ދުނިޔެ

މިއީ ރަޝިއާގެ ކަންބޮޑުވުންތަކަށް ޔޫކްރޭނުން އަޅައިނުލުމުގެ ނަތީޖާ: ޕުޓިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޔުކްރޭނަށް މިހާރު ދެމުން ގެންދާ ހަމަލާތަކަކީ ރަޝިއާގެ ކަންބޮޑުވުންތަކަށް ޔުކްރޭން އަޅައިނުލުމުގެ ނަތީޖާ ކަމަށް، ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

Ads by WAMCO

ޔޫކްރޭނާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، ރަޝިއާއިން މިއަދު ވަނީ ޔޫކްރޭނަށް ހަމަލާދޭން ފަށައިފައެވެ. އެގޮތުން ޔޫކްރޭންގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރީ އެއާޕޯޓުތަކަށް ހަމަލާދޭން ފަށައިފައިވާކަމަށް، ރަޝިއާގެ މިނިސްޓްރީ އޮފް ޑިފެންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުން އާންމުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި، އެ ހަމާތައް ދެނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ސީދާ ބޭނުންވާ ތަންތަނަށް ކަމަށެވެ.

މި ހަމަލާތަކަކީ ޔޫކްރޭނުން ރަޝިއާގެ ކަންބޮޑުވުންތަކަށް އަޅައިނުލުމުގެ ނަތީޖާކަމަށް ވިދާޅުވަމުން ރަޝިއާގެ ރައީސް ވިދާޅުވީ މިއީ ދޮންބާސްގެ އާންމު ހާލަތު ގަތުލުއާންމަކަށް ބަދަލުވަމުން ދިޔައިރު ވެސް ޔުކްރޭން ސަރުކާރުން ސުލްހަ އިޚުތިޔާރު ނުކުރުމުގެ ނަތީޖާ ކަމަށެވެ.

ޕުޓިން މިހެން ވިދާޅުވެފައިވާ އިރު، ދޮންބާސް ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ޑޮނެސްކާއި ލުހާންސްކްގެ ލީޑަރުންނާ މަޝްވަރާ ކުރަމުން ގެންދާ ކަމަށް ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދޭން ފަށައިފައި މިވަނީ، ދެ ޤައުމުގެ މެދުގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކަންބޮޑުވުންތަކެއް އުފެދުމަށް ފަހުގައެވެ. ދިމިކްރާތީ އުސޫލުގެ މަތިން އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެވޭތޯ މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ޔުކްރޭންގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާއިރު، ވައިގެ ތެރެއިން ފައިޓަރު ޖެޓްތައް އުދުހޭ ތަން ވެސް ފެންނަ ކަމަށް އެ ސަރަޙައްދުތަކުގައި ތިިބި ރިޕޯޓަރުން ޚަބަރުދީފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!