ޚަބަރު

ދަރަނި ދެއްކުމަށް ފަހު ބޭކާރު ކުންފުނިތައް އުވައިލާންޖެހޭ: އުޝާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިޔާސީ މީހުންނަށް ވަޒީފާ ދިނުމަށް ޓަކައި، އުފައްދައިފައިވާ ކުންފުނިތަކުގައި މިހާރު ހުރި ދަރަނިތައް ދައްކައި ނިންމުމަށް ފަހު، ކުންފުނިތައް އުވައިލާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުޝާމް މިފަދައިން ވިދާޅުވީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް އަމިއްލަ ކުންފުންޏަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ އެކައުންޓްތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ ސިޔާސީ މީހުންނަށް ވަޒީފާ ދިނުމަށް ޓަކައި އުފައްދައިފައި ހުރި މިފަދަ ބޭކާރު ކުންފުނިތަކުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމަށް ފަހު އުވައިލާން ޖެހޭ ކަމަށާއި މިއީ ދައުލަތަށް އެއްވެސް ފައިދާއެއްވާ ކުންފުނިތަކެއް ނޫން ކަމަށެވެ. އަދި ކޮންމެ އަހަރަކު ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ބޭކާރުވަމުންދާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ، އަމިއްލަ ކުންފުންޏެއް ކަމަށްވާ، ކްރިސްޓްލައިން މޯލްޑިވްސްއަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ކަނޑައެޅި މުއްދަތުގައި ނުދެއްކުމުންނެވެ.

އެމްއައިޓީޑީސީން ކްރިސްޓްލައިން މޯލްޑިވްސްއަށް އެއް ލައްކަ ޑޮލަރު ދައްކަން ޖެހެއެވެ. އެ ކުންފުނިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހައިތަނަށް 30،000 ޑޮލަރު ވަނީ ދައްކައިފައެވެ. ބާކީ ދައްކަން ޖެހެނީ 70،000 ޑޮލަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!