ރަޝިޔާއިން ޔޫކްރެއިންއަށް ދިން ހަމަލާއެއްގައި އިންޑިޔާ ދަރިވަރަކު މަރުވެއްޖެ
އަންގާރަ ދުވަހު ހެނދުނު ރަޝިޔާއިން ދިން ބޮމުގެ ހަމަލާއެއްގައި ޔޫކްރެއިންގެ ޚަރްކިވް ސިޓީގައި ދިރިއުޅޭ އިންޑިއާގެ ދަރިވަރަކު މަރުވެއްޖެއެވެ.
އިންޑިއާގެ ރަސްމީ އިދާރާތަކުން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އިންޑިއާގެ ހާރިޖީ ވުޒާރާގެ ރަސްމީ ތަރުޖަމާނު އާރިންދަމް ބާގްޗީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޚަރްކިވްގައި ދިން ބޮމުގެ ޙަމަލާގައި އިންޑިއާގެ ދަރިވަރެއްގެ ފުރާނަ ގެއްލިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި މިއީ މުޅި ޤައުމަށް ލިބުނު ފުން ހިތާމައެއް ކަމަށާއި އެ މިނިސްޓްރީން އޭނާގެ އާއިލާއާއަށް އެކަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮމުގެ ހަމަލާގައި މަރުވެފައި ވަނީ ކަރްނާޓަކާ ސްޓޭޓްގެ ނަވީން ޝޭކަރްޕް ނަމަކަށް ކިޔާ މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އޭނާ މަރުވެފައިވަން ޚަރްކިވްގެ އިދާރީ އިމާރާތަކަށް ދިން ބޮމުގެ ހަމަލާއެއްގައެވެ. ބޮމުގެ ހަމަލާ ދިން އިރު، ނަވީން ހުރީ އެތާ ކައިރީ ހުރި ފިހާރައަކަށް ކާބޯތަކެތި ގަތުމަށް ގޮހޮއެވެ.
ހާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވީ، ނަވީންގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާގެ ސަރުކާރުން ވަނީ ޔޫކްރެއިންގައި ކިޔަވަމުން އަންނަ ދަރިވަރުން ވަގުތުން ވަގުތަށް އިންޑިއާއަށް ދިޔުމަށް އަންގައިފައެވެ. ނަމަވެސް އެ ދަރިވަރުންގެ ދަތުރުފަތުރުގެ ކަންކަން އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައެއް ނުވެއެވެ.
މިހާރު ވެސް ޔޫކްރެއިންގައި 12،000އަށް ވުރެ ގިނަ ދަރިވަރުން ތިބި ކަމަށް ދަ ހިންދޫ ޓައިމްސްއިން ރިޕޯޓްކުރެއެވެ. ހަނގުރާމަ ފެށިއިރު، 80،000އާ ގާތް ކުރާ އަދަދަކަށް އެހެން ޤައުމުތަކުގެ ކިޔަވާ ކުދިން އެ ޤައުމުގައި ތިއްބެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަކަކަށް ހިމެނެނީ އިންޑިއާގެ ދަރިވަރުންނެވެ. ޔޫކްރެއިންގައި ރާއްޖޭގެ 51 ދަރިވަރަކު ހަނގުރާމަ ފެށުނުއިރު ތިއްބެވެ.