ވެކްސިންގެ ހަމަހަމަކަން ޤާއިމްކުރުމަށް ޝާހިދު ފެއްޓެވި ކެމްޕޭނަށް ޑަބްލިޔުއެޗްއޯއިން ތާއީދުކޮށްފި
ވެކްސިން އިކުއިޓީ، ނުވަތަ ވެކްސިންގެ ހަމަހަމަކަން ޤާއިމްކުރުމަށް އދ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ވެރިޔާ ތާއީދު ކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެންމެނަށް ހަމަހަމަކޮށް ވެކްސިން ލިބޭނެ ފުރުސަތު ހޯދައިދިނުމަށް އާއްމު މަޖިލީހުގެ ރައީސް ފައްޓަވައިފައިވާ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވާކަމަށާއި، މިކަމުގައި އާއްމު މަޖިލީހުގެ ރައީސް ޝާހިދުގެ ލީޑަރޝިޕަށް ފުރިހަމަޔަށް ތާއީދުކުރައްވާ ކަމަށެވެ.
އދގެ ޢާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު އދގެ 193 ގައުމާ މުހާތަބުކުރައްވައި އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައި ވެސް ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް ޝާހިދު ވަނީ ގޮވައިލައްވައިފައެވެ.
އައު އަހަރުގެ ޝިއާރެއްގެ ގޮތުގައި މި އަހަރު ޝާހިދު ފެއްޓެވި #ވެކްސިންއިކުއިޓީ ކެމްޕޭންގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކާ ޖަމްއިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
މި ފެށޭ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އދގެ އާއްމު މަޖިލީހުގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ގައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގެ ބައްދަލުވުމެއް މިކަމާ ބެހޭ ގޮތުން ބާއްވަން އދއިން ވަނީ އިއުލާންކޮށްފައެވެ.