ޚަބަރު

އަފްހާމްގެ ޕޯސްމޯޓަމް ހަދައިފި، ޖަނާޒާ މިރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި ލަންކާގައި ނިޔާވެފައިވާ އުމުރުން 24 އަހަރުގެ އަފްހާމް ނަސީރުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް މިއަދު ހަދައިފައިވާ ކަމަށާއި، ޖަނާޒާ މިރޭގެ ވަގުތެއްގައި ކުރިއަށް ގެންދިޔުމަށް އާއިލާއިން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލަންކާގައި ނިޔާވެފައިވާ ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް މިއަދު ހަދައިފައިވާ ކަމަށާއި ދިވެހި ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވަމުންދާ ޓީމަށް ލަންކާގެ ފުލުހުން މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އޭނާގެ ޖަނާޒާގެ ކަންކަން މިރޭގެ ވަގުތެއްގައި ކުރިއަށް ގެންދިޔުމަށް އާއިލާގެ ފަރާތުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަފްހާމްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ފުރައިފައިވަނީ މި މަހުގެ 7ވަނަ ދުވަހުގައެވެ.

ލަންކާ ފަސްޓް ނޫހުން އާއްމުކޮށްފައިވާ ވީޑިއޯގައިވާ ގޮތުން، ވެއްލަވައްތަގެ ބީޗު ސަރަހައްދުން މި މަހުގެ 5 ވަނަ ދުވަހު ވަނީ ދެ މީހެއްގެ ހަށިގަނޑު ފެނިފައެވެ. އޭގެ ތެރެއިން އެކަކަކީ އެއިރު ގެއްލިގެން ހޯދަމުން ދިޔަ އަފްހާމްގެ ހަށިގަނޑު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އަފްހާމްގެ ހަށިގަނޑު ކައިރިން ކަޅު ދަބަހަކާއި ވަޅިއެއް ވެސް ވަނީ ފެނިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ އަފްހާމްގެ މަރުގެ މައްސަލައިގައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!