ޚަބަރު ސިޔާސީ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ އިދިކޮޅުން ބޮއިކޮޓްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޯއިކޮޓް ކޮށްފިއެވެ.

Ads by STELCO

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޖުޑިޝަރީއަށް އަތްބާނާ ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށްދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ، ރައީސް ޔާމީނަށް ޓާގެޓްކޮށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައް މި ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށާއި މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުން ވަނީ އެ މުއައްސަސާތަކުގެ ބާރުކަނޑުވައިލައިފައި ކަމަށެވެ. އަދި ހަމައެއާ އެކު އިންތިޚާބެއް ބޯމަތިވެފައި އޮތްއިރު، ސަރުކާރުންދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ކަމަށާއި މިޙާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން މިވަނީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައިކަން ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

"ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން އެ މުއައްސަސާ ވަނީ ހައިޖެކްކޮށްފައެވެ. ކޮރަޕްޝަނާ ގުޅުން ހުރި އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ މި ސަރުކާރުގެ ޚުދު މުޚުތާރުކަމާއި ޑިމޮކްރެސީއާއި ބީރައްޓެހިކަން ހާމަވެގެންދާ ކަމެއް" ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ، މިސަރުކާރުން އިންޑިޔާއާއެކު ހަދައިފައިވާ އެކިއެކި ގޮތްނޭނގޭ އެއްބަސްވުންތަކުގެ ދަށުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލިފައިވާއިރު، ރައީސް ޔާމީން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން މި ގައުމުން ބޭލުމަށް ގޮވައިލާ ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރުވެ، މިކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާޢީ ދައުވާކޮށް ޖަލަށްލުމަށް ޤާނޫނު ފާސްކުރަން ނިންމައިފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިޔާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭކަމެއް ކަމަށެވެ.

އެހެންކަމުން  މިހާ ޚުދުމުޚުތާރު، ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކައިލައިފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިސްވެ ދެންނެވުނު ކަންކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން މި ކޯލިޝަނުން ބައިވެރިނުވާން ނިންމައިފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!