މާލެއިން ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފަށަނީ

މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދަށް ބަސް ދަތުރުތައް ފެށުމަށް އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ އެ ދަތުރުތައް ފަށާނީ އަންމަ މާރޗް މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި ބަސް ދަތުރުތައް ފަށާއިރު ޓްރެފިކް ބާރު ބޮޑު ނޫން ނަމަ އެ ދަތުރުތައް ކުރިއަށް ގެންދާނީ ގަޑިއަކު އެއް ފަހަރު ކަމަށެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރިއަށް ގެންދަން ފަށާނެ ކަމަށެވެ.
މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަދި ދެވަނަ ފިޔަވަހިން މާލެއަށް ސީދާ ބަސް ދަތުރު ކުރެވޭނެ އިންތިޒާމެއް އަދި ހަމަޖެހިފައެއް ނުވެއެވެ. އެގޮތުން މިވަގުތު އެދަތުރުތައް ކުރަނީ މާލެއިން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށް އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދަތުރު ކުރާ ބަހުގައެވެ. މިފަދައިން ދަތުރު ކުރުމުން، ދަތުރު ދިގުވުމުގެ ސަބަބުން އެތައް ބަޔަކު ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.