ދުނިޔެ

ހަނގުރާމައިގެ ތިންވަނަ ދުވަސް ކުރުކޮށް: ރަޝިއާ ސިފައިން ޔޫކްރޭންގެ ވެރިރަށުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޑޮންބަސް ރީޖިއަންގައި އުޅޭ ވަކިވެ ގަތުމަށް މަސައްކަތް ކުރާ މީހުންގެ ހިމާޔަތުގައި ކަމަށް ބުނެ ރަޝިޔާއިން ބުރާސްފަތި ދުވަހު ފެށި، އެ ޤައުމުގެ މީޑިއާތަކުން ބުނާ މިލިޓަރީ އޮޕަރޭޝަންގައި މިހާރު ރަޝިޔާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުންދަނީ ވެރިރަށް ކިއޭވްގައެވެ. އިއްޔެ ރަޝިޔާގެ ފައުޖުތައް ވަނީ ކިއޭވް ވަށައިލައި ކަނޑުމަގުންނާއި ވައިގެ މަގުންނާއި އެއްގަމުން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

Ads by Sosun Fihaara

މި ބަލައިލަނީ މި ހަނގުރާމައިގައި އިއްޔެގެ އުސްއަލިތަކަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ވިލާތުގައި ކުރަމުންދާ އެންމެ ނުރައްކާތެރި ހަނގުރާމައިގެ ތިންވަނަ ދުވަސް ފެށިގެން އައީ ބަޑީގެ ހަމަލާތަކުންނެވެ. ރަޝިޔާގެ ފައުޖުތައް ވެރިރަށް އަރައިގަތްއިރު، ޔޫކްރެއިންގެ ސިފައިންނާއި އާއްމުން ވަނީ އެ މީހުންނާ ހަނގުރާމަކޮށްފައެވެ. މިގޮތުން ސިފައިން ވަނީ ޢާއްމުންގެ 10،000 މީހުންނަށް ހަތިޔާރު ދިނުމަށް ފަހު ހަނގުރާމަކުރުމަށް އަންގައިފައެވެ.

44 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ޢާއްމުންގެ 200އަށް ވުރެ ގިނަ މީހުން މަރުވެ 1،200އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ތިން ކުއްޖަކު ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ހަނގުރާމައަށް ފިލުމަށް 150،000 މީހުން ވަނީ ޔޫކްރެއިނުން ހިޖުރަ ކޮށްފައެވެ. ޔޫކްރެއިންގައި މާޝަލް ޤާނޫނު ހިންގުމާ އެކު، 18 އަހަރާއި 60 އަހަރާ ދެމެދުގެ ފިރިހެނުން ޤައުމުން ބޭރަށް ދިއުން މަނާކޮށް، ޤައުމުގެ ދިފާއުގައި ހަނގުރާމަ ކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އދ.އިން ލަފާކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި މަދުވެގެން 5 މިލިޔަން މީހުން ޔޫކްރެއިނު ދޫކޮށް ހިޖުރަކުރާނެއެވެ.

ޔޫކްރެއިނުން ބުނާ ގޮތުގައި އެ ޤައުމުގައި ބަދަލުކުރަމުންދާ ޙަމަލާތަކުގައި ރަޝިޔާގެ 3،500އަށް ވުރެ ގިނަ ސިފައިން ވަނީ މަރައިލައިފައެވެ. ރަޝިޔާއިން އެ ޤައުމުގެ އަސްކަރިއްޔާއިން ލިބިފައިވާ ގެއްލުންތައް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ނަންބަރުތައް ބޭރުގެ މީޑިއާތަކުން ވެސް ޔަގީންވާ ގޮތް ވަނީ ނުވެފައެވެ.

އިއްޔެ އެމެރިކާއިން ވަނީ ޔޫކްރެއިންގެ ރައީސަށް ޤައުމުން ފިއްލަވައިގެން އަމާންކަމާ އެކު ދިއުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް ރައީސް ޒެލެންސްކީ ބޭނުންވީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޤައުމުގެ ދިފާއުގައި މަސައްކަތް ކުރާށެވެ. އަދި ހަތިޔާރު ފޯރުކޮށްދިނުމަށް ރައީސް ވަނީ އެދިފައެވެ.

ޖަރުމަނުނާއި ނެދަލެންޑްސްއިން ވަނީ ރައީސް ޒެލެންސްކީގެ އެދުމަށް ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދޭން ނިންމައިފައެވެ.

ޖަރުމަނުން ޔޫކްރެއިންއަށް ސަޕްލައި ކުރާނީ ބުންޑެސްވެރް ސްޓޮކްގެ 1000 އެންޓި ޓޭންކް ހަތިޔާރާއި 500 ސްޓިންގަރ ސާފޭސް ޓު އެއަރ މިސައިލްއެވެ. ނެދަލޭންޑްސްގެ ސަރުކާރުން 50 ޕެންޒެރްފައުސްޓް-3 އެންޓި ޓޭންކް ހަތިޔާރާއި 400 ރޮކެޓް ސަޕްލައި ކުރާނެއެވެ. އެހެން ނަމަވެސް، ޔޫކްރެއިނަކީ ވިލާތުގެ އިއްތިޙާދާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމަކަށް ނުވާތީ ޢަމަލީގޮތުން ރަޝިޔާގެ ފައުޖުތަކާ ކުރިމަތިލުމަށް ހުޅަނގުގެ ބާރުތަކުން ވަނީ ދެކޮޅުހަދައިފައެވެ.

ޔޫކްރެއިނަށް އެހީތެރިވުމަށް، އިންސާނީ އެހީތެރިކަމުގެ ގޮތުގައި އދ.އިން ވަނީ 20 މިލިޔަން އެމެރިކާ ޑޮލަރު ޔޫކްރެއިނަށް ދޭން ނިންމައިފައެވެ. އަދި އެމެރިކާއިން ވަނީ އަސްކަރީ އެހީގެ ގޮތުގައި 950 މިލިޔަން ޑޮލަރު ދޭން ނިންމައިފައެވެ.

ހަނގުރާމަ ހުއްޓައިލާ އެއްބަސްވުމަކަށް އަންނަން އިއްޔެ ވާހަކަ ދެކެވުނު ނަމަވެސް އެ ކަމުގައި ކުލަ ޖެހިފައެއް ނުވެއެވެ. ސުލްހައިގެ މަޝްވަރާތައް ކުރަން ޔޫކްރެއިނުން އެދިފައި ވަނީ އިސްރާއީލް ކުރެންނެވެ. މޮސްކޯގެ ޝަރުތަކީ، ޔޫކްރެއިންގެ އަސްކަރީ ބާރުވެރިކަން ނައްތައިލައި ރަޝިޔާގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ނުކުރުމެވެ. ރަޝިޔާގެ ރައީސް ޕޫޓިން ބޭނުން ވަނީ، ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ދުވަހަކު ވެސް ނުދޭނެކަމުގެ ޔަޤީންކަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!