ދުނިޔެ

ޔޫކްރެއިން ސިފައިންގެ ޔުނިފޯމްގައި ރަޝިޔާގެ އަސްކަރިއްޔާއިން ވެރިރަށާ ދިމާލަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންގެ އަސްކަރީ ޔުނީފޯމު އަޅައިގެން ތިބި ރަޝިޔާ ސިފައިން ޔޫކްރެއިންގެ ވެރިރަށް ކިއޭވްއާ ދިމާއަށް އަންނަ ކަމަށް އެ ޤައުމުގެ ދިފާއީ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

Ads by WAMCO

އަނާ މާލިއާރް ވިދާޅުވީ، ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ އަސްކަރީ ދެ ޓްރަކެއް އަތުލައިގަނެ، ޔޫކްރެއިންގެ އަސްކަރީ ޔުނީފޯމްތައް އަޅައިގެން ވެރިރަށާ ދިމާއަށް ވަރަށް ހަލުވި ސްޕީޑެއްގައި ދަތުރު ކުރަމުން އަންނަ ކަމަށެވެ. އަދި ފަހަތުން ރަޝިއާގެ އަސްކަރިއްޔާ އުޅަނދުތައް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރެމެން މި ތިބީ ތައްޔާރަށް، އެ މީހުންނާ ހަނގުރާމަކޮށް، މަކަރުވެރި ރޭވުންތައް ނާކާމިޔާބު ކޮށްލާނަން،" ހުކުރު ދުވަހު ހެނދުނު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އޭނާ ވިދާޅުވިއެވެ.

މި ވަގުތު ރަޝިޔާގެ އަސްކަރިއްޔާ ތިބީ ވެރިރަށް ކިއޭވްގެ ރަށް ބޭރުގައެވެ. އިއްޔެ ހެނދުނު ރަޝިޔާއިން ޔޫކްރެއިނަށް ދޭން ފެށި ހަމަލާތައް މިއަދު ފަތިހުއްސުރެ ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

މިއަދު ޤައުމާ މުޚާތަބު ކުރައްވަމުން ޔޫކްރެއިންގެ ރައީސް ވިދާޅުވީ، މިހައިތަނަށް ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ޖުމްލަ 137 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެއީ ބަތަލުން ކަމަށާއި ޤައުމުގެ ދިފާއުގައި ފަހު ވަގުތާ ޖެހެންދެން ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!