ދެ ދުވަސްތެރޭގައި ރާއްޖެ ދެވޭނެ، ސަރުކާރު ގޯސް ނުކުރޭ: ދިވެހި ދަރިވަރެއް

ޔޫކްރެއިންއަށް ކިޔަވަން ދިޔަ ދިވެހި ދަރިވަރުން ދެ ދުވަސް ތެރޭގައި ރާއްޖެ އާދެވޭނެ ކަމަށާއި، ސަރުކާރު ގޯސްކޮށް ވާހަކަ ނުދެއްކުމަށް އެގައުމުގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު ބުނެފިއެވެ.
ޔޫކްރެއިންގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގައުމުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން ދިވެހި ސަރުކާރު "ގޯސްކުރަން" މަސައްކަތް ކުރާ ކަމަށާއި، އެފަދަ މީޑިއާތަކުން ފަތުރަނީ ތެދު ޚަބަރެއް ނޫން ކަމަށެވެ.
"އަހަރުމެން އެންމެން ވެސް މިތިބީ ސަލާމަތުން، އިރާދަކުރެއްވިއްޔާ ދެ ދުވަސް ތެރޭގައި ރާއްޖެއަށް ދެވޭނެ." ޒިއު މުހުސިން ނަމަކަށް ކިތާ އެ ދަރިވަރު ބުނެފައިވެއެވެ.
އޭނާ ބުނީ މި ދަނޑިވަޅަކީ ސަރުކާރާ ދެކޮޅަށް ސިޔާސީ ޕޯސްޓުތައް ކުރަންވީ ވަގުތެއް ނޫން ކަމަށެވެ.
އޭނާގެ ޕޯސްޓުގައި ވަނީ، މި ދަތި ދަނޑިވަޅުގައި، ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަގުދައްކައިދިން ކަމަށް ޓަކައި ރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، އަހުމަދު ލަތީފަށް، ދަރިވަރުންގެ ފަރާތުން ފޮނުވި ޝުކުރުގެ ސިޓީއެއް ވެސް ހިއްސާ ކޮށްފައެވެ.
ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ޔޫކްރެއިންގައި ކިޔަވާ 15 ދަރިވަރުން ރާއްޖެ ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ކިޔަވާ ދަރިވަރުން، އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ވަދެފައިވާ ކަމަށެވެ. އަދި އެގައުމުގެ ވެެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށް، ފޮރިން މިނިސްޓްރީގެ ޓީމާ ގުޅިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.