ހަނގުރާމައިގެ ހަތަރުވަނަ ދުވަސް ކުރުކޮށް: ނިއުކުލިޔަރ ޔުނިޓްތައް އެލާޓްގައި
ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިންއަށް ހަމަލާތައް ދޭން ފަށައިފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. މޮސްކޯއިން ބުނެފައި ވަނީ، ކިއޭވްގެ ފައުޖުތައް އިސްތިއުމާރު ކުރަން ޖެހޭ ކަމަށާއި، އެގައުމަކީ "ނިއުޓްރަލް" ސަރަހައްދަކަށް ހެދުމަށް އެއްބަސްވާން ޖެހޭ ކަމަށެވެ.
މި ބަލައިލަނީ މި ހަނގުރާމައިގައި ހަތަރުވަނަ ދުވަހުގެ އުސްއަލިތަކަށެވެ.
ހުޅަނގުގެ އެހީއާއި ހަތިޔާރު
ޔޫކްރެއިންއަށް އެހީވުމަށް 1000 އެންޓި ޓޭންކް ހަތިޔާރާއި 500 ސާފޭސް ޓު އެއަރ މިސައިލް ފޮނުވަމުންދާކަމަށް ޖަރުމަނުވިލާތުން ވަނީ ހާމަކޮށްފައެވެ. ޖަރުމަނުގެ އިތުރުން، ފަރަންސޭސިވިލާތް، ބެލްޖިއަމް، ޗެކް ރިޕަބްލިކް، ޕޯޗުގަލް އަދި ގްރީސްއިން ވެސް ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދޭން ވަނީ އިއްޔެ ނިންމައިފައެވެ. އިޓަލީވިލާތުން އެހީގެ ގޮތުގައި 110 މިލިއަން ޔޫރޯ ދޭން ނިންމިއެވެ.
ކިޔެވް އަދި މޮސްކޯ މަޝްވަރާގެ މޭޒަށް
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާއި ބެލަރޫސްގެ ލީޑަރު އެލެގްޒެންޑަރ ލުކަޝެންކޯއާ ދެމެދު ބޭއްވި ކޯލަކަށް ފަހު، ޗެރުނޮބީލް އެކްސްކުލޫސިވް ޒޯން ކައިރީގައި އޮންނަ ބެލަރޫސްއާއި ރަޝިޔާއާ ދެމެދު ބޯޑަރު ކައިރީގައި ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ޔޫކްރެއިނުން ވަނީ އެއްބަސްވެފައެވެ.
ޚަރްކިވްއިން ރަޝިޔާ ސިފައިން ބޭރު ކުރުން
ރަޝިއާގެ އަސްކަރީ ވެހިކަލްތައް ޔޫކްރެއިންގެ ޚަރްކިވްއަށް ހަނގުރާމައިގެ ދެވަނަ ދުވަހު ވަދެފައިވާ އިރު، ހަނގުރާމައިގެ ހަތަރުވަނަ ދުވަހު، އެ މީހުން ސިޓީއިން ފައްސައިލައިފައިވާ ކަމަށް ޔޫކްރެއިނުން ވަނީ ބުނެފައެވެ.
ތެލާއި ގޭސް ހުރި ތަންތަނަށް ހަމަލާ ދިނުން
ޔޫކްރެއިންގެ ތެލާއި ގޭހުގެ މަރުކަޒުތަކަށް ރަޝިޔާއިން ހަމަލާދީ، ބޮޑެތި ގޮވުންތަކެއް އިއްޔެ ވަނީ ގޮއްވައިލައިފައެވެ.
އދ.ގައި ރަޝިޔާގެ ބާރު ކަނޑުވައިލާން ގޮވައިލުން
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ރަޝިޔާގެ ވޯޓު ދިނުމުގެ ބާރު ކަނޑުވައިލާން ދުނިޔޭގެ ބޮޑެތި ބާރުތަކަށް ގޮވައިލައްވައިފައެވެ. ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން މިހާރު ހިންގަމުން އަންނަނީ ޤަތުލު އާއްމުއެއް ކަމަށެވެ.
ރަޝިޔާގެ ނިއުކުލިޔަރ ޔުނިޓް އެލާޓަށް
ރަޝިޔާގެ އަސްކަރީ ކޮމާންޑަރަށް ޕޫޓިން މިއަދު ވަނީ، ރަޝިޔާގެ ޑިޓަރމިނޭޝަން ފޯސަސް ހައި އެލާޓަށް ގެންނަން އަމުރު ކުރައްވައިފައެވެ. ޑިޓަރމިނޭޝަން ފޯސަސްގައި ނިއުކްލިއަރ ހަތިޔާރު ހިމެނޭ ޔުނިޓްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.