ދުނިޔެ

ހުއްދަތައް ލިބިއްޖެ، ސިފައިން އަދި ނުފޮނުވަން: ޕޫޓިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިރުމަތީ ޔޫކްރެއިންގެ ޑޮންބާސް ސަރަހައްދުގައި، ވަކި ދައުލަތްތަކެއް އުފައްދަން މަސައްކަތް ކުރާ ޖަމާއަތްތަކަށް އެހީތެރިވާން ސިފައިން ފޮނުވަން ނިންމި ނަމަވެސް، އެކަން އަދި ނުކުރާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޕޫޓިން ވިދާޅުވީ، އަދި ސިފައިން ނުފޮނުވާ ކަމަށާއި ނަމަވެސް އެކަން ކުރުމަށް ބޭނުންވާ ހުއްދަތައް ލިބިފައިވާ ކަމަށެވެ.

ރަޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީ ހައުސްއިން މިރޭ ވަނީ ހުއްދަ ދީފައެވެ. ރައީސް ޕޫޓިން ވަނީ ޤައުމުން ބޭރަށް ރަޝިއާގެ އަސްކަރީ ފޮނުވުމުގެ ހުއްދައަކަށް މިރޭ އެދިފައެވެ. މި ހުއްދައަށް އެދުނުތާ ގަޑިއިރެއްގެ ތެރޭގައި، ކުއްލި މަޖިލިސް ޖަލްސާއެއް ބާއްވައި މި ހުއްދަ ދޭން ވަނީ ނިންމައިފައެވެ.

ޤައުމަށް ބޭރަށް ސިފައިން ފޮނުވުމުގެ ހުއްދަދީފައި ވަނީ މަޖިލީހުގައި ބައިވެރިވި 153 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ގޮތަށް ނިންމިތާ އިރުކޮޅެއް ފަހުން ނޫސްވެރިންނާ ޕޫޓިން ވަނީ ބައްދަލު ކުރައްވައިފައެވެ. ޕޫޓިން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ލާހުންސްކް ޕީޕަލްސް ރިޕަބްލިކް އަދި ޑާންޔެސްކް ޕީޕަލްސް ރިޕަބްލިކް ރަސްމީކޮށް ވަކި ދެ ދައުލަތެއްގެ ގޮތުގައި ރަޝިޔާއިން ޤަބޫލުކޮށްފައިވާ ކަމަށެވެ. އަދި އޭގެ މާނައަކީ އެ ޤައުމުތަކުގެ ބޯޑަރުތަކާއި އެ ޤައުމުގެ ޤާނޫނުތައް ބަލައިގަތުން ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.

ލާހުންސްކް ޕީޕަލްސް ރިޕަބްލިކް އަދި ޑާންޔެސްކް ޕީޕަލްސް ރިޕަބްލިކްއިން ކަނޑައަޅައިފައިވާ ބޯޑަރަކީ، އެ ދެ ޤައުމުގެ އަސްލު ބޯޑަރަށް ވުރެ ދުރުން ކުރަހައިފައިވާ ބޯޑަރުތައްކަން ފާހަގަކޮށްލެވެއެވެ.

ރަޝިއާއިން ބުނެފައި ވަނީ، ލާހުންސްކް ޕީޕަލްސް ރިޕަބްލިކް އަދި ޑާންޔެސްކް ޕީޕަލްސް ރިޕަބްލިކަށް ސިފައިން ފޮނުވަނީ އެ ޤައުމުތަކުގެ އަމާންކަން ޤާއިމް ކުރުމަށެވެ. ޔޫކްރެއިންއިން ބުނެފައި ވަނީ ސިފައިން ފޮނުވުމަކީ އިސްތިއުމާރެއް ކަމަށެވެ.

ލާހުންސްކް އަދި ޑާންޔެސްކްގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން 2014ވަނަ އަހަރު ވަނީ އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައެވެ.

ރަޝިއާ އާއި ޔޫކްރެއިންއާ މިފަހަރުގެ މައްސަލަ ފެށިފައިވަނީ ގޮތުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ޔޫކްރެއިން ހޯދުމަށް މަސައްކަތް ކުރަމުން ދާތީއެވެ. ރަޝިއާއިން ޤަބޫލު ކުރާ ގޮތުގައި، ހުޅަނގުގެ އަސްކަރީ އިއްތިޙާދު (ނޭޓޯ) ލިބިއްޖެނަމަ އެއީ ސީދާ ރަޝިޔާގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ. އަދި ހުޅަނގާ ރަޝިޔާއާ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއަށް ޔޫކްރެއިން ވަދެ ރަޝިޔާގެ ސަލާމަތަށް ގެއްލުންވާނެފަދަ ނިންމުންތަކެއް ނިންމުމަށް ޖާގަނުދެއްވާނެކަމަށް ރަޝިއާގެ ރައީސް ޕޫޓިންވަނީ މީގެ ކުރިން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!