ޔުކްރޭންގައި ތިބި 15 ދަރިވަރަކު ރާއްޖެ ގެނެސްފި
 
                                                        ޔުކްރޭނުގައި ތިބި ދިވެހިންގެ ތެރެއިން އެ ގައުމުގެ ހުޅަނގުގައި އޮންނަ އިވަނޯގައި ތިބި 15 ދަރިވަރަކު މިއަދު ރާއްޖެެ ގެނެސްފިއެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިރޭ ވިދާޅުވީ ހަންގޭރީގެ ބުޑަޕެސްޓް ހުރަސްކުރި 15 ދިވެހި ދަރިވަރުން މިއަދުގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާ ކަމަށެވެ.
އެ ދަރިވަރުން މާލެ އައިސްފައި ވަނީ މިއަދު ރާއްޖޭ ގަޑިން ހަވީރު 15:10ހާއިރުއެވެ.
ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ ނިންމަވައިފައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިހާރު ވެސް ޔޫކްރެއިންގައި ތިބި ދިވެހިންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައި މިހާރު ކުރަމުންގެންދާ ހަނގުރާމައިގައި ޔޫކްރޭންގެ އާއްމުންގެ 200އެއްހައި މީހުން މިހާރު ވަނީ މަރުވެފައެވެ. އަދި ދެލައްކައެއްހައި މީހުން ގެދޮރުދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކޮށްފައިވާ އިރު އެތައް ސަތޭކަ ބަޔަކު ވަނީ ދާނެ ތަނެއް ނެތި މަގުމަތިވެފައެވެ.
 
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
