ކިއޭވްގެ ރައްޔިތުން ރައްކާތެރިކަމާ އެކު ރަށުން ފޭބޭނެ ގޮތް ރަޝިޔާއިން ހުށަހަޅައިފި
ޔޫކްރެއިންގެ ވެރިރަށް ކިއޭވްގައި ތާށިވެފައި ތިބި އާއްމުން އެ ރަށުން ފޭބޭނެ އިންތިޒާމްތައް ރަޝިޔާގެ ދިފާއީ ވުޒާރާއިން ހަމަޖައްސައިދީފިއެވެ.
ދިފާއީ ވުޒާރާއިން ވިދާޅުވީ، ރަޝިޔާގެ އާއްމުންނަށް ، ވެރިރަށާއި ހުޅަނގު ދެކުނުން 20 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެއް ކަމަށްވާ ވަސިލްކޯވްއަށް ހައިވޭ މެދުވެރިކޮށް ދެވޭނެ ކަމަށެވެ. އަދި އެ މަގަކީ އަމާން މަގެއް ކަމަށާއި އެ މިސްރާބަކީ ރައްކާތެރި މިސްރާބެއް ކަމަށް ހޯމަ ދުވަހު ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ވިދާޅުވިއެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ ރަޝިޔާއިން ހަމައެކަނި ހަމަލާދެނީ އަސްކަރީ ތަކެއްޗާއި ތަންތަނަށް ކަމަށާއި، އާންމު ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތި ނުވާނެ ގޮތަށް ކަންތައް ކުރަމުން އަންނަ ކަމަށެވެ.
ރަޝިޔާގެ ވާހަކަތައް މިހެން ހުރި ނަމަވެސް، ޔޫކްރެއިނުން ވަނީ، އެ ޤައުމުގެ އާއްމުންނަށް އަމާޒުކޮށް ރަޝިޔާއިން ހަމަލާދެމުން އަންނަ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މިގޮތުން މިހައި ތަނަށް ރަޝިޔާއިން ޔޫކްރެއިންގެ އާއްމުންގެ 198 މީހަކު މަރައިލައިފައިވާ ކަމަށް ޔޫކްރެއިން ތުހުމަތު ކުރެއެވެ
ކިއޭވްގައި ގިނަ ބަޔަކު މި ވަގުތު ތާށިވެފައި އެބަތިއްބެވެ. އޭގެ ތެރޭގައި ދިވެހި 12 ދަރިވަރުން ވެސް ހިމެނެއެވެ. ރަޝިޔާގެ އަސްކަރިއްޔާއިން މި ވަގުތު ކިއޭވްގައި ހަރަކާތްތެރިވަމުން އަންނަ އިރު، އާއްމުން ތިބީ ބިންގަރާސްތަކުގައެވެ.
ރަޝިޔާއިން މިފަދައިން ބަޔާނެއް ނެރެފައި ވަނީ، ބެލަރޫސްގައި ސުލްހައިގެ ވާހަކަތައް ފެށުމަށް ޔޫކްރެއިނާއި ރަޝިއާގެ ވަފުދުތައް ތައްޔާރުވަމުންދާ ވަގުތެއްގައެވެ. ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާންމު ތަގުރީރެއްގައި ވިދާޅުވީ، މަޝްވަރާތަކާ މެދު އޭނާގެ އުންމީދުތައް ކުޑަ ކަމަށެވެ. އަދި އޭނާގެ ޤައުމު އިސްތިޢުމާރީ ބާރަކާ ހަވާލު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ޔޫކްރޭންގެ ސަރުކާރުން ވަނީ ރަޝިޔާގެ ފައުޖުތަކާ ހަގުރާމަ ކުރުމަށް އާންމުންނަށް ހަތިޔާރު ބަހައިފައެވެ. އަދި ޖަލުން އަސްކަރީ ތަޖުރިބާ ހުރި ކުށްވެރިން ދޫކޮށްލުމުގެ އިތުރުން ރަޝިއާ ސިފައިންނާ ހަނގުރާމަ ކުރުމަށް ޕެޓްރޯލް ބޮން ތައްޔާރު ކުރުމަށް ރައްޔިތުންނަށް ވަނީ ގޮވައިލައިފައެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ބުރާސްފަތި ދުވަހު ހަމަލާ ދިނީ، ޑޮނޭޓްސްކާއި ލުގާންސްކްގެ އިތުރުން ރަޝިޔާގެ ވަކިވެފައިވާ ސަރަހައްދުތައް ހިމާޔަތް ކުރުމަށް އެ ގައުމުގެ އަސްކަރިއްޔާގެ ބާރު ދުއްވައިލާން ޖެހޭ ކަމަށް ބުނެއެވެ.