ދުނިޔެ

ޔޫކްރެއިނުން ސުލްހައިގެ މަޝްވަރާއަށް ދާނީ އިސްރާއީލަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެ ދެ ޤައުމުގެ މެދުގައި މަޝްވަރާގެ ބައިވެރިޔަކަށް ވުމަށް އިސްރާއީލަށް ޔޫކްރެއިނުން ހުށަހަޅައިފިއެވެ

Ads by WAMCO

އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓްއާ ފޯނުން ގުޅުއްވައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ މައްސަލަ ހައްލުކުރުމަށް އެހީތެރިވުމަށް ރަޝިޔާއާ އެކު މީޑިއޭޓަރެއްގެ ގޮތުގައި އެ ޤައުމުން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ޔޫކްރެއިނުން އިޒްރޭލަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޔެވްގަން ކޮރްނިޗުކް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިސްރާއީލަކީ، ޔޫކްރެއިނާއި ރަޝިޔާއާ ވެސް ވަރަށް ބޮޑު ގުޅުމެއް އޮންނަ ދައުލަތެއް، ދުނިޔޭގައި އޮތް ހަމައެކަނި ޑިމޮކްރެޓިކް ދައުލަތް، " އޭނާ އިތުރަށް ވިދާޅުވީ ބެނެޓް ސީދާ ޖަވާބެއް ނުދެއްވާ ކަމަށެވެ.

ރަޝިޔާއިން މަޝްވަރާގެ މޭޒުގައި މެދުވެރިއެއްގެ ރޯލަށް އައުމަށް ދައުވަތު ދީފައި ވަނީ ބެލާރުސްއަށެވެ. ނަމަވެސް ބެލާރުސްއަކީ ރަޝިޔާގެ އެކުވެރި ޤައުމެއް ކަމުން ޔޫކްރެއިންއިން އެކަމާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔޫކްރެއިނުން މެދުވެރިއަކަށް ވާން ހުށަހަޅައިފައިވާ އިސްރާއީލަކީ ފަލަސްތީނުގެ ބިން އިސްތިއުމާރުކޮށްފައިވާ އަނިޔާވެރި ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!