ހުޅުމާލެ ޑްރައިވިން ޓްރެކްގެ މަސައްކަތް ސިޓީ ކައުންސިލުން ނިންމައިލައިފި

ޓްރާންސްޕޯޓް މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލާ ހަވާލު ކުރި ހުޅުމާލޭގެ ޑްރައިވިންގް ޓެސްޓް ހަދާ ސަރަޙައްދުގެ މަސައްކަތުގެ 90 އިންސައްތަ މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
ހުޅުމާލޭގައި ތަރައްޤީކުރި ޑްރައިވިންގް ސަރަހައްދުގެ މަސައްކަތް ނިންމައި، އިއްޔެ މިވަނީ ޓެސްޓުހަދަން ފަށައިފައެވެ.
މި މަސައްކަތުގެ 90 އިންސައްތަ ނިންމުމަށް ހޭދަވީ ގާތްގަނޑަކަށް 2 މަސް ދުވަހެވެ.
މި ސަރަޙައްދުގައި އިތުރަށް ކުރަން ހުރި މަސައްކަތުގެ ތެރޭގައި 2 ފާޚާނާއާއި ވެއިޓިންގ އޭރިއާއެއް ވެސް ޤާއިމް ކުރެވޭނެއެވެ.
މި މަސައްކަތަކީ މާލޭގައި ޑްރައިވިންގް ޓެސްޓް ހަދަމުންދިޔަ އިންޑަސްޓްރިއަލް ސަރަޙައްދު ބްރިޖް މަޝްރޫޢުއަށް ބަންދު ކުރުމާ ގުޅިގެން ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ.
މާލެ ސިޓީގެ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކޮންމެ ކަމެއްގައި ސަރުކާރާއި، މިނިސްޓްރީތަކަށް ދެއްވަން ޖެހޭ ހުރިހައި އެއްބާރުލުމެއް މާލެ ސިޓީ ކައުންސިލުން އަންނަނީ ފޯރުކޮށްދެމުން ކަމަށް އެ ކައުންސިލުން ބުނެއެވެ.