ރަޝިއާ-ޔޫކްރެއިންގެ ހާލަތު ނާޒުކުވެފައިވާ ދަނޑިވަޅެއްގައި، ރަޝިއާއިން އެ ޤައުމުގެ ނިއުކްލިއަރު ބާރުމިން ދައްކައިލާން ޑްރިލްއެއް ބާއްވައިފިއެވެ
އިއްޔެ އޮތް މި ޑްރިލްގައި ބްލެސްޓިކް އަދި ކްރޫޒް މިސައިލްގެ އިތުރުން އަޑަށް ވުރެ ބާރަށް ދަތުރު ކުރާ މިސައިލްތައް ވެސް ވަނީ ޓެސްޓްކޮށްފައެވެ.
މޮސްކޯ ކްރެމިލިންއިން ބުނެފައި ވަނީ މި ޓެސްޓްތައް އިފްތިތާޙްކޮށްދީފައި ވަނީ ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން ކަމަށެވެ.
ކްރެމިލިންއިން ބުނެފައި ވަނީ، މިއީ ކޮންމެ އަހަރަކު ބާއްވާ ސްޓްރެޓެޖިކް އެކްސަސައިޒެއް ކަމަށެވެ. ނަމަވެސް މިއީ ރަޝިއާއިން އެ މީހުންގެ ބާރު ދުނިޔެއަށް ދައްކާލުން ކަމަށް ކަމުގެ ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކެވެ.
ރަޝިއާ އަދި ޔޫކްރެއިންގައި މިހާރު އުފެދިގެން އުޅޭ މައްސަލަ ފެށިގެން އައީ މިދިޔަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައެވެ. ރަޝިއާއިން ވަނީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް ލައްކައަކަށް ވުރެ ގިނަ ސިފައިން ޖަމާކޮށްފައެވެ. އަދި ހުޅަނގުގެ ޤައުމުތަކަށް ޑިމާންޑްތަކެއް ހުށަހަޅައިފައެވެ.
އެއީ 1997ވަނަ އަހަރުގެ ތެރޭގައި އިރުމަތީ ޔޫރަޕްގައި ނޭޓޯ ސިފައިން ތިބި ހިސާބަށް ނޭޓޯގެ ލަޝްކަރުތައް ފަހަތަށް ޖެއްސުމަށެވެ. އޭގެ އިތުރުން، ޔޫކްރޭނާއި ކުރީގެ ސޮވިއެޓް ޔޫނިއަންގެ ގައުމުތަކަށް ނޭޓޯގެ މެމްބަރުކަން ނުދޭނެކަން، ހުޅަނގުން ކަށަވަރުކޮށްދޭން ވެސް ރަޝިއާއިން ވަނީ ހުށަހަޅައިފައެވެ.
ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)އަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، އޭރުގެ ސޯވިއަޓް ޔޫނިއަންއިން އެހެން ޤައުމުތަކަށް އަތްގަދަކޮށްފާނެ ކަމުގެ ބިރަށް ހުޅަނގުގެ ޤައުމުތަކުން ހެދި މުއާހަދާއެކެވެ. މި މުއާހަދާގައި ހިމެނޭ ޤައުމަކަށް އެހެން ޤައުމަކުން ހަމަލާދީފި ނަމަ، ނޭޓޯގެ މެންބަރު ޤައުމުތަކުން އެ ޤައުމެއްގެ ދިފާއުގައި ތެދުވަން ޖެހޭނެއެވެ. 1991ވަނަ އަހަރު ސޯވިއަޓް ޔޫނިއަން އުވި ދިޔަ ނަމަވެސް ނޭޓޯ އުވައިލައިފައެއް ނުވެއެވެ. އަދި އެ ޤައުމުން ގެންދަނީ މެންބަރު ޤައުމުތައް އިތުރު ކުރަމުންނެވެ. ރަޝިއާއިން ޤަބޫލު ކުރާ ގޮތުގައި ރަޝިއާގެ ބޯޑަރު ކައިރީ ނޭޓޯގެ ޤައުމުތައް އޮތުމަކީ އެޤައުމުގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ.
ރަޝިއާއިން ނިއުކްލިއަރ ޓެސްޓް ކުރުމުން، އެމެރިކާގެ ދިފާއީ ވެރިޔާ ލޮއިޑް އޮސްޓިން ވިދާޅުވީ، ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ވަށައިގެން ބަރު ހަތިޔާރާއެކީ ތިބެ، މިފަދަ ނިއުކްލިއަރ ތަމްރީނުތައް ހެދުމަކީ މުޅި ދުނިޔެ ކަންބޮޑުވާ ކަމެއްކަމަށެވެ.
"އެ އަށް ވުރެ މަތީގައި ލޭޔާ ކުރާއިރު ސްޓްރެޓެޖިކް ނިއުކްލިއާ ބާރުތަކާ އެކު ވަރަށް މޮޅެތި އެކްސަސައިޒެއް ހިންގާއިރު، އެކްސިޑެންޓެއް ނުވަތަ އޮޅުމެއް އަތުވެދާނެ މިންވަރަށް ކަންކަން ކޮމްޕްލިކޭޓް ވެގެންދޭ،" އޭނާ ވިދާޅުވިއެވެ.