ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ދެ އަހަރު، މިއީ ބޮޑު ޖޯކެއް: އާޒިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާބޮޑަށް ދިގު ދަންމަމުން އަންނާތީ، ރަައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ، ޅ.ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހުގެ ކަންކަން ރަނގަޅު ކުރުމަށް ގޮވައިލައި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.

މި ގަރާރަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ތައުލީމީ ދާއިރާއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ކޮވިޑް ކަމަށެވެ. ދަރިވަރުންނަށް ސްކޫލަށް ގޮސް ރަނގަޅަށް ނުކިޔެވި، ދެ އަހަރު ފާއިތު ވެގެން ދިޔައިރު، ސްކޫލް މާހައުލުގައި ދަރިވަރުން ބައްދަލުވެގެން އުޅެން ދަސްކުރުން ކޮވިޑާ އެކު ހުއްޓުމަކަށް އައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑަކީ އާންމު ރޯގާއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން އަންނަ ފަދައިން، މިހާރު ކޮވިޑާ އެކު އުޅެން ދަސްކުރަން ވެެއްޖެ ކަަމަށެވެ.

"އަޅުގަނޑުމެން ކޮވިޑްގެ ހުރަހުން އަރައިގަންނަން އެބަޖެހޭ. މި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިތާ މިހާރު ދެ އަހަރު ވަނީ. މި ދެން ބޮޑު ޖޯކެއް އަނެއްހެން ބަލާއިރު. އެތައް ގާނޫނުތަކެއް ސަސްޕެންޑް ވެފައި އެބަހުރި، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން." އޭނާ ވިދާޅުވިއެވެ.

އާޒިމް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު، މިހާ ބޮޑަށް ދިގު ދަންމަމުން އަންނަނީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ ސުވާލު އުފައްދަވައިފައެވެ. އޭނާ ވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ގޮވައިލައްވައި، މާސްކު އެޅުން ހުއްޓައިލުމަށް ވެސް އެދިވަޑައިގެންފައެވެ.

"ދުނިޔޭގެ އެހެން ކޮން ގައުމެއްގަައިތޯ، އަޅުގަނޑު ހިތަށް އަރާ، ކޮވިޑްގެ މި ބަލިމަޑުކަމާ ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު މިހާ ދިގުކޮށް ގެންދަނީ." އާޒިމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!