"އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންދަނީ އިދިކޮޅުން ބޭނުންވި ގޮތަށް އެއްވެސް ކަމެއް ނުކުރެވުމުން: އިމްރާން
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނު ހަރަކާތް ކުރިއަށް ގެންދަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ފާޑު ކިޔައިގެން އިދިކޮޅުން ބޭނުންވި ގޮތަށް އެއްވެސް ކަމެއް ނުކުރެވުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ބައްދަލުވުމަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅުން ކުރަން ބޭނުންވި ކަންކަން ސަރުކާރުގެ ތެރެއިން ނުކުރެވިގެން އަވަށްޓެރި ގައުމުތަކާ ޖެހިގަނެ ސަރުކާރަށް ދަތިކުރަން ކުރިއަށް ގެންދާ ހަަރަކާތެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރ އިމްރާން ވަނީ، މިފަދަ ހަރަކާތެއް ކުރިއަށް ގެންްދަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން އަބަދުވެސް އިސްކަން ދޭނެ ކަމަށާއި އިދިކޮޅު ޕާޓީ ތަކުން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރި ނަމަ އެކަމާ ދެކޮޅަށް އަޑުއުފުލާ ހިޔާލުފާޅުކުރުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމުގައެވެ.
"ރާއްޖޭގެ ރައްޔިތުންނާ އަދި މުޅި ރާއްޖެއާ ގުޅިފައިވާ ބައިވަރު ކަންތައްތައް އިންޑިއާއާ އެކު ކުރިއަށް އެބަދޭ،. އެކަންކަމުގެ ތެރެއިން އައުޓްކުރަން ގޮވާ އެއްޗެއް ސާފެއް ނުވޭ" އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ އިމްރާން ވަނީ އިންޑިއާ އައުޓް ހަރަކާތް ކުރިއަށްދާ ނަމަ ދާހިލީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކާތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވެފައެވެ.