ދުނިޔެ

ކޮވިޑްގެ ބަލިމަޑުކަން ނިންމައި ސްވިޑެންގައި ޓެސްޓް ކުރުން ހުއްޓައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސްވިޑެންގައި އާއްމު ހާލަތަށް ދިއުމަށްވަނީ މިސްރާބު ހިފާފައި

ކޮވިޑް-19ގެ އާލަމީ ވަބާ (ޕެންޑަމިކް) ނިމުނު ކަމަށް ނިންމައި ސްވިޑެންގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

Ads by WAMCO

ސްވިޑެންގެ ސަރުކާރުން ނިންމައިފައި ވަނީ އެ ޤައުމުގައި މިހާރު އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދީ، ކޮވިޑް-19އާ އެކު އުޅުމަކީ އައު ނޯމަލް ކަމުގައި ހެދުމަށެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިގޮތަށް ހަމަޖައްސައިފައި ވަނީ އޮމިކްރޮން ވޭރިއަންޓް ފަދަ ބާރު ދެރަ ވޭރިއަންޓްތައް އުފެދި، ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަަށަށް ދާން ފެށުމުންނެވެ. އަދި ޤައުމު އަބަދު ލޮކްޑައުންކޮށްފައި ނުބޭއްވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

"ވެކްސިނާއި އޮމިކްރޮން ވޭރިއަންޓާ އެކު، ކޮވިޑް-19އަށް އަހަރެމެން ކުރި ހަނގުރާމަ މި ވަނީ ކާމިޔާބުކޮށްފައި." ސްވިޑެންގެ ހެލްތު މިނިސްޓަރު ލީނާ ހާލެންގްރެން ޑާގަންސް ވިދާޅުވީ ކޮވިޑް-19އަކީ މުޖުތަމައަށް އޮތް ބިރެއް ކަމަށް ދެން ނުބަލާނެ ކަމަށެވެ.

ސްވިޑެންގައި ދޭން ނިންމައިފައިވާ ލުއިތަކަށް ބަލާއިރު، މިހާރު އެ ޤައުމަށް އެތެރެވާން، އީޔޫ، އީއީއޭ އަދި ނޯޑިކް ޤައުމުތަކުން، ނައްސި ޕީސީއާރު ޓެސްޓެއް ބޭނުމެއް ނުވެއެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް ވެސް އެ ޤައުމަށް އެތެރެވެވެއެވެ. މީގެ އިތުރުން ވެކްސިން ކާޑު ބޭނުން ކުރުމާއި މާސްކް އެޅުން މަޖުބޫރު ކުރި ކުރުން ވެސް ވަނީ އުވައިލައިފައެވެ.

ހަމައެކާ އެކު ވަކިތަރުތީބެއް ނެތި ސުންކު ނެގުމާއި ކޮވިޑް-19އަށް ހިލޭ ޓެސްޓް ކޮށްދިނުން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. އެ ޤައުމުގެ ހެލްތް މިނިސްޓްރީން ވިދާޅުވީ ވަކި ތަރުތީބެއް ނެތި ކޮވިޑް-19އަށް ސުންކު ނެގުމުން ލިބޭ ފައިދާއަށް ވުރެ ޚަރަދު މާ ބޮޑު ކަމަށެވެ. މިގޮތުން އެ ޤައުމުގައި ކޮވިޑް-19 ފެށުނު ފަހުން ޕީސީއާރު ޓެސްޓް ކުރުުމަށް އެކަނި 1.1 ބިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!