން ފެށުމުގެ ކުރިން އޭގައިވާ ތަކެތި ބަހައްޓާ ތަން ރަނގަޅަށް ސެނެޓައިޒް ކުރަންވާނެއެވެ. އޭގެ އިތުރުން އަތްދޮވެ ފެންހިއްކުމަށް ފަހު ރަނގަޅަށް ސެނެޓައިޒް ކުރަންވާނެއެވެ.
މި ކިޓް ބޭނުންކޮށްގެން ޓެސްޓު ކުރުމަށް ޓަކައި އޭގައިވާ ނޭސަލް ސްވެބް، ނޭފަތުގެ އެތެރެއަށް ދެ ސެންޓިމީޓަރާއި ހަތަރު ސެންޓިމީޓަރާއި ދެމެދުގެ ފުންމިނަށް ލެއްވުމަށް ފަހު ހަތަރެއް ނުވަތަ ފަސް ފަހަރު މަޑުމަޑުން އަނބުރާލާނީއެވެ. މިގޮތުގެމަތީން ނޭފަތުގެ ދެފަރާތަށް ވެސް ސްވެބް ލައްވަން ވާނެއެވެ.

އެއަށް ފަހު ސޮލިއުޝަން އެކުލެވޭ ޓިއުބުގެ ތެރެއަށް މި ސްވެބް ލާނީއެވެ. ސޮލިއުޝަން ޓިއުބަށް ސްވެބް ލާއިރު، ނޭފަތަށް ލައްވާކޮޅުގައި އަތްނުލުމަށް ސަމާލުކަން ދޭންވާނެއެވެ. އެއަށް ފަހު ސްވެބްގައި ރަނގަޅަށް ސޮލިއުޝަން ހޭކެންދެން ތަޅުވައިލުމަށް ފަހު، ޓިއުބުގެ މަތިޖެހޭ ހިސާބުން ބިންދައިލައި ޓިއުބުގެ މަތިޖަހައި ބަންދުކުރާނީއެވެ. ދެން ޓިއުބުގައިވާ ސޮލިއުޝަންއިން ދެ ތިކި، ޓެސްޓިންކާޑަށް ޖައްސައިލުމުން ކުޑައިރުކޮޅެއް ތެރޭގައި ނަތީޖާ ދައްކައިދޭނެއެވެ. ޢާންމު ގޮތެއްގައި 5 މިނެޓާއި 7 މިނެޓާ ދެމެދު މި ޓެސްޓުގެ ނަތީޖާ ދައްކައިދޭނެއެވެ. ނަމަވެސް ރަނގަޅު ގޮތަކީ 15 މިނެޓުވަންދެން މަޑުކުރުމެވެ. އަދި ނަތީޖާ ނުފެނި 20 މިނެޓަށްވުރެ ގިނައިރު ވެއްޖެ ނަމަ އަލުން ޓެސްޓް ހަދަން ވާނެއެވެ. އެއްފަހަރު ބޭނުންކޮށްފައިވާ ކިޓަކުން ދެވަނަ ފަހަރަށް ޓެސްޓް ނުކުރެވޭނެއެވެ.

ޓެސްޓް ކާޑުގައި ކޮންޓްރޯލް ލައިން (ސީ) އަދި ޓެސްޓް ލައިން (ޓީ) އަކުރު ހިމެނޭ ފާހަގައެއް ވާނެއެވެ. މީގެ ތެރެއިން ނަތީޖާ ދައްކާއިރު، ހަމަ އެކަނި (ސީ)ގެ ނިޝާން ފެންނަ ނަމަ އޭގެ މާނައަކީ ނަތީޖާ ނައްސި (ނެގެޓިވް) ކަމެވެ. އަދި ކާޑުގައި ހިމެނޭ (ސ) އަދި (ޓީ) މި ދެ ނިޝާން ފެންނަ ނަމަ، ނަތީޖާ ފައްސި (ޕޮޒިޓިވް) ވީއެވެ.
މި ކިޓް ބޭނުންކުރުމަށް ފަހު ރައްކާތެރިކަމާ އެކު އޭގައިވާ ތަކެތި ނައްތައިލުމަކީ ވެސް މުހިންމު ކަމެކެވެ. މިގޮތުން ޓެސްޓްކޮށް ނިމުމުން ކިޓުގައި ބޭނުންކުރި އެންމެހައި ތަކެތި އަޅައި ބަންދުކުރުމަށް ޚާއްސަ ޑިސްޕޯސަބަލް ކޮތަޅެއް އޮންނާނެއެވެ. އެހެން މީހުންގެ ރައްކަލަކަށް ޓަކައި، މިކޮތަޅަށް ކިޓުގެ އެންމެހައި ތަކެތިއެޅުމަށް ފަހު ޑަސްބިނަށް ލުމަށް ސަމާލުކަން ދޭންވާނެއެވެ.
"ކޮވިސެލްފް" ކިޓަކީ އެހެން ކިޓްތަކާ އަޅާބަލާ އިރު ޔަގީން ނަތީޖާ ދައްކައިދޭ ކިޓަކަށްވާ އިރު، މި ކިޓުން ކުރާ ފުރަތަމަ ޓެސްޓް ފައްސިކަމަށް ދައްކައިފި ނަމަ އިތުރު ޓެސްޓެއް ނުހަދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މި ކިޓް އުފައްދާ ކުންފުނިން އިރުޝާދުދެއެވެ.
"ކޮވިސެލްފް" ރެޕިޑް އެންޓިކެން ޓެސްޓިން ކިޓަކީ އިންޑިއާގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ކުރިއަރައިފައިވާ ޤައުމުތަކުގައި ވެސް މިހާރު ބޭނުންކުރަމުން އަންނަ ކްއެލިޓީ ރަނގަޅު، ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ކިޓެކެވެ. މި ކިޓްގެ ނަތީޖާ 99 އިންސައްތަ ފަހަރު ދިމާވާ ކަމަށް ކިޓް ވިއްކާ ފަރާތުން ބުނެއެވެ.
"ކޮވިސެލްފް" ކިޓާ ބެހޭ މަޢުލޫމާތު ހޯދުމަށާއި، މި ކިޓު ގަންނަން ބޭނުންވާ ފަރާތްތަކުން ލިބޭގެ ފޭސްބުކު ޕޭޖަށް މެސެޖު ކުރުމަށް ނުވަތަ 9759452 ނަންބަރަށް ގުޅުއްވުމަށް "ލިބޭ"އިން އެދެއެވެ. "ލިބޭ"އިން މި ކިޓަށް އޯޑަރު ކުރުމުން މާލެ ސަރަޙައްދުގައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ރަށްރަށުން އޯޑަރުކުރާ ނަމަ ބޯޓާ ހަމައަށް ގެންގޮސްދޭނެއެވެ.