"އިންޑިއާ އައުޓް" ގެ ސަބަބުން ލިބޭ ގެއްލުން ބަލަން 241 ކޮމިޓީން ފާސްކޮށްފި
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕޭނު ހަރަކާތުގެ ސަބަބުން ރާއްޖެއާއި ދިވެހިންނަށް ލިބޭ ގެއްލުން ބަލަން ދިރާސާއެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން މިއަދު ފާސްކޮށްފިއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ވެސް މި ކެމްޕޭނު ފަށައިފައި ވަނިކޮށް "އިންޑިއާ އައުޓް" ކެމްޕޭނުގެ މައްސަލަ ބަލައި ދިނުމަށް 241 ކޮމިޓީގައި މިދިޔަ ހަފްތާގައި އެދިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
އެގޮތުން އެ ކެމްޕޭނުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށަހެޅި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށާއި އެއީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނާނެ ފަދަ އަމަލެއް ނޫން ކަމަށެވެ.
އެއީ ރާއްޖޭގެ މަސްލަހަތާ ހިލާފު، އެކަމުގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާއި އިންޑިއާގައި މިހާރު ވެސް އެތައް ހާސް ދިވެހިން ދިރިއުޅެމުން އަންނަކަން ރައީސް ނަޝީދުގެ ސިޓީގައި ފާހަގަ ކުރައްވައިފައިވެއެވެ. އަދި އެ ކެމްޕޭންގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލަ ކޮމިޓީގައި އެޖެންޑާ ކޮށްފައިވާއިރު، އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، ރާއްޖެއާއި ބައިނަލްއަގުވަމީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކާ ދެކޮޅަށް އިންތިޒާމުވެގެން ރާއްޖޭގައި ހަރަކާތް ހިންގަން ފަށައިފި ނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.